News

އީގަލްސް މޮޅުވި ނަމަވެސް ކުރީ ދުވަހުގެ މެޗަށްވުރެ ނިލަންދޫގެ ކުޅުން މިއަދު ރަނގަޅު

29 ޖޫން 2019






ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރިމެޗް 5-1 ގެ ނަތީޖާ އަކުން އީގަލްސް ކާމިޔާބުކޮށްފިއެވެ.
އެންމެފަހުން ނިލަންދޫ ޓީމް މިމުބާރާތުގައި ކުޅުނުމެޗް އެޓީމް ބަލިވެފައި ވަނީ މާޒިޔާ އާއި ކުޅެ 13-0 ގެ ނަތީޖާ އަކުނެވެ. މިއަދުގެ މެޗްގައި ނިލަންދޫ ކާމިޔާބު ކުރި ގޯލަކީ މިސީޒަންގެ ލީގުގައި ނިލަންދޫން ޖެހި ފުރަތަމަ ލަނޑެވެ. އީގަލްސްއިން 4 ލަނޑު ޖަހާފައި ވަނިކޮށް ނިލަންދޫއަށް ލަނޑު ޖަހައިދިނީ އަހުމަދު އުސާމްއެވެ. އީގަލްސްއިން ޖެހި ފަސް ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާ ހެޓްރިކް ހެދީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނިޓްގައި އަހުމަދު ޖަހާފައިވަނިކޮށް، ޖެހިގެން އައި ތިން ލަނޑު ޖެހީ ރިޒޭއެވެ. އޭގެތެރެއިން ފުރަތަމަ ލަނޑު އޭނާ ޖެހީ ޕެނަލްޓީއަކުންނެވެ
އީގަލްސްގެ ފަހު ލަނޑުޖެހީ އަލީ ފާސިރު (ސެންޓޭ)އެވެ. ސެންޓޭ ލަނޑު ޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ކުޅުނު ތިން މިނިޓްގެ ތެރޭގައެވެ.
މެޗަށްފަހު ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އެންމެބޮޑު މައްސަލައަކީ ހުރިހާ މެޗެއް އެއްފެންވަރަކަށް ނުކުޅެވުންކަމަށެވެ. މިއަދު މެޗުގައި ޑިސިޕްލިންވައިސް ވަރަށް ރަނގަޅަށް ޕްލޭންކުރި ގޮތަށް ވަރަށްބޮޑުބައި ދިޔަކަމަށް ފެސްކޯ ބުންޏެވެ. އެހެންނަމަވެސް ވަރަށް އާދައިގެ ގޯލްތައްވަންކަން އޭނާ ފާހަގަކުރިއެވެ.

" ވަރަށް އާދައިގެ ގޯލްސް، އަނެއްހެން ދަންނަވަންޏާ އައިސްގެންނުވާވަރުގެ ގޯލްސް އައިސްފައެބަހުރި. އެކަންތައްތަކަކީ ގިނަ ދުވަހުން ރަނގަޅުވާނެ ކަންތައްތައް. ޖުމްލަކޮށް ދަންނަވަންޏާ މިއަދުގެ ޕާފޯމަންސް އެހާގޯހެއްނޫން. އަޅުގަނޑުމެންނަށް ގޯލް ޖަހާނެ ފުރުޞަތުވެސް މިއަދު ފުދޭވަރަކަށް ރަނގަޅަށް ފަހުކުރެވުނު. ހަތަރު ފަސްވަރަކަށް ޗާންސެއް ކްރިއޭޓްކުރެވި އެއް ގޯލް ޖެހިފަ މިއޮތީ" ފެސްކޯ ބުންޏެވެ. 

ލީގުގައި މިރޭ ނުވައެއް ޖަހާއިރު ބައްދަލުކުރާނީ ފޯކައިދޫ އެފްސީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ފޮޓޯ: އެފްއޭއެމް

 

Club Eagles DPL2019-20 F.Nilandhoo FAM

Leave a Comment:

Comments will be published after moderation.