News
ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސަރ ކުރީ މިފަހަރުވެސް ބީއެމްއެލްއިން
2 ޖުލައި 2019
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުންް ދެ އަހަރުގެ މުއްދަތަކަށް އިތުރުކޮށްފި އެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދިޔައީ އިއްޔެ ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް އެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނުޓީ އެމްޕަވަމަންޓް އަހްމަދު މަހުލޫފް ވެސް ބައިވެރިވަޑައިގެންނެވި އެވެ.
މިރަސްމިއްތުގައި ޝަރީފް ވިދާޅުވީ ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް މި ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަަށެވެ. އަދި ގައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ މަންޒަރު ކަމަށާއި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް ބޭނުންވާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެއަހަރު ފިރިހެން ސީނިއަ ގައުމީ ޓީމާއި، އަންހެން ސީނިއަ ގައުމީ ޓީމާއި އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެ އެވެ. މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިން ހިމެނިގެންދާނެ އެވެ.