News
ފުޓްބޯޅައިން އައިއޯއައިޖީގައި ވާދަކުރާނީ ސީނިއާ ޓީމު
2 ޖުލައި 2019
މި މަހު 19 އިން 29 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭން ވާދަކުރާނީ ސީނިއާ ގައުމީ ޓީމު ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ މުބާރާތުގައި ކުޅޭ ޓީމު ސްކޮޑު ފައިނަލްކޮށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިން ކަމަށެވެ. އަދި ދާދި ފަހުން އޮތް އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނު ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން މި މުބާރާތަށް ޒުވާން ޓީމެއް ފޮނުވުމުގެ ވިސްނުމެއް އެފްއޭއެމުން ގެންގުޅުނެވެ. އެކަމަކު ސީނިއާ ޓީމެއް މި މުބާރާތަށް ފޮނުވަން ނިންމީ މިދިޔަ އަހަރުގެ ސާފް ކާމިޔާބުކުރި ޓީމަކީ ވެސް ނިސްބަތުން ޒުވާން ސްކޮޑަކަށްވެފައި އެ ކުޅުންތެރިންނަށް ވާދަވެރި އިތުރު މެޗުތަކެއް ދިނުމުގެ ގޮތުންނެވެ.
އެފްއޭއެމްއިން ބުނެފައިވަނީ އައިއޯއަައިޖީ އަށް ސްކޮޑު ނެގުމުގައި ގައުމީ ކޯޗު ޕީޓަ ސެގާޓާއި ޓެކްނިކަލް ޑިޕާޓްމަންޓުން ގޮތެއް ނިންމައި ސީނިއާ ޓީމަކަށް ފުރުސަތުދޭން ނިންމީ މި ވަގުތަށް ބަލާއިރު ރަނގަޅު މެޗުތަކެއް ގައުމީ ޓީމަށް ވެސް މުހިއްމުވާތީ އެވެ. އަދި ގައުމީ ސީނިއާ ޓީމުގައި މި ވަގުތު ވެސް ޒުވާން ކުޅުންތެރިން ގިނަ ކަމަށާއި އެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް މުހިއްމުވާނެތީއެވެ. މި ފަހަރުގެ އައިއޯއައިޖީ އަކީ ރާއްޖޭގެ ގައުމީ ޓީމަށް މުހިއްމު މުބާރާތެކެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކެއް މި އަހަރު އޮތުމާ އެކު އޭގެ ކުރިން ކުޅެލަން ލިބޭ ވާދަވެރި ރަނގަޅު މެޗުތަކަކަށް ވާތީވެ އެވެ. ކޮލިފައިން ގުރުނެގުން އޮންނާނީ މި މަހުގެ 17 ގަ އެވެ.
އެންމެ ފަހުން 2015 ވަނަ އަހަރު ރިޔޫނިއަންގައި އޮތް އައިއޯއައިޖީގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ބަލްގޭރިއާގެ ކޯޗު ވެލިޒާ ޕޮޕޯފް އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މެޔޯޓް އަތުން 3-1 އިން ރާއްޖެ ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން 2-1 އިން މޮޅުވި އެވެ. އެކަމަކު ފަހު މެޗުން މަޑަގަސްކަރަ އަތުން 4-0 އިން ބަލިވީ އެވެ.
މި މަހު ފަށާ އައިއޯއަައިޖީގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގަ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގައި ރަނގަޅު ވާދައެއް ކުރަމުން އަންނަ މަޑަގަސްކަރަ އެވެ. ވަރުގަދަ ނައިޖީރިއާ އަތުން 2-0 އިން މޮޅުވެ އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.