News
އައިއޯއައިޖީ: އަންހެން އަދި ފިރިހެން ވޮލީ ޓީމު ވެސް ކަޓައިފި
24 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ވޮލީ ބޯޅައިގެ ފިރިހެން އަދި އަންހެން ދެޓީމު ވެސް މުބާރާތުން ކަޓައިފިއެވެ.
ފިރިހެންޓީމު ކެޓީ އިއްޔެ ރީޔޫނިއަން އާ ވާދަކޮށް 3-1 އިން ބަލިވުމުންނެވެ. ރީޔޫނިއަން އިން މެޗްގެ ފުރަތަމަ ދެސެޓް ގެންދިޔަ ނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރާ 25-22 އިން ތިންވަނަ ސެޓް ގެންގޮސްފައެވެ. ފުރަތަމަ ދެ ސެޓް ރީޔޫނިއަން އިން ކާމިޔާބު ކުރީ 25-22 އަދި 25-21 އިންނެވެ. ރާއްޖޭގެ ޓީމް ބަލިވީ ހަތަރުވަނަ ސެޓް 25-18 އިން ރީޔޫނިއަން ކާމިޔާބުކުރުމުންނެވެ.
ފިރިހެން ބައިގެ ޕޫލް ބީގައި ހިމެނޭ ރާއްޖޭގެ ޓީމް ފުރަތަމަ މެޗުގައި މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް އެޓީމް ވަނީ ދެވަނަ މެޗުގައި އިއްޔެ ސީދާ ތިން ސެޓުން ކޮމޮރޯސް ބަލިކޮށްފައެވެ. މިމެޗްގެ ސެޓްތައް ތާއްޖެ ކާމިޔާބުކުރީ 25-23، 25-20 އަދި 25-19 އިންނެވެ.
މުބާރާތުގައި ވާދަކުރާ އަންހެން ވޮލީބޯޅަ ޓީމް ވެސް ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރީޔޫނިއަން އަތުން ސީދާ ތިން ސެޓުން ބަލިވެ، މުބާރާތުން ކަޓާފައެވެ. ފުރަތަމަ ސެޓް 25-12 އިން ރީޔޫނިއަން ކާމިޔާބު ކުރިނަމަވެސް ފަހު ދެސެޓްގައި ރާއްޖޭގެ ޓީމް ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. މިމެޗުގެ ފަހު ދެސެޓް ރީޔޫނިއަން ކާމިޔާބުކުރީ 25-22 އަދި 25-19 އިންނެވެ. އަނެހެން ވޮލީގެ ޕޫލް ޑީގައި ތިން ޓީމް ވާދަކުރާއިރު ރާއްޖޭގެ އަންހެން ޓީމް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސީޝެލްސް އަތުންވެސް ބަލިވެފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ރާއްޖޭގެ ފިރިހެން ވޮލީ ޓީމު އައީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައިއޯޖީ އަދި ސެންޓަރަލް ޒޯން މުބާރާތަށް ތައްޔާރުވަމުންނެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިދިޔަ މަހު ސާބިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ޓްރެއިނިން ކޭމްޕެއްގައި ފިރިހެން ވޮލީ ޓީމު ވަނީ މި މަހުގެ 3 އިން 14 އަށް އެގަމުގައި ތަމްރީނުތައް ވެސް ފުރިހަމަ ކޮށްފަ އެވެ.
Volleyball