News

އަނެއްކާވެސް އެފްއޭއެމް މުބާރާތަށް ތައްޔާރުވެފައި ނުވާކަން ސިފަވާ ފޮޓޯއެއް

21 ޖޫން 2019






ކޯޗް ސުޒައިންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލި ފަހުން ދެން ކުޅުނު މެޗްގައިވެސް އެފްއޭއެމް މުބާރާތަށް ތައްޔާރު ނުވާކަން ފޯކައިދޫ އާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުންވެސް ފެނިގެން ހިނގައްޖެއެވެ. 

ފޯކައިދޫ އާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގައި ފޯކައިދޫގެ އަންސަރު އިބްރާހިމް(އަންކޮ) އަށް އަނިޔާވުމާއި ގުޅިގެން ދަނޑުން ބޭލުމަށްޓަކައި ސްޓްރެޗަރ ހިފައިގެން ދަނޑަށް އެރީ އެފްއޭއެމްގެ ބިދޭސީ އެންމެ މުއައްޒަފެކެވެ. މިފޮޓޯވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.  ނަމަވެސް އަންކޮ ވަނީ އެމީހާ ދަނޑަށް ސްޓްރެޗަރ ހިފައިގެން އެރިތާ މާގިނަ އިރެއްނުވެ އެޓީމުގެ ފަސްޓްއެއިޑުންގެ އެހީގައި ތެދުވެ ދަނޑުން ފައިބައިފައެވެ. 

މިއަހަރުގެ ސީޒަން ފެށެން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް އަޑުއިވިގެންދިޔައީ ޓީމުތަކުން މުބާރާތަށް ތައްޔާރު ނުވެ ތިބި އަޑުތަކެވެ. އެފްއޭއެމް އަށް ޓީމްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަނޭޅުމުގެ ސަބަބުން ބައެއް ޓީމްތައް މުބާރާތުން ނުފެނިދާނެ ކަހަލަ ވާހަކަތަކެއްވެސް އަޑު އިވިގެންދިޔައެވެ. 

ނަމަވެސް ސުވާލަކީ އެފްއޭއެމް އިން މިއަހަރުގެ ސީޒަންއަށް ތައްޔާރުވެފައިވޭތޯއެވެ؟ 

ދިރާގު ދިވެހި ޕްރީމިއަރ ލީގުގައި 7 މެޗް ކުޅެވިގެންދިޔައިރު ވެސް ކޯޗުން ފާހަގަ ކުރަމުން ދަނީ އެފްއޭއެމް މުބަރާތަށް ތައްޔާރު ނުވާކަމަށާއި އެފްއޭއެމް ކަހަލަ ބޮޑު އެސޯސިއޭޝަނަކުން ބާއްވާ އެންމެ ބޮޑު މުބާރާތުގެ އިންތިޒާމުތައް ނެތުމުގެ ވާހަކައެވެ. އަދި ބައެއް މެޗްތައް ކުޅެމުންދާއިރު އެފްއޭއެމްގެ އިސްވެރިން ދަޑުން ނުފެންނަވާހަކައެވެ. 

މާޒިޔާ ސްޕޯޓްސް ކުލަބު އަތުން 3-1 ން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން  ގްރީން ސްޓްރީޓުގެ ކޯޗް އަލީ ސުޒޭން ބުނީ ކަންތައްތައް ރަނގަޅު ކުރުމުގެ އިހްލާސްތެރިކަން އެފްއޭއެމްގެ ފަރާތުން ނުފެންނަ ކަމަށެވެ. 

"މެޗުން ބަލިވުމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. މީގަ އެބަހުރި ބައިވަރު ރަނގަޅު ކުރަންޖެހޭކަންކަން. އެކަން އަޅުގަނޑު ރަނގަޅު ކުރާނަން. ތިބޭފުޅުން މުޅި މިތަނަށް ބަލާލިމަ އިނގޭނެ، އަޅުގަނޑުމެން ދައްކަމުންދިޔަ ވާހަކަ އަކީ އަށް މަސް ދުވަސް ބޭނުމޭ، ކުލަބުތައް ރަނގަޅު ކުރަން އެފްއޭއެމް ރަނގަޅު ކުރަން، ހުރިހާ ކަމެއް ރަނގަޅު ކުރަން. މީނި ބޯޑު މިގަ މިހުރީ އިސްޓިކާ ހިއްޕާފަ. މިއަދު ކަންނޭނގެ އޭނި ބޯޑު ޖެހީ. ބޯޅަ މި ކުޅެނީ މިދިޔަ އަހަރުގެ ބާ ބޯޅައިގަ. އެހެން ވީމާ އެއް އަހަރު ލިބުނަސް މިކަން ކުރަން އުޅެގެން އެކަން ކުރެވޭނީ" ލީގުގެ ކަންތައްތަކާއި ބެހޭ ގޮތުން ސުޒޭން ބުންޏެވެ. 

ވަރަށް ނުރުހުންވެ ހުރެ ވާހަކަ ދައްކަމުން ސުޒޭން ބުނީ ޕްރިމިއާ ލީގުގެ ނަން ބޯޑުގެ ޑިޒައިންފެނުނަސް ހިތާމަ ކުރަންޖެހޭ ކަމަށާއި ޗެލެންޖްކޮށްފައި ނިކުންނަ މީހުން ނިކަންފިރެހެންވެ، ކަންކަން ކުރަންޖެހޭ ކަމަށް ބުނެ ފާޑުކިޔަމުން ސުޒޭން ވަނީ އޭނަ އަރައިގެން ހުރި ބޫޓް ނޫސްވެރިނަށް ދައްކާލައި ބޫޓްގައި ހޭކިފައިވާ ކުލައަކީ މިއަދުގެ މެޗުގެ ކުރިން ލާފައިވާ ކުލަކަމަށާއި އެ ކުލަ ލާފައި ވަނީ ވާރޭ ވެހި ވެހި ހުއްޓައި ކަމަށް ވުމުން އެކަން އެހެން ކުރީ ވަގުތު ނެތިގެން ތޯ މެޗަށް ފަހު ސުޒޭން ވަނީ ސުވާލު އުފައްދާފައެވެ. 

"ކޯއްޗެއް ހަދަން މި އުޅެނީ، ޕްރިމިއާ ލީގު ފަށައިގެން މިއޮތްދިޔައީ، ކުޅެނީ ކޮންކަހަލަ ބޯޅައަކުން ކަމެއް ނޭނގޭ. ކުއްލިއަކަށް މިދިޔަ އަހަރުގެ ބޯޅަތައް ނެރުނީ، މިހާރު އެ ބޯޅަތައް ހުންނާނެ ބުލީޗްލާފައި ހުދުކުރަން ބަހައްޓާފައި. މީތަ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ލެވަލްއަކީ. ދެ ސާފްޗެމްޕިއަންޝިޕް ހޯދާފައި، އިންޓަނޭޝަނަލް މައިދާނަށް ނިކުންއިރު ފަނަރަވަރަކަށް ގޯލު ޖަހާ، މަދުކުރަމުން ގޮސް ބަންގްލަދޭޝްތަންތަން ނުވަ ގޯލުޖަހަޖަހާ އޮށްވާ ދެ ފަހަރު ސާފްޗެމްޕިއަންޝިޕް ހޯދާފައިވާ ގައުމެއްގެ ވާހަކަ މި ދައްކަނީ، އަޅުގަނޑާއި މެދު ހިތް ހަމަ ނުޖެހެނިއްޔާ އަޅުގަނޑުކަންތައް ނިންމާލާ. ފުތްބޯޅައަށް އިހުމާލު ނުވޭ، ހެޔޮނުވާނެ މިގޮތައް މިކަން ނުކުރޭ" ސުޒޭންގެ ނުތަނަވަސްކަން ނޫސްވެރިންނަށް ހާމަކުރަމުން ބުންޏެވެ. 

އެފްއޭއެމް އާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ބޭނުން ވަނީ ކަންކަން ރަނގަޅުކޮށް ފެންވަރު ރަނގަޅު ލީގެއް ކުރިޔަށްދާތަން ފެނުން ކަމަށާއި މި ވާހަކަ މި ދައްކަނީ މީހަކަށް ކަމެއް ނުވާ ވާހަކަ ދައްކަން ނޫން ކަމަށް ސުޒޭން ވަނީ ބުނެފައެވެ. 

އެމެޗަށްފަހު ދެން ޖެހިގެން އައި މެޗްގައި ކުޅުނު ފޯކައިދޫ ޓީމުގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ވަނީ ސުޒެއިން ދެއްކި ވާހަކަ ތަކާއި ދޭތެރޭ ވިނުމަށް އެދިފައެވެ. 

" އެންމެފަހުން ދެން ޖޯކެއް ކަހަލަ ކަމެއް ދިމާވީ. އަޅުގަނޑުމެންގެ އެންމެ ފަހު ސަބްސްޓިޓިއުޝަނެއް ނުހެދުނު. އެކަމަކު ބެންޗްގައި އިނދެވުނު އޭނައަށް. އަޅުގަނޑު ހަމަ ހިތަށްއަރާ ސުޒޭން ކޯޗު އިއްޔެ ދެއްކި ވާހަކައާ އެބަޖެހޭ ވަރަށް ވިސްނަން. ބެންޗްގައި އިންނަ މީހަކަށް ކުޅެން ދެން ނޭރެންޏާ އެއީ ޖޯކެއް ކަންނޭންގެދެން. އެހެނެކޭ ކިޔާފަ އެސްކިއުޒް ދަށްކަނީކީނޫން. އެކަމަކު އެބަޖެހޭ އެކަހަލަ ކަންކަންވެސް ރަނގަޅުވެލަން" ނިޝްތާރު ބުންޏެވެ. 

ފުޓުބޯޅައިގެ ފޯރި ގެނައުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަނާއި ކުލަބުތަކުން ވެސް އެއްބަޔަކު އަނެއްބަޔަކަށް ސަޕޯޓްދީ މަސައްކަތް ކުރަން އެބަޖެހެއެވެ. ސަޕޯޓަރުން ދަނޑަށް ވެއްދުމަށްޓަކައި މީޑިޔާ އާއި ކްލަބުތަކުގެ އެހީ އެފްއޭއެމް އަށް ދޭން ޖެހެއެވެ. މިފަދަ ކަން ކަން ރަނގަޅުނުވާނަމަ މުސްތަގުބަލުގައި ރާއްޖޭގެ ފުޓުބޯޅަ ދާނީ ދުހެއް ދުވަހަކަށް ދަށަށެވެ. މީ ފުޓުބޯޅަ އަށް ސަޕޯޓްކުރާ އެއްވެސް ދިވެއްސެއް ބޭނުންވާނެކަމެއްނޫނެވެ. ކޮންމެ ބަޔަކު ވެސް އެބައެއްގެ ޒިންމާ ރަނގަޅަށް އަދާ ކުރަން އެބަ ޖެހެއެވެ.

 

 

Club Green Streets Dhivehi Premier League DPL2019-20 Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.