News
ބީޗް ވޮލީ ޓީމުން ރިހި މެޑަލް ހޯދައިފި
22 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީބޯޅައިގެ ފިރިހެން ޓީމު އިވެންޓުން ރާއްޖެއިން ރިހި މެޑަލް ހޯދައިފިއެވެ.
ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެފައެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ ދެވަނައެވެ. މިއީ އައިއޯއައިޖީގައި ބީޗް ވޮލީން ހޯދި ފުރަތަމަ މެޑެއްޔެވެ.
މުބާރާތުގައި މިއަދު ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 2 ގޭމުންނެވެ. މެޗުގެ ފުރަތަމަ ޓައި ރާއްޖެ ކާމިޔާބުކުރީ 21-18 އަދި 21-18 އިންނެވެ. ދެވަނަ ޓައި ރާއްޖެއިން ކާމިޔާބުކުރީ 21-13 އަދި 21-14 އިންނެވެ.
އަދި އިއްޔެ ރާއްޖޭގެ ޓީމުން ވަނީ މޮރިޝަސް އަތުން 2-1 އިން މޮޅުވެފައެވެ. ފުރަތަމަ ޓައި ރާއްޖެއިން ކާމިޔާބުކުރީ 21-14 އަދި 21-0 އިންނެވެ. އެކަމަކު ދެވަނަ ޓައިގައި ރާއްޖޭގެ ޓީމު ވަނީ 21-18 އަދި 21-15 އިން ބަލިވެފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ޓައި ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 23-21 އަދި 21-18 އިންނެވެ.
މީގެ ކުރިން ރާއްޖެ ވަނީ ކޮމޮރޯސް އަތުންވެސް މޮޅުވެފައެވެ. ކޮމޮރޯސް އަތުން މޮޅުވީ 2-1 އިންނެވެ. ފުރަތަމަ ޓައި ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 21-19، 14-21 އަދި 10-15 އިންނެވެ. އެކަމަކު މެޗުގެ ދެވަނަ ޓައި ކޮމޮރޯސްއިން ކާމިޔާބުކުރީ 21-12 އަދި 21-18 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ޓައި ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 18-21 އަދި 17-21 އިންނެވެ. މި އިވެންޓުގައި ރާއްޖެ ބަލިވީ ރީޔޫނިއަން އަތުން އެކަންޏެވެ.
މިއަހަރު އައިއޯއައިޖީގައި ބީޗް ވޮލީގައި ރާއްޖެއިން ބައިވެރިވީ ފިރިހެން ބައިގައި އެކަންޏެވެ.