News
އަހަރު ތަކަކަށްފަހު މުހައްމަދު އަމީޒް އަލުން އެފްއޭއެމްއަށް
2 ޖުލައި 2019
އޭއެފްސީ އާއި ޖަޕާން ފުޓްބޯޅަ ފެޑަރޭޝަނުގެ ރެފްރީން ކަންތައްތައް ބަލަހައްޓަން 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު ކުރީގެ ތަޖުރިބާރު ރެފްރީ މުހައްމަދު އަމީޒު އިއްޔެ އެފްއޭއެމާ ގުޅިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ އަމީޒު ފަދަ ތަޖުރިބާކާރަކު އަލުން އެފްއޭއެމާ ގުޅުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަމީޒު ޖުލައި 1ގައި އެފްއޭއެމާ ގުޅިއްޖެ. މީގެފަހުން އޭނާގެ ބެލުމުގެ ދަށުން ރެފްރީންގެ ކަންކަން ކުރިއަށް ގެންދާނީ. މިއީ ދިވެހި ރެފްރީންނާއި ރާއްޖެ އަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އަމީޒަކީ މުޅި އޭޝިޔާގައި ވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް،" ބައްސާމް ވިދާޅުވި އެވެ.
އަމީޒު ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެފްއޭމުގައި ކުރިން މަސައްކަތްކޮށްފަ އެވެ. ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ އަހުމަދު އަމީޒުގެ ބޭބެ މުހައްމަދު އަމީޒު ރާއްޖެ ދޫކޮށް ފުރަތަމަ ދިޔައީ އޭއެފްސީގެ ވަޒީފާއަކަށެވެ. ޖަޕާނުގެ ރެފްރީންގެ ކަންކަމަށް އޭނާ ބަދަލުވީ އޭގެ ފަހުންނެވެ.
އަމީޒު ވަނީ އޭއެފްސީ އާއި ރީޖަނަލް ގިނަ މުބާރާތްތަކެއްގައި ރެފްރީޒް އެސެސަރެއްގެ ގޮތުގަ އާއި މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި އޭނާ ވަނީ އޭއެފްސީން ރެފްރީން ތަމްރީނު ކުރުމަށް ހިންގި ގިނަ ޕްރޮގްރާމް ތަކެެއް ވެސް އިސްކޮށް މަސައްކަތްކޮށްފަ އެވެ. މިގޮތުން އޭޝިއާގެ ކުރިމަގުގެ ރެފްރީން ތަމްރީނު ކުރުމަށް ހިންގި ފީފާ އެލީޓް ރެފްރީޒް ޕްރޮޖެކްޓް ރެފްރީންނާއެކު ތިން ފަހަރެއްގެ މަތީން ރާއްޖެ ވެސް އައިސްފައިވެ އެވެ.