News
އައިއޯއައިޖީއަށް ތައްޔާރުވާ ގައުމީ ވޮލީޓީމް ސާބިއާގައި ޓްރެއިނިން ހެދުމަށް ފުރައިފި
4 ޖުލައި 2019
ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާ ގައުމީ ސީނިއާ ފިރިހެން ވޮލީބޯޅަ ޓީމު އިތުރު ތަމްރީނުތަކަށް ސާބިއާއަށް އިއްޔެ ފުރައިފިއެވެ.
ޓީމް ފުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޓީމާއި ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވާފައެވެ.
އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމީ ޓީމު ތައްޔާރުވަމުންދާއިރު މި ޓްރެއިނިން ކޭމްޕް ކުރިއަށްދާނީ ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގައުމީ ޓީމު ސާބިއާގައި ކޭމްޕް ކުރުމުގެ ހުރިހާ އެހީއެއް ސާބިއާގެ ސަރުކާރުން ފޯރުކޮށްދޭއިރު މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕުގައި ތަމްރީނުތައް ފުރިހަމަކުރާ ފުރަތަމަ ފަހަރެވެ.
މި ދަތުރު ހޯއްދަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ސާބިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ވޮލީގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމަށްވެސް ސާބިއާގައި ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުޅުންތެރިންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ މިއީ ޔޫރަޕްގެ ގައުމަކަށް އިތުރު ތަމްރީނުތަކަށް ގައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުސަތު ކަމުން މި ދަތުރުގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސާބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދާފައިވާ ޤައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުއްމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައިއޯއައިޖީ އިން ދިވެހި ގައުމީ ވޮލީ ޓީމު މެޑެއްޔެއް ހާސިލްކުރުން ކަމަށެވެ.
ސާބިއާ އަކީ ދުނިޔޭގެ ވޮލީ ރޭންކިންގެ 10 ވަނައިގައި އޮތް ގައުމު އެވެ. އެގައުމުން ވަނީ އޮލިމްޕިކް ރަން މެޑަލް އެއް ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ.