News
ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖޭގެ ފުޓުބޯޅަ ޓީމު އައިއޯއިޖީ އިން ކަޓައިފި
22 ޖުލައި 2019
މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ރާއްޖޭގެ ފުޓުބޯޅަ ޓީމު ކަޓައިފިއެވެ.
މިއަދު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރާއްޖެ ބަލިވީ މަޔޯޓޭއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ގޯލް ޖަހަން ދެޓީމަށްވެސް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ މަޔޯޓޭއިންނެވެ.
ނަމަވެސް މަޔޯޓޭއިން ރަނގަޅަށް ކުޅެމުންދަނިކޮށް، 22 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ. މަޔޯޓޭއިން ވަނީ އެ ގޯލާއެކު ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ.
ދެވަނަ ހާފް ފެށިގެންވެސް މަޔޯޓޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި މަޔޯޓޭއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތައް ވަނީ ނާކާމިޔާބުވެފައެވެ.
މި ނަތީޖާއާއެކު ރާއްޖެ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔައިފައެވެ. މުބާރާތުގައި ރާއްޖެ ކޮޅަށް 10 ލަނޑު ވަދެފައިވާއިރު، ރާއްޖެއަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ.
Maldives National Team