News

ރާއްޖޭގެ ވޮލީގެ ހާލަތު ދުނިޔޭގެ ވޮލީ ފެޑެރޭޝަނުން ބަލަން ނިންމައިފި

6 ޖުލައި 2019






ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފާހަގަކުރެވި، އެ އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީ އުވާލައި އެ އިދާރާ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމާފައި ވާތީ އެކަންބެލުމަށް ވޮލީގެ ބެލެނިވެރި ފަރާތްކަމުގައިވާ ފެޑެރޭޝަން އެފްއައިވީބީން ނިންމައިފި އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް، ހިންގާ ކޮމިޓީ އުވާލައި އިންޓަރިމް/ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީއާ ހަވާލުކޮށްފައިވަނީ އެސޯސިއޭޝަން ހިންގުމުގެ އިތުރުން ހުރި މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި އިސްލާހުކޮށް އާ އިންތިހާބަކަށް ދިއުމެވެ. ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލަން ނިންމީ މިދިޔަ މެއި މަހު ވީއޭއެމާ ގުޅޭގޮތުން ހުށަހެޅުނު ސީރިއަސް މައްސަލަތަކެއް ބެލުމަށް އެކުލަވައިލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބެލުމަށް ފަހު އެވެ.

އެފްއައިވީބީގެ ޖެނެރަލް ޑިރެކްޓަރު ފަބިއޯ އަޒެވޭޑޯ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިންޓަރިމް ކޮމިޓީއަކާ ވީއޭއެމް ހިންގުން ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ ފެޑެރޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި ވީއޭއެމް އޮފީސް ވެސް ހިންގަނީ އިންޓަރިމް ކޮމިޓީންކަން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފެޑެރޭޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ކަމާ ބެހޭ މައުލޫމާތުތައް އެއްކުރުމަށް ކަމަށެވެ.

ބައިނަލްއަގްވާމީ ވޮލީ އިދާރާ އިން ބުނިގޮތުގައި، ވީއޭއެމް އަކީ އެފްއައިވީބީގެ ފުރޮހަމަ މެމްބަރެކެވެ. އެއާ އެކު ވީއޭއެމަށް ލިބޭ ހައްގުތަކެއް ހުންނާނެ ކަމަށާއި މި ވަގުތަށް އެފްއައިވީބީ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ލަތީފްގެ ލީޑަޝިޕްގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީ އުވާލަންޖެހޭ ސަބަބެއް އެނގިފައި ނެތް ކަމަށެވެ. އަދި މައުލޫމާތުތައް ލިބި ތަހުގީގީ މަރުހަލާ ނިމެންދެން އެފްއައިވީބީން ދެކޭނީ ވީއޭއެމްގެ ހިންގާ ކޮމިޓީ އަކީ ލަތީފްގެ އެންމެ ފަހުގެ ހިންގާ ކޮމިޓީ ކަމަށް އެފްއައިވީބީގެ ސިޓީގައި ވެ އެވެ.

އެފްއައިވީބީން ވަނީ މި ކަމުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުން ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ)، ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.

 

Volleyball

Leave a Comment:

Comments will be published after moderation.