News
ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލަށް ބޫޓާން ދަތުރުކޮށްފި
27 ޖުލައި 2019
ދުނިޔޭގެ ރޭންކިންގެ އެންމެ ފަހަތުގައި އުޅޭ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ބޫޓާންގެ 15 އަހަރުން ދަށުގެ ޓީމު ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ބޫޓާން ފައިނަލަށް ދިޔައީ މިއަދު ހަވީރު ވަރުގަދަ ސައުދީ އަރަބިއާ ބަލިކޮށްގެންނެވެ. މުބާރާތް ކުރިއަށްދާ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ބޫޓާން ކާމިޔާބުކުރީ 2-1 އިންނެވެ. ފައިނަލުގައި ބޫޓާން ވާދަކުރާނީ ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ލެޓްވިއާ އާއި އެވެ.
މިއަދުގެ މޮޅާ އެކު ބޫޓާން ފައިނަލަށް ދިޔައީ ކުޅުނު ތިން މެޗުންގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާ އެކު އެވެ. ބޫޓާނުން ފުރަތަމަ މެޗުގައި 2-1 އިން ރާއްޖޭގެ ޓީމު ބަލިކުރިއިރު ދެ ވަނަ މެޗުގައި ލެޓްވިއާ އަތުން ބަލިވީ 5-3 އިންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ މާދަމާ އެވެ. މި މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ލެޓްވިއާ އާއި ރާއްޖެ އެވެ. މުބާރާތުގައި ފައިނަލުގައި ލެޓްވިއާ އާއި ބޫޓާން ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ބޫޓާން އަކީ ރަނގަޅު ޕްލޭންއަކާ އެކު ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް ކުޅެ ބޮޑު ތަފާތުން މީގެ ކުރިން ބަލިވި ނަމަވެސް މިހާރު އެ ގައުމުން އަންނަނީ ރަނގަޅު ވާދައެއް ކޮށް ކުރިއެރުން ހޯދަމުންނެވެ.
ފޮޓޯ: އެފްއޭއެމް
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް ވަނީ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވިއިރު ދެ ވަނަ މެޗުގައި ސައުދީ އަތުން ވަނީ 6-0 އިން ބަލިވެފަ އެވެ.
FAM