News

ނިލަންދޫ ބޮޑުތަފާތަކުން ބަލިކޮށް މާޒިޔާ ތާވަލުގެ 3 ވަނަ އަށް ޖެހިލައިފި

26 ޖޫން 2019






ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ސްޕޯޓްސް ކްލަބު ކުޅުނު މެޗް ބޮޑުތަފާތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބު މޮޅުވެއްޖެއެވެ.

ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑްކުރި ފަހުން ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު އެއް ނަތީޖާއެވެ.

މުޅި މެޗުގައިވެސް ނިލަންދޫގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) 5 ގޯލް ޖެހިއިރު، އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން މާޒިޔާގެ ފޯވާޑް ނާއިޒު ހަސަން (ދާދު) 2 ގޯލް ޖެހިއިރު، އެޓީމުގެ އެހެން ގޯލުތައް ޖަހައިދިނީ ޑިފެންޑަރުން ކަމަށްވާ މޫސާ ޔާމީން (ޔާމްބެ) އާއި ސަމޫހު އަލީ (ސަމުއްޓެ) ގެ އިތުރުން ހަސަން ޝިފާޒް (ޑުންގާ) އެވެ.

މި މޮޅާއެކު މާޒިޔާ އޮތީ ދެ މެޗުން 6 ޕޮއިންޓު ހޯދައި ތާވަލުގެ ތިންވަނައިގައި އޮތް އިރު އެއްވަނައިގައި އޮތީ ތިން މެޗުން 9 ޕޮއިންޓު ހޯދާފައިވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތީ ތިން މެޗުން 7 ޕޮއިންޓު ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި ރޭގެ މެޗުން ބަލިވި ނިލަންދޫ އޮތީ ދެ މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައެވެ.

ފޮޓޯ: އެފްއޭއެމް



Leave a Comment:

Comments will be published after moderation.