News
އައިއޯއައިޖީގައި ރާއްޖޭގެ ބީޗް ވޮލީ ޓީމުން މޮރިޝަސް ބަލި ކޮށްފި
21 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ބީޗް ވޮލީބޯލް ޓީމް މުބާރާތުގައި ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗް އިން މޮޅުވެޖެއެވެ.
މިއަދު މޮރިޝަސްއާ ވާދަކުރި މެޗުން ދިވެހި ޓީމް މޮޅުވީ 2-1 އިންނެވެ. މިއަދު މޮރިޝަސް އަތުން މޮޅުވި އިރު އިއްޔެ ދިވެހި ޓީމް ވަނީ ކޮމޮރޯސް ވެސް މި ނަތީޖާއިން ބަލިކޮށްފަ އެވެ. ނަމަވެސް އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ރިޔޫނިއަން އަތުން ވަނީ ދެ ގޭމުން ބަލިވެފަ އެވެ. މި މެޗް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ވަނީ ބައްލަވާ ލައްވާފައެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ޓައި ރާއްޖޭގެ ޓީމުން ކާމިޔާބު ކުރިއިރު ދެ ވަނަ ޓައި ކާމިޔާބުކުރީ މޮރިޝަސް އިންނެވެ. ރާއްޖޭގެ ޓީމުން ފުރަތަމަ ޓައިގެ މެޗުތައް ގެންދިޔައީ 21-0 އަދި 21-4 އިންނެވެ. މޮރިޝަސް އިން ދެ ވަނަ ޓައި ކާމިޔާބުކުރީ 21-18 އަދި 21-15 އިންނެވެ. ރާއްޖޭގެ ޓީމުން މެޗު ކާމިޔާބު ކުރީ ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ޓައި ގައި 23-21 އަދި 21-18 އިން މޮޅުވެގެންނެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ބަލާއިރު ދެ މެޗުން މޮޅުވެފައިވަނީ ރާއްޖެ އާއި ރިޔޫނިއަން އެވެ. ކޮމޮރޮސް އަދި މޮރިޝަސް އެއް މެޗުން މޮޅުވި އިރު ސީޝެލްސް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ބީޗް ވޮލީގެ ފަހު މެޗުތައް ކުޅޭނީ މާދަމާ އެވެ.
Volleyball