News
ގްރީން ސްޓްރީޓާއި މާޒިޔާ ބައްދަލު ކުރި މެޗް މާޒިޔާއިން ކާމިޔާބު ކޮށްފި
19 ޖޫން 2019
ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓާއި މާޒިޔާ ބައްދަލު ކުރި މެޗް 3-1 ގެ ނަތީޖާ އަކުން މާޒިޔާ އިން ކާމިޔާބު ކޮށްފިއެވެ.
މެޗްގެ ފުރަތަމަހާފްގެ 3 ވަނަ މިނެޓްގައި މާޒިޔާގެ ޖާރޒީ ނަންބަރ 11 ހަސަން ނާއިޒް ވަނީ ލަނޑެއްޖަހައި މާޒިޔާއަށް ލީޑުނަގައި ދީފައެވެ.
މެޗް ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ. ނަމަވެސް ފަސްވަރަކަށް މިނެޓްފަހުން މާޒިޔާ އިން މެޗް ކޮންޓްރޯލްކޮށްގެން ގްރީން ސްޓްރީޓްގެ ހާފުގައި ބޯޅަ ގެންގުޅެ ގްރީންސްޓްގެ ގޯލަށް ވަނީ ނުރައްކާކޮށްފައެވެ. މެޗްގެ 22 ވަނަ މިނެޓްގައި މާޒިޔާގެ ފުރަތަމަގޯލް ކާމިޔާބު ކޮށްދިން ދާދު އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއްލިބިފައެވެ. ފުރަތަމަ ހާފްގައި ގްރީންގެ ފަރާތުން އެހާ ރަނގަޅު ކުޅުމެއް ނުފެނެއެވެ. ނަމަވެސް މާޒިޔާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އޮގަނައިޒް ކޮށް ކުޅެމުންދިޔަ މަންޒަރެވެ.
ދެވަނަ ހާފްފެށިގެން 55 ވަނަ މިނެޓްގައި މާޒިޔާ އަށް ލީޑް ފުޅާކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗްގެ 60 ވަނަ މިނެޓްގައި ގްރީންސްޓްރީޓަށް ޖެހިޖެހިގެން ލިބުނު 3 ވަނަ ކޯނަރު، ގްރީންގެ ކެޕްޓަން އަލީ އަޝްފާގް ފޮނުވާލި ކޯނަރު މުހައްމަދު ސާއިދު ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދައި ގްރީން އިން ވަނީ އެމީހުންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ.
ގްރީންއިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށް އޭގެ މިނެޓެއްވެސް ނުވަނީސް މާޒިޔާ ގެ ޖާރޒީ ނަންބަރު7 އިބްރާހިމް މަހުދީ ވަނީ މާޒިޔާގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށް އަނެއްކާވެސް ލީޑް ފުޅާކޮށްފައެވެ.
މެޗްގެ 78 ވަނަ މިނެޓްގައި ޖެހި ޖެހިގެން ލަނޑުޖަހާނެ ރަނގަޅު 2 ފުރުސަތު ގްރީން ސްޓްރީޓަށް ލިބި ވަނީ ބޭކަރުވެފައެވެ. ފުރަތަމަ ހާފްއާއި ޚިލާފަށް ގްރީންގެ ކުޅުންރަނގަޅުވެގެންދިޔަ މަންޒަރު ފެނިގެންދިިޔައެވެ.
ދިރާގް ދިވެހި ލީގްގެ 6 ވަނަ މެޗުގައި މިރޭ 21:00 ގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީއެވެ.
ފޮޓޯ: އިމޭޖަސް.އެމްވީ