News

ޒުވާނުންގެ މަރުކަޒު ބޭނުންކުރަމުންދާ ފަރާތްތައް ކުރަމުން އައި އިންތިޒާރު ނިމުމަކަށް

29 ޖޫން 2019






މޯލްޑިވްސް ސެންޓަރ ފޯރ ސޯޝަލް އެޑިޔުކޭޝަންއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު ބިންގާ އަޅައި 1992 މެއި 27 ވަނަ ދުވަހު، ޖަޕާނުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވުނުތަނެކެވެ. 

އިޖްތިމާއީ ތައުލީމުދޭ މަރުކަޒެއްގެ ގޮތުގައި މީގެ 27 އަހަރު ކުރިން އިމާރާތް ކުރި މި ތަނަކީ މީގެ ކުރިން ޖަލްސާ ތަކާއި ބޮޑެތި ހަފްލާތައް ބޭއްވުމަށްޓަކައި އިމާރާތް ކުރި ތަނެކެވެ. އަދި މީގެ އިތުރުން ފިލްމު ދެއްކުމާއި ބޮޑެތި ޝޯތަކާއި، ރައީސް އޮފީހުގެ ހަފްލާތަކުގެ އިތުރުން ސްކޫލްތަކުގެ ކޮންސެޓާއި، ދަރިވަރުންގެ ޓެސްޓުތައް ބޭއްވުމަށްޓަކައި މިތަން ބޭނުން ކުރެވިގެންދިޔައެވެ. 

މިހާރުގެ ނަމުންނަމަ ޔޫތު ސެންޓަރުގެ އިންޑޯ ހޯލަކީ މިފަދަ ބޭނުންތަކަށް ޑިޒައިން ކުރެވިގެން އިމާތާރްކުރެވުނުތަނެކެވެ. އެހެންކަމުން އެތަނުގެ ސްޓޭޖް ފެންނަގޮތަށް ކުޅިބަލަންތިބޭ މީހުން އިށީންނަ ސިޑިބަރިތައް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް މިހާރު އެތަން ބޭނުންކުރަމުންދަނީ މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައިކަމުން ކުރިން ކުޅިބަލަން ތިބޭމީހުން އިށީނދެ އިނދެތިބުމަށް ހަދާފައިވާ ސިޑިބަރިތަކުގެ ބޭނުން ނުހިފި ކުޅިބަލާމީހުން ތިބެންޖެހެނީ ކޮޅަށެވެ. އެހެންކަމުން މިއީވެސް އެތަނުގައި ބޭނުން ޖެހިފައިވާކަމެކެވެ.

އަދި އެތަނުގެ ވެންޓިލޭޝަން ގާއިމުކޮށްފައިވަނީ ވައިވައްދައި އަދި ވައި ބޭރުކުރާ ކަހަލަ ވެންޓިލޭޓަރުތައް ބޭނުންކޮށްގެންނެވެ. މިތަން އިމާރާތްކޮށް ނިންމުމަށްފަހު 2 އަހަރު ވަންދެން ޖަޕާނުން އެތަކުގެ މެއިންޓެނެންސް ބަލަހައްޓާފައިވެއެވެ. 

ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގެ ބޮޑު މަރާމާތެއް އަދި މިހާތަނަށް ކޮށްފައިވަނީ އެތަނުގެ ފްލޯގައި ބޭނުންކޮށްފައި ހުރި ވުޑްފްލޯގައި ކަތުރު ފަނި އެޅުމުގެ ސަބަބުން އެ އެއްޗެހި ބަދަލު ކުރުމާއި އަދި މިހާރު އެތާގެ ހޯލުތެރޭގައި ހަދާފައިވާ ސްޓޭޖް އާކުރުން އެކަނި ކަމަށް ޔޫތު ސެންޓަރާއި ހަވާލުވެ ހުންނަވާ އިސްފަރާތްކަމަށްވާ އަލީ ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ހެނދުނު 6 އަކުން ފެށިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ހުރިހާ ކުޅިވަރަކަށް ބަހާލައިގެން ޕްރެކްޓިސްތަކަށާއި މުބާރާތްތަކަށް އިންޑޯ ޝެޑިއުލް ކުރެވިފައިވާކަމަށެވެ. އެހެންކަމުން އެތަން މަރާމާތް ކުރުމަށްވެސް ދަތިތަކެއް ދިމާވެފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

މިތަނަކީ ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަނެއްނަމަވެސް ވަރަށް ހޫނު ގަދަ ތަނެއްކަން ފާހަގަ ކުރެވެއެވެ. 27 އަހަރު ވެފައިވާ ތަނެއްކަމުން އެތަނުގެ ވެންޓިލޭޝަން ސިސްޓަމްވަނީ ރަނގަޅަށް ބެލެހެއްޓިފައި ނުމުވުމުގެ ސަބަބުން މިހާރު ބޭނުން ނުކުރެވޭވަރުވެފައެވެ. 

މާލޭގައި އިންޑޯ ކުޅިވަރު ކުޅޭނެ ތަނެއް ނެތުމުގެ ސަބަބުން މީގެ އަހަރުތަކެއްކުރިން އިންޑޯ ހޯލް ބޭނުން ކުރަންފަށާފައިވަނީ މިފަދަ ކުޅިވަރުތައް ކުޅުމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ދެވަނަ އަށް އެންމެ ގިނަ މީހުން ކުޅޭ އެއްކުޅިވަރުކަމުގައިވާ ވޮލީބޯޅަ އާއި ބާސްކެޓް، ނެޓްބޯޅައިގެ އިތުރުން މިހާރު ޓޭބަލް ޓެނިސްގެ މުބާރާތްތައް ވެސް ކުރިޔަށް ގެންދަނީ އިންޑޯ ހޯލުގައެވެ. 

ނަމަވެސް މިހުރިހާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ މުބާރާތްތައް ކުޅޭއިރު އެތަނުގެ ހޫނުގަދަވާހަކައެވެ. އެޝަކުވާ ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް މިކަމަށް ވަނީ ހައްލެއް ނުހޯދިފައެވެ. ނަމަވެސް މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު މިވަނީ އިންޑޯ ހޯލުގައި ކުޅިވަރު ކުޅޭ މީހުނާއި ކުޅިބަލާ މީހުންނަށް އުފާވެރި ޚަބަރެއްދީފައެވެ. 

ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ބުރާސްފަތި ދުވަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ވޮލީ، ބާސްކެޓްބޯލް، ނޭޓްބޯލް ފަދަ މުބާރާތްތައް ބާއްވަމުންގެންދާ ސޯޝަލް ސެންޓަރގެ އިންޑޯ ހޯލްގައި ހޫނުގަދަ ވާހަކައަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާ" ކަމަށެވެ. 

އެހެންކަމުން ސޯޝަލް ސެންޓަރ "އޭސީ" ކޮށްދޭނެ ފަރާތެއް ހޯދުމަށް ބުރާސްފަތި ދުވަހު ޓެންޑަރ ބޯޑަށް ހުށަހަޅާފައިވާ ވާހަކަ އުފަލާއި އެކު އިއުލާން ކުރާކަމަށް މިނިސްޓަރ މަހްލޫފް ވަނީ އިއުލާންކޮށްފައެވެ. މިނިސްޓަރ މަހްލޫފުވަނީ މީގެ ދުވަސްކޮޅެއްކުރިން ގައުމީ ފިރިހެން ވޮލީޓީމާއި އެކު އެޓީމުގެ ފަރިތަ ކުރުމުގައި ބައިވެރިވެފައެވެ. އެހެންކަމުން އަމިއްލަފުޅަށްވެސް މިނިސްޓަރ ވަނީ އެތަނުގެ ހޫނުގަދަކަން ތަޖްރިބާ ކުރައްވާފައެވެ. 

މިނިސްޓަރ މަހްލޫފަކީ ކުޅިވަރުގައި މީގެކުރިން ހަރަކާތްތެރިވެފައިވާ ފަރާތެއްކަމުން ކުޅިވަރުގައި ހުރި ގޮންޖެހުންތައް އެނގިލައްވާނެފަރާތެކެވެ. އެހެންކަމުން މިފަދަ ހެޔޮބަދަލުތައް އަދިވެސް ކުރިޔަށް އޮތްތާގައި ފެނިގެންދާނެކަމަށް އުއްމީދުކުރެވެއެވެ. މިނިސްޓަރ މަހްލޫފަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުއްވުމުގެ އިތުރުން ގައުމީޓީމުގެ މެނޭޖަރުކަންވެސް ކޮށްފައިވާ ބޭފުޅެކެވެ. 

ކުޅިވަރު ހިންގާ ވުޒާރާއަށް ކުޅިވަރު ދަންނަ ވަޒީރަކު އައުމުން ތަފާތު ފެންނާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވެއެވެ. 

 

 

 

 



Leave a Comment:

Comments will be published after moderation.