News
ހަކީމްބެ: 80ގެ އަހަރުތަކުން ފެށިގެން މިއަދާއި ހަމައަށްވެސް ދިވެހި ފުޓުބޯޅައަށް ޚިދުމަތްކުރުމުގައި
23 ޖޫން 2019
މީހެއްގެ އަގުހުރި ޚިދުމަތްތައް ވަޒަން ކުރާނީ އެމީހަކު ދުނިޔެއާއި ވަކިވެ ދިޔުމުންނެއް ނޫނެވެ. އަހަރެން ވަރަށް ކުޑައިރު އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރި ވީމެވެ. އެއީ ގާތް ގަނޑަކަށް މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އޭރުވެސް މިހާރުވެސް ދަނޑުމަތިން ފެންނަ މޫނެއް ފާހަގަ ވިއެވެ. އެހެންކަމުން މި ލިޔުމުގައި އެފަރާތުގެ ޚިދުމަތް ފާހަގަ ކޮށްލަން ބޭނުންވީއެވެ.
އަބްދުލް ހަކީމް މޫސާ އޭ ބުނުމުން ގިނަ މީހުންނަށް ނޭނގި ދާނެއެވެ. ނަމަވެސް ފުޓުބޯޅަ ދަނޑު މަތިން ފުރަތަމަ އެހީދޭ ނުވަތަ ފަސްޓްއެއިޑް ހަކީމްބެ އޭ ބުނުމުން ފުޓުބޯޅަ އަށް ލޯބި ކުރާ ހުރިހާ އެންމެންނަށްވެސް އެއީ އައު ނަމަކަށް ނުވާނެއެވެ.
އޭރުވެސް ހަކީމްބެ ހަމަ މިހާރެކޭ އެއްގޮތަށް ދަނޑުމަތީގައި ފުރަތަމަ އެހީދޭ ފަރާތެއްގެ ގޮތުގައި އުޅެއެވެ. އޭގެފަހުން ގައުމީޓީމަށް 2 އަހަރުވަރު ކުޅެން އުޅުނުއިރު ވެސް ހަމަ ތަފާތެއް ނެތި ހަކީމްބެ އޭނަގެ ޚިދުމަތުގައި އުޅޭތަންފެނެއެވެ. އޭގެފަހުން އަހަރެން ދުވަސްކޮޅަކަށް ފުޓުބޯޅަ އާއި ދުރައް ޖެހިލީމެވެ.
ދުވަސްކޮޅެއްފަހުން އަހަރެން އެފްއޭއެމްގެ ވުމަންސް ފުޓުބޯޅަ ޑިވެލޮޕްމަންޓް އޮފިސަރެއްގެ ވަޒީފާއަށް ވަނީމެވެ. އަނެއްކާވެސް ހަކީމްބެ އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. އެހެންކަމުން ހަކީމްބެގެ ޚިދުމަތް ވަރަށް ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން ބުނާނަމަ އެއީހަމަ ފުޓުބޯޅަދެކެ ހަގީގީ ލޯބި ޖެހިފައިވާ މީހެކެވެ.
ގިނަ ކުދިންގެ ބައްޕައެއްގެ ގޮތުގައި ދެކޭ ހަކީމްބެއަކީ ޕޯޓް ހެލްތުގައި މަސައްކަތް ކުރަމުން ހުސްވަގުތުގައި ދިވެހި ފުޓުބޯޅައަށް އަދި މި ދިވެހި ގައުމަށް ޚިދުމަތްކޮށްދެމުން ގެންދާ އަގުހުރި ޚިދުމަތްތެރި ފަރާތެކެވެ. ޑިއުޓީ ނިންމާގޮތަށް ދެން ހަކީމްބެ ފެންނަނީ ފުޓުބޯޅަ ދަނޑުމަތިންނެވެ.
އީޓީއެފްއޭގެ ފައުންޑަރ އަދި މިހާރުގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމް ވިދާޅުވީ" ހަކީމްބެ އަކީ ވަރަށް ހީވާގި އަދި ފުޓުބޯޅަ އަށް ގިނަ ގުނަ ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް" ކަމަށެވެ.
ހަކީމްބެ އަކީ ރާއްޖެއިން ބޭރަށް ގައުމީ ޓީމްތައްދާއިރު އަދި ޚާއްސަކޮށް އަންހެން ޓީމްގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ޓީމާއި އެކު ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މީހެކެވެ. ފުޓުބޯޅަ ކުރި އެރުވުމަށް ހަކީމްބެގެ ދާއިރާގެ ތެރެއިން އަގުހުރި ޚިދުމަތްތަކެއް ކޮށްދެމުންގެންދާ މީހެކެވެ.
ލިބިފައިވާ މައުލޫމާތު ދޮގުކަމުގައި ނުވާނަމަ 1979 ވަަނަ އަހަރު އެފްއޭއެމްގެ ރެފްރީއެއްގެ ގޮތުގައި ހަރަކާތްތެރި ވާންފެށިއެވެ. އަދި އޭގެ ފަހުން 1994 ވަނަ އަހަރު ފީފާ އެސިސްޓެންޓް ރެފްރީއެއްގެގޮތުގައި ހަކީމްބެ ވެގެންދިޔައެވެ. ފުޓުބޯޅަ ރެފްރީއެއްގެ ގޮތުގައި ދަނޑުތަކުން ފެނުމަށްފަހު، އޭގެ ފަހުން ފުރަތަމަ އެހީ (ފަސްޓްއެއިޑް) ދޭ މީހެއްގެ ގޮތުގައި ހަކީމްބެ ހަރަކާތްތެރިވާންފެށިއެވެ.
ހަކީމްބެ އާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން ރާއްޖޭގެ ތަޖްރިބާކާރު ފީފާ ރެފްރީ މުހައްމަދު ސައީދު ބުނީ "ހަކީމްބެ އަކީފުޓުބޯޅަ ޚިދުމަތް ކޮށްދެމުންދާ ހިތްހެޔޮ މީހުންނާއި ގުޅޭ މަޑުމައިތިރި މިޒާޖެއްގެ މީހެއް. ހަކީމްބެ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އެއީވަރަށް ޚިދުމަތްތެރި އެކުވެރި މީހެއް"ކަމަށެވެ.
ކުޅުންތެރިންނާއި ގާތް ގުޅުމެއް ބާއްވާ ހަކީމްބެއަކީ ފުޓުބޯޅައިގައި މަސައްކަަތް ކުރާ ފަރާތްތަކުގެ ލޯބި ހޯދާފައިވާ މީހެކެވެ. މިފަދަ މީހުން ފާހަގަކޮށް އެފަރާތްތަކުގެ ޚިދުމަތްތައް ފާހަގަ ކުރަންޖެހެއެވެ.
ބޯޅައެމްވީ އިން އެދެނީ ހަކީމްބެ ފުރިހަމަ ސިއްހަތެއްގައިލަހައްޓަވައި، ކުރިޔަށް އޮތްތާގައިވެސް ހަކީމްބެގެ ޚިދުމަތް ދިވެހި ފުޓުބޯޅައަށް ލިބިގެން ދިޔުމެވެ. ހަކީމްބެ ފަދަ ފަރާތްތައް އަދިވެސް އެބައުޅެއެވެ. އެހެންކަމުން މިފަދަ ފަރާތްތަކުގެ ޚިދުމަތްތައް ކުރިޔަށް އޮތްތަނުގައި ބޯޅައެމްވީއިން ގެނެސްދެވޭނެއެވެ.