News
30 ޓާފް ދަނޑާއި 30 ފުޓްސަލް ދަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިޔަށް ދާނެ: ރައީސް
4 ޖުލައި 2019
ފުޓުބޯޅަ ކުޅުމަށް ބޭނުންވާ ބޮޑެތި ސައިޒުގެ 30 ޓާފް ދަނޑާއި 30 ފުޓްސަލް ދަނޑުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިޔަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށް މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ އަހައްމިޔަތެއް ދެއްވައިގެން ކުރިޔަށް ގެންދަވާ ދާއިރާއެއް ކަމަށާއި ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑޯ ކުޅިވަރުތައް ކުޅުމަށް ޚާއްސަ އިންޑޯ ސްޓޭޑިއަމް އާއި ކްރިކެޓް ތަރައްގީ ކުރުމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާތަން ފެންނާނެ ކަމަށެވެ.
ދާދި ފަހުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު ވަނީ މިއަހަރުތެރޭ އިތުރު 14 ރަށެއްގައި ފުޓުބޯޅަ ދަނޑުތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަން އިއުލާނު ކޮށްފައެވެ.