News
މިރޭގެ މެޗުގައި ދަ ގްރާންޑޭ އަށް އެއްވެސް ޕްރެޝަރެއް ނެތް، ޕްރެޝަރ އޮތީ ގްރީންއަށް
4 ޖުލައި 2019
މިރޭގެ މެޗުގައި ދަ ގްރާންޑޭ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި ޕްރެޝަރ އޮތީ ކްލަބް ގްރީން ސްޓްރީޓަށް ކަމަށް ދަ ގްރާންޑޭގެ މެނޭޖަރ މުހައްމަދު އަމްޖަދު ވިދާޅުވެއްޖެއެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ދަ ގްރާންޑޭގެ ޒުވާން މެނޭޖާރ ވިދާޅުވީ " މިރޭގެ މެޗްގައި އަހަރެމެންނަށް ނެތް ޕްރެޝާރ އެއް. ގްރީން އަށް ކަންނޭގެ މިރޭގެ މެޗްގައި ޕްރެޝަރ އޮތީ، އަހަރެމެން ބަލާނީ ހަމަ ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވެވޭތޯ މި މެޗްއިންވެސް" ކަމަށެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒެއިން އިދިކޮޅު ޓީމު ކުޅުނަނުދީ މެޗު ލަސްކޮށްގެން ނަތީޖާ ނެރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ރޫހަށް ބަލާއިރު އެއީ މޮޅު ކަމެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ ބޮޑު ހަރަދުކޮށްގެން ސީޒަނަަކަށް ތައްޔާރުވާ ޓީމަކަށް އޮންނާނެ ގޮތަކީ މޮޅަށް ކުޅެގެން ނަތީޖާ ނެރުން ކަމަށެވެ. އެކަމަކު ދެން ނުކުންނަ، ތައްޔާރީގެ ގޮތުން ތަންކޮޅެއް އާދައިގެ ޓީމުތަކުން މެޗު ލަސްކޮށްލައިގެން ނަތީޖާ ނެރެން އުޅޭ ނަމަ ލަދުގަންނަންޖެހޭ ކަމަށާއި އެކަންތައްތައް މީޑިއާ އިން ވެސް ފާހަގަކުރަންޖެހޭނެ ކަމަށް ބުންޏެވެ.
ގްރީން ސްޓްރީޓްސް އިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ބަލިވެފައިވާއިރު، އެ ޓީމުގެ އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި ދަ ގްރާންޑޭ އޮތްއިރު މިރޭގެ މެޗުން މޮޅުވެގެން ބްރޭކަށްދާއިރު އެ ޓީމަށް އެއް ވަނަ މަގާމު ދެމެހެއްޓޭނެ އެވެ.