News
އައިއޯއައިޖީ: ބީޗް ވޮލީ ފައިނަލް މެޗްތަކުގެ ރެފްރީކަން ކޮށް އިންމަ ގައުމު ފަޚުރުވެރި ކޮށްދީފި
24 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗް ވޮލީ ބޯޅައިގެ މިއަދު ކުޅުނު ފައިނަލްގެ ދެމެޗްގައިވެސް ރާއްޖޭގެ ބީޗް ރެފްރީ އިސްމާޢީލް އަބްދުﷲ (އިންމަ) ރެފްރީކަން ކޮށް ގައުމު ފަޚުރުވެރިކޮށްދީފިއެވެ.
މިމުބާރާތުގެ ފައިނަލްގެ ދެ މެޗްގައި ރެފްރީކަން ކުރުމަށް އިސްމާޢީލް އަބްދުﷲއަށް ފުރުސަތު ލިބުނީ މުބާރާތުގައި ރެފްރީކަން ކުރި 7 ރެފްރީންގެ ތެރެއިންް މެޗްތަކުގައި ރެފްރީކަން ކުރިގޮތަށްބާލާ، އިންމަގެ ނިންމުންތަށް ރަގަނޅު ވުމުންނެވެ.
ބީޗް ވޮލީ ބޯޅައިގެ އަންހެން ފައިނަލް މެޗްގައި އިސްމާޢީލް އަބްދުﷲ (އިންމަ) ހުރީ ދެވަނަ ރެފްރީއަކަށެވެ. އަންހެން ފައިނަލް މެޗްގައި ވާދަކުރީ މޮރިޝަސް އާއި ރީޔޫނިއަންއެވެ.
އަދި ބީޗް ވޮލީ ބޯޅަ ފިރިހެންބައިގެ ފައިނަލް މެޗްގައި އިންމަ ރެފްރީކަން ކުރީ ފުރަތަމަ ރެފްރީއެއްގެ ގޮތުގައިއެވެ. އެއީވެސް މޮރިޝަސް އާއި ރީޔޫނިއަން މިދެ ޤައުމް ވާދަކުރި މެޗެކެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗް ވޮލީއިން ރާއްޖެއިން ރިހި މެޑަލް ހޯދާފައިވާއިރު، ބީޗް ވޮލީގައި ރާއްޖޭން ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 2-1 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ރީޔޫނިއަން އަތުން 2-0 އިން ބަލިވެފައެވެ. އެކަމަކު އިއްޔެ މޮރިޝަސްގެ މައްޗަށް 2-1 އިން ކުރި ހޯދައި އުއްމީދު އާ ކުރިއެވެ. އަދި މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވިއެވެ. އެ މެޗުން މޮޅުވެ ރާއްޖެ އަށް ރިހި މެޑަލް ހޯދުމުގެ އުއްމީދު ބޮޑުވިއެވެ. ރާއްޖެ އަށް ރިހި މެޑަލް ޔަގީންވީ ފަހު މެޗުގައި މޮރިޝަސް އަތުން ރީޔޫނިއަން މޮޅުވުމުންނެވެ. މިއީ ބީޗް ވޮލީ ބޯޅަ އިން މިހާތަނަށް ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީއެވެ.
ރާއްޖޭގެ އެކްޓިން ހަމައެކަނި ބީޗް އިންޓަރނޭޝަނަލް ރެފްރީއަކީ ކުރީގެ ވީއޭއެމެގް ޖެނެރަލް ސެކެޓްރީ ހުސެއިން މުޙައްމަދެވެ. ބީޗް ރެފްރީ އިސްމާޢީލް އަބްދުﷲ (އިންމަ)އަކީ ރާއްޖޭގައި ހުރި ހަމައެކަނި އޭވީސީ ބީޗް ރެފްރީ ކެންޑިޑޭޓެވެ. އޭވީސީ ބެޖް އިންމަ އަށް ލިބޭނީ އޭވީސީ އިން ބާއްވާ މުބާރާތެއްގައި ފަސް މެޗް ހަމަވުމުންނެވެ.
Volleyball