News
ފޯކައިދޫ އިން ގަދަފަދަ މާޒިޔާ ހާސްކޮށްލައިފި
29 ޖޫން 2019
މިއަހަރުގެ ދިރާގް ދިވެހި ޕްރިމިއަރ ލީގްގެ އެންމެ ވަރުގަދަ ޓީމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފޯކައިދޫ ފުޓުބޯޅަ ކްލަބް ބައްދަލު ކުރިމެޗް އެއްވެސް ޓީމަކަށް ލަޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
މެޗްގެ ފުރަތަމަ ހާފްގެ ކުޅުމަށް ބަލާއިރު ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ރީތި ޕާސިން ގޭމެކެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ދެތީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހާފަށް ބަލާއިރު ދެޓީމަށްވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއްނުވެއެވެ. ނަމަވެސް ފޯކައިދޫއަށްވުރެ ގިނަވަގުތު ބޯޅަ ގެންގުޅުނީ މާޒިޔާއިންނެވެ.
ނަމަވެސް ދެވަނަ ހާފްގައި ފޯކައިދޫ ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. ގިނަވަގުތު ބޯޅަ ގެންގުޅެ ފޯކައިދޫއިން ވަނީ ނުރައްކާތެރި ދެހަމަލާ ދެވަނަ ހާފްގައި އުފައްދާފައެވެ. މިމެޗްގައި ފޯކައިދޫގެ ޖަރޒީ ނަންބަރު 38 އަލީ ޝާމިސް ވަނީ މޮޅު ކުޅުމެއްދައްކައި މާޒިޔާ އަތުން ޕޮއިންޓެއް ހޯދުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ފޯކައިދޫއަށް ލިބުނު ދެފުރުސަތުގެ ތެރެއިން ފަހު ފުރުސަތަކީވެސް ޝާމިސްއަށް މެޗްގެ އިތުރު ވަގުތު ހަމަވަނިކޮށް ލިބުނު ފުރުސަތެކެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ 5 މިނެޓް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މާޒިޔާ ވަނީ އެންމެ ފަހުން ކުޅުނު މެޗްގައި ނިލަންދޫ ކޮޅަށް 13 ގޯލް ކާމިޔާބު ކޮށް މިސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ރިކޯޑް ހޯދާފައެވެ.
ލީގު ތާވަލަށް ބަލާއިރު މާޒިޔާއޮތީ ތާވަލުގެ ދެވަނައިގައެވެ. ފޯކައިދޫ އޮތީ ތާވަލުގެ ފަސްވަނައިގައެވެ. މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ އެވެ. އަދި ރޭގަނޑު މެޗްގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓެވެ.
DPL2019-20 FAM Foakaidhoo Sports Club Maziya Sports and Recreation Club