News

ސެންޓޭގެ މޮޅު ކުޅުމާއި އެކު ޓީސީ މެޗުން އީގަލްސް އެއްވަރު ވެއްޖެ

21 ޖޫން 2019






ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ޓީސީ އަތުން 1-1 އިން އެއްވަރުވަރުވި މެޗްގައި އީގަލްސްއާއި އަލަށް ގުޅުނު ހުނަރުވެރި ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) މިއަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުގައި ވެސް ފެނުނީ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައެވެ. 

ނިއުރޭޑިއަންޓުން މިދިޔަ އަހަރުގެ ސީޒަނުގައި ފެނުނު ސެންޓޭ މިއަހަރުގެ ސީޒަން ފެށެން ގާތްވި އިރުވެސް ހުރީ އެއްވެސް ޓީމަކާއި ނުގުޅިއެވެ. ނަމަވެސް ސީޒަން ފެށެން ވަރަށް ކައިރިވިތަނާ އީގަލްސްއަށް ކުޅެން އޭނާ ނިންމިއެވެ. ސެންޓޭގެ ފުޓުބޯޅަ ކެރިއަރ ފަށާފައި ވަނީވެސް ކްލަބް އީގަލްސްއިންނެވެ.

ރޭ ކުޅުނު މެޗުގެ 82 ވަނަ މިނެޓުގައި ސެންޓޭ ވަނީ މިއަހަރުގެ ސީޒަންގެ ފުރަތަމަ މެޗްގައި މޮޅު ކުޅުމެއްދައްކައި އޭނާގެ ފުރަތަމަ ގޯލް އީގަލްސް އަށް ކާމިޔާބު ކޮށްދީފައެވެ. ސެންޓޭ މި ގޯލު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ސެންޓޭ އެވެ. 

މި މެޗުގައި ދެ ޓީމަށްވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. ހާއްސަކޮށް އީގަލްސްއަށް މި މެޗުގައި ތަނަވަސްވެގެންދިޔަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މިމެޗްގައި ޓީސީގެ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުކޮޅުގެ ތެރޭގައި ސާމިރު ނަގައިދިން ކޯނަރަކުން މިއަހަރު ޓީސީ އާއި ގުޅުނު ނޭޕާލްގެ އުއްމީދީ ފޯވާޑް ބިމާލް އެވެ. 

މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އީގަލްގެ ކޯޗް މުހައްމަދު ޝިޔާޒް(މޯހަން) ބުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ޓީސީ އަތުން 1-1 އިން އެއްވަރުވަރުވި ނަމަވެސް ފުރަތަމަ މެޗާއި ބަލާފައި ހިތްހަމަ ޖެހޭކަމަށެއެވެ.  މޯހަން ބުނީ ހަމައެކަނި ދެރަ އަކީ އަތުގައި އޮތް ތިން ޕޮއިންޓް ގެއްލިގެން ދިޔުން ކަމަށާއި މި ކަހަލަ ލީގެއްގައި އަތުން ތިން ޕޮއިންޓް ގެއްލުމުން އުނދަގޫތަކެއް ވާނެކަމަށެވެ. ނަމަވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށްވެސް މޯހަން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ދެ ޓީމުގެ ފަރާތުން ވެސް މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ޓީސީ އަށް ދިމާވީ ފިޓްނަސްގެ މައްސަލަ ކަމަށެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ވިކްޓްރީއާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާނެއެވެ. އަދި އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް އެވެ.

Club Eagles Dhivehi Premier League DPL2019-20 TC Sports Club

Leave a Comment:

Comments will be published after moderation.