News
ނިލަންދޫ ކެޕްޓަންގެ ޚާއްސަ މެސެޖެއް: 13 ގޯލް ބައި ކޮޅަށް ވަނަސް ހިތްވަރު އެލުވައެއް ނުލަން
26 ޖޫން 2019
ރޭ ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އަތުން 13-0 ގެ ނަތީޖާއަކުން ނިލަންދޫ ސްޕޯޓްސް ކްލަބު ބަލިވުމުން އެ އަތޮޅަށް ނިސްބަތްވާ މީހުގެ އިތުރުން ނިލަންދޫއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ޓީމަށް މަލާމާތްކޮށް ޖޯކު ޖަހާފައިވާކަމަށް ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް(ފަރޭ) ބުނެފިއެވެ.
ރާއްޖޭގެ ގައުމީޓީމުގެ އިތުރުން ރާއްޖޭގެ މައްޝޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ފަރޭގެ ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ލެވަލްގައި އާދައިގެ ޓީމެއްގޮވައިގެން އައިސް ކުޅެނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެން ކަމަށެވެ. އަދި ފަސްޓްޑިވިޝަނަށް އާދެވޭނީވެސް ކޮލިޓީއެއް ހުރެގެންކަމަށް ފަރޭވަނީ ބުނެފައެވެ.
ފަރޭ ބުނީ ނަތީޖާ ވަރަށް ހަޑިކަމަށާއި އެހެންނަމަވެސް މީ ޓީމަށް ހިތްވަރުދޭންވީ ވަގުތުކަމަށެވެ. ކުރިޔަށް އަދި ދެ ރައުންޑް އޮތުމުން ބިދޭސީ ކުޅުންތެރިންނާއި އަދި އިތުރު ރަނގަޅު ކުޅުންތެރިން ޓީމާއި ގުޅޭނެކަމަށާއި، އެހެންކަމުން ކުރިޔަށް އޮތްތަނުގައި ޓީމް ވަރުގަދަ ވެގެންދާނެކަމަށް ފަރޭ ބުންޏެވެ.
ކުޅުނު ހުރިހާ މެޗްއަކުން ބަލިވެ ނިލަންދޫ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. މިއަހަރުގެ ސީޒަން ފެށެން އެއްދުވަހަށްވީ އިރުވެސް ލިޔެކިޔުންތައް ހަމަ ނުވުމުގެ ސަބަބުން ނިލަންދޫއަށް މުބާރާތުގައި ބައިވެރި ނުވެވޭ އަޑުތަކެއް އިވިގެންދިޔައެެވެ. ނަމަވެސް ޝަރުތު ތަކަކާއި އެކު އެފްއޭއެމް އިން ވަނީ ނިލަންދޫއަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ދީފައެވެ. މާޒިޔާ އަށް ބަލާއިރު އެޓީމަކީ މިއަހަރުގެ ސީޒަނަށް އެންމެ ގަދައަށް ތައްޔާރުވި އަދި ވަރުގަދަ ސްކޮޑެއް އޮތްޓީމެކެވެ.
ނިލަންދޫ އަކީ މި މުބާރާތަށް އެންމެ ލަހުން ފަރިތަކުރަން ފެށި ޓީމްތަކުގެ ތެރެއިން އެއްޓީމެވެ. އަނެއްޓީމަކީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
DPL2019-20 F.Nilandhoo FAM Maziya Sports and Recreation Club