News
ދިވެހި ރައްޔިތުންގެ ފައިސާއިން އެންމެގިނަ ހޭދަ ކުރާ ކުޅިވަރުތައް މިފަހަރުވެސް އެންމެ ފުލަށް
25 ޖުލައި 2019
ދިވެހި ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑު ހޭދަ ކުރާ ދެކުޅިވަރު ކަމުގައިވާ ފުޓުބޯޅަ އާއި ވޮލީ ބޯޅަ މިފަހަރުވެސް އޮތީ އެންމެ ފުލުގައެވެ.
މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ އެންމެ ފުލުގައި އޮވެ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ވަނީ މުބާރާތް ނިންމާލާފައެވެ. އަދި ހަމަ އެއާއި އެކު ވޮލީ އަންހެން ޓީމްވެސް ވަނީ އެއްވެސް މެޗަކުން މޮޅު ނުވެ މުބާރާތް ނިންމާލާފައެވެ. ވޮލީ ފިރިހެންޓީމު އެއް މެޗުން މޮޅުވި ނަމަވެސް ގްރޫޕް ސްޓޭޖުން ވަނީ މުބާރާތާއި އަލްވަދާއު ކިޔާފައެވެ.
މި ދެކުޅިވަރުގެ އިތުރުން ދެން އެންމެ ގިނަ ޚަރަދު ކުރާ ބާސްކެޓްވެސް ވަނީ ހުރިހާ މެޗަކުން ބަލިވެ މުބާރާތް ނިންމާލާފައެވެ. މިދިޔަ އަހަރު ޕްރެކްޓިސް ކުރާނެ ތަނެއް ނެތި އެންމެ ހާލުގައި ފަރިތަކުރުންތައް ގެންދިޔަ ޓީޓީ އިން ވަނީ 2 ރަންމެޑަލް ހޯދައި މުޅި ގައުމު ހެއްވާލާފައެވެ.
މިހެން ވުމުން ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް ވަނީ ނާކާމިޔާބުވީ ޓީމްތަކަށް އަމާޒުވެފައެވެ. އުފެދޭ ސުވާލަކީ އެންމެ ގިނަ ވަސީލަތްތައް ލިބެން ހުރި ކުޅިވަރުތަކުން ނާކާމިޔާބާއި ކޮންމެ ފަހަރަކު ކުރިމަތި ލާން ޖެހެނީ ކީއްވެގެންބާއެވެ؟
ބައެއް ކުޅިވަރު ތަޖްރިބާ ކާރުންނާއި ސުވާލު ކޮށްލުމުން ގިނަ މީހުންގެ ޖަވާބަކަށް އައީ ދިވެހި ޒުވާނުންގެ ހުނަރު އެބަހުރިކަމަށެވެ. ބޭނުންވަނީ އެ މީހުން ތަމްރީން ކުރާނެ "ރަނގަޅު" ޓްރެއިނަރުންނާއި ކޯޗުންނެވެ. އަދި މިހާރަށް ވުރެ ކުޅުންތެރިންގެ ސްޕޯޓްސް ޑިސިޕްލިން ރަނގަޅު ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ގިނަ މީހުން ފާހަގަ ކުރެއެވެ.
ރާއްޖޭގެ ގިނަ ގައުމީ ޓީމްތަކުގައި ތިބީ އިންޓަރނޭޝަލް ލެވަލް އަށް ޓީމްތައް ތައްޔާރު ކުރެވޭ ވަރުގެ ކޯޗުންނާއި ޓްރެއިނަރުންކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ބޮޑެތި ޚަރަދުކޮށްގެން ގައުމީ ޓީމްތައް މުބާރާތް ތަކަށް ތައްޔާރު ކުރުމަށް މީހުން އައްޔަން ކުރަނީ ކޮންމެ އެސޯސިއޭޝަނެއްގެ ފަރާތުން ކަމަށްވާއިރު އެ އެސޯސިއޭޝަނުގައި އެއިރަކު ތިބޭބަޔަކު ހިންހަމަ ޖެހޭ ބަޔަކަށް ހަދިޔާ ދޭ އުސޫލުން ފެންވަރު ނެތް ފަރާތްތަކަށް އެފަދަ މަގާމުތައް ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ.
ކުޅިވަރު ސަޕޯޓަރުންނާއި ކުޅިވަރުގެ ތަޖްރިބާކާރުން ވެސް ގަބޫލު ކުރާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮޅެތި ކޯޗުންނާއި ޓްރެއިނަރުން ގެނެސް ޓީމްތަކަށް ތަމްރީނު ދިނުން ވަރަށް މުހިއްމެވެ. ނަމަވެސް ބޭރުން މީހަކު ގެންނައިރު އެމީހަކީ ކޮންފެންވަރެއްގެ މީހެއްތޯވެސް ބަލަންވެސްޖެހެއެވެ.
ހަމަ މިއާއިއެކު ރަނގަޅު ކާމިޔާބީއަކާއި ހަމަޔަށް ދިޔުމަށްޓަކައި ރަނގަޅު ޔޫތު ޑިވެލޮޕްމަޓް ޕްރޮގްރާމްތައް ހިންގަންޖެހެވެ. ފުޓުބޯޅަ އަށް ބަލާލާއިރު ކޮންމެވެސް ވަރެއްގެ ޔޫތު ޑިވެލޮޕްމަޓް ޕްރޮގްރާމެއް ކުރިޔަށް ގެންދެއެވެ. ނަމަވެސް އެންމެ އެދެވޭ ގޮތަކަށް ނޫނެވެ.
ވޮލީ އަށް ބަލާއިރު އެއްވެސް ވަރަކަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ނެތެވެ. މިހާރު ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ މަދަމާވެސް ރިޓަޔަރ ކުރަން ވެފައި ތިބި ކުޅުންތެރިންނެވެ. ނަމަވެސް އެ ކުޅުންތެރިން ރިޕްލޭސް ކުރެވޭވަރު ޒުވާން ކުޅުންތެރިން ނެތުމުން އެކުޅުންތެރިން ބައިތިއްބަން އެއިރެއްގަ ހުންނަ ކޯޗަކަށް މަޖުބޫރުވެއެވެ.
އަދި މި ފާހަގަ ކޮށްލީ ވަރަށް މަދު ކަންކަމެވެ. މި ނޫޫނަސް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެކަން ކަން ރަނގަޅު ނުކޮށް ޓީމްތަކަށް ދިވެހި ރައްޔިތުންގެ ފައިސާއިން މިކުރަނީ ހަމަ ބޮޑު އިސްރާފެކެވެ.
football Volleyball