News

ކުޅިވަރު ޚަބަރު ގެނެސްދިނުމުގައި ޕްރޮފެޝަނަލްކޮށް ޚަބަރުތައް ގެނެސްދިނުމަށް ސުޒެއިން ނޫސްވެރިންގެ ކިބައިން އެދިއްޖެ

25 ޖޫން 2019






ކުޅިވަރު ޚަބަރު ސިޔާސީ ޚަބަރު ގެނެސްދޭ ބީދައިން ނުގެނެސް ދިނުމަށް ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒެއިން ނޫސްވެރިން ގާތުން އެދިއްޖެއެވެ. 

އިއްޔެ އީގަލްސްއާއި ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ސުޒެއިން ބުނީ އެކަން އެހެންކުރުމުގެ ސަބަބުން ކުޅިވަރަށް ގެއްލުން ވެގެންދާނެކަމަށެވެ. 

ކްލަބް ގްރީން ސްޓްރީޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބައްދަލު ކުރި މެޗްގައި ނޫސްވެރިންނަށް ދިން މައުލޫމާތު ވަރަށް އަންޕްރޮފެޝަނަލްކޮށް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާކަމަށް ސުޒެއިން ފާހަގަކުރިއެވެ. ސުޒެއިން ބުނީ އެދުވަހު އޭނާ އަށް ވާހަކަ ދެއްކުނީ އެންމެ ރަނގަޅަކަށް ނޫންކަމަށާއި އެކަމާއި މެދު ބަޔަކު ހިންހަމަ ނުޖެހިފައިވާނަމަ، އެކަމަށްޓަކައި މާފަށް އެދެންޖެހޭ ފަރާތެއްވާނަމަ އިހްތިރާމާއިއެކު މާފައް އެދޭކަމަށެވެ. 

ސުޒެއިން ބުނީ އެއްވެސް މީހަކާއި ޖެލެންޖް ކުރަން ބޭނުން ނުވާކަމަށާއި ކުރިން ދުވަހުގެ މެޗްގައި ދެއްކި ވާހަކައެއް ދެއްކީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. ފުޓުބޯޅައިގައި ގޯސްކޮށް ހުރި ކަމެއް ރަނގަޅު ކުރުމުން އެކަމުގެ ފައިދާ ލިބިގެންދާނީ މުޅި ފުޓުބޯޅައަށްކަމަށް ސުޒެއިން ބުންޏެވެ. 

އިއްޔެގެ މެޗްގައި ކުރިން ދުވަހު ފާހަގަ ކުރިކަންކަން ރަނގަޅު ކޮށްފައިވާކަން ފާހަގަ ކޮށް ސުޒެއިން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. ސުޒެއިން ބުނީ އެކަން ރަނގަޅު ކުރުމުން އެފްއޭއެމް ވެސް އަދި ކްލަބްތައްވެސް މިއަދު އެތިބީ އުފަލުންކަމަށެވެ.

" އަޅުގަނޑު ފަހަތުން ނޫސްވެރިއެއް ދުވަން އަޅުގަނޑު ކޮންކަމެއްތޯ ކުރީ؟ އަޅުގަނޑަށް ގޯސް އެއްވެސް ވާހަކަ އެއް ދެއްކިގެން އެއްވެސް މީހަކު ހިތްހަމަ ނުޖެހިއްޖެއްޔާ އަޅުގަނޑު މާފަށް އެދެން. ހަމަ އިހްތިރާމާއި އެކު މާފަށް އެދެން. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ބަދަލުތަކެއް ގެނައީ ގޯސްހުރީމަ. އޭދަ ބޯޑުވެސް މިވެސް މިއިނީ ރަނގަޅު ކޮށްފަ. ކޮންމެހެން އެމީހުންނާއި ޗެލެންޖް ކުރީއެއް ނޫން. އެމީހުން ދެރަވީކީވެސް ނޫން. މިކަން ކުރީމަ މޮޅުމިވީ ފުޓުބޯޅަ. ފުޓުބޯޅަ މޮޅުވާއިރު މޮޅުވާނީ އެމީހުންނާއި އަޅުގަނޑު މެންނާއިވެސް އެއްކޮށް. އެފްއޭއެމްގެ ރައީސްވެސް މޮޅުވާނެ. ފުޓުބޯޅަ ދެރަވީމަ މިދެރަވަނީ އަޅުގަނޑުމެން އެންމެން. މިއަދު އަޅުގަނޑު މިތާ އުފަލުން ހުރި އިރު އެފްއޭއެމްގެ ރައީސް ވެސް އުފަލުން. އެންމެން މޮޅުވީ" ކަމަށް ސުޒެއިން ބުންނެވެ.  

އެދުވަހު ސުޒެއިން ފާހަގަ ކުރީ މުބާރާތް ކުޅޭބޯޅަ އާއި ދަނޑުގައި ހުރި ބޯޑްތަކަކީ މިދިޔަ ސީޒަނުގައި ބޭނުކުރިތަކެތިކަމުން އެކަން ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި އިއްޔެ މެޗްގައި އެކަންކަން ރަނގަޅުކޮށްފައި ހުރުމުން އެއީ އެފްއޭއެމް ބަލިވުން ނޫންކަމަށްވެސް ކޯޗް ސުޒައިން ފާހަގަ ކުރިއެވެ. އެހެންކަމުން ކޯޗުންދައްކާވާހަކަ އަނެއްކޮޅަށް އަނބުރާލައިގެން ސިޔާސީ ވާހަކަތައް ގެނެސްދޭގޮތަށް ނުގެނެސްދިނުމަށް ސުޒެއިންވަނީ ނޫސްވެރިން ކިބައިން އެދިފައެވެ.

ސުޒެއިން އެދުވަހު ދެއްކި ވާހަކަތައް މީޑިއާ ތަކުން ރިޕޯޓް ކޮށްފައި ހުރި ގޮތުން އެފްއޭއެމްގެ ރައީސް އާއި ސުޒައިން އާއި ދެމެދު ހިންހަމަ ނުޖެހުމެއް އުފެދިފައިވާ ކަހަލަ ޓްވީޓެއް ބައްސާމް ވަނީ އިއްޔެކޮށްފައެވެ.ނަމަވެސް އިއްޔެ އެފްއޭއެމްގެ ރައީސް ކުރި ޓްވީޓަށް ރައްދުދޭން ބޭނުން ނުވާކަމަށާއި އެހެން އެވާހަކަ ބުނުމުގެ ހައްގުު އެފްއޭއެމްގެ ރައީސެއްގެ ހައިސިއްޔަތުން ބައްސާމް އަށް ލިބިގެންވާކަމަށް ސުޒެއިން ބުންޏެވެ. 

 

 

 

 



Leave a Comment:

Comments will be published after moderation.