News
ދިރާޤް 13އަހަރުން ދަށުގެ ޔޫތް ލީގް: އީ.ޓީ.އެފް.އޭ އަދި އެމް.އެސް.އެމް ހަފްތާ ބަންދު މެޗްތަކުން މޮޅުވެއްޖެ
12 އޯގަސްޓް 2018
މިހާރު ކުރިއަށްދާ ދިރާޤް 13 އަހަރުން ދަށުގެ ޔޫތް ލީގްގެ މި ހަފްތާ ބަންދުގެ މެޗުތަކުން އީ.ޓީ.އެފް.އޭ އަދި އެމް.އެސް.އެމް މޮޅުވެއްޖެއެވެ.
ހަފްތާ ބަންދުގެ ހޮނިހިރު ދުވަހުގެ ފުރަތަމަ މެޗުގައި ބަށްދަލުކުރީ އީގަލްސް ފުޓްބޯޅަ އެކަޑެމީ އަދި އާރލީ ޓަޗް ފުޓްބޯޅަ އެކަޑެމީ (އީ.ޓީ.އެފް.އޭ) އެވެ. މި މެޗް 0-8 ގެ ފުރިހަމަ ސްކޯއަކުން ވަނީ ފަސޭހަކަމާއި އެކު އީ.ޓީ.އެފް.އޭ މޮޅުވެފައެވެ. މި މެޗަށް ދެ ޓީމުންވެސް ނިކުތް އިރު ލީގް ތާވަލްގައި އިތުބާރާއިއެކު އީ.ޓީ.އެފް.އޭ އެއްވަނަ މަޤާމުގައި ހަމަޖެހިލައިގެން އޮތްއިރު އީގަލްސް ފުޓްބޯޅަ އެކަޑެމީ އޮތީ ފުލުން ދެވަނާގައެވެ. މިމެޗުގައި އީ.ޓީ.އެފް.އޭ އިން ވަނީ ކޮންމެ ހާފެއްގައި ހަތަރު ގޯލް ޖަހާފައެވެ. މެޗު ފެށިގެން ފުރަތަމަ 2 މިނެޓް ތެރޭގައި އީ.ޓީ.އެފް.އޭއަށް ލީޑް ނަގައިދިނީ އާލީ މުޙައްމަދު (ޖ#13) އެވެ. އޭގެ ދެމިނެޓް ފަހުން އާލީ މުޙައްމަދު ވަނީ ދެވަނަ ގޯލެއް ޖަފާ އީ.ޓީ.އެފް.އޭ ޓީމަށް ލީޑް ފުޅާ ކޮށްދީފައެވެ. މެޗް ފެށުނީއްސުރެ އާލީ މުޙައްމަދު ވަނީ ދަނޑުގެ ކަނާތްފަރާތު އަރިމަތިން ވަރަށް މޮޅު ކުޅުމެއްދައްކާފައެވެ. ނަތީއްޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ދެ ގޯލްވެސް ޖަހާފައި ވަނީ އާލީ މުޙައްމަދު ކުޅެމުން އައި ދަނޑުގެ ކަނާތު އަރިމަތިން ބޯޅަ ހިފައިގެން ގޯލް އޭރިއާ ތެރެއަށް ވަދުމަށްފަހުއެވެ. އާލީގެ މޮޅު ކުޅުމުން އީގަލްސް ޓީމަށް ކުރަމުން ދިޔަ ނުރައްކާ ހުއްޓުމަށްޓަކައި އީގަލްސް ޓީމްގެ ކޯޗް ވަނީ އާލީ ކުޅެމުން އައި ފަޅިއަށް ކުޅެމުން އައި އީގަލްސް ޑިފެންޑަރ އެހެން މަޤާމަކަށް ބަދަލުކޮށް އެމަޤާމަށް އެހެން ކުޅުންތެރިއެއް ބަދަލުކޮށްފައެވެ. މެޗުގެ ތިން ވަނަ ގޯލް ފެނިގެން ގޮސްފައިވަނީ އިސްމާއިލް ހޫދް (ޖ#17) ގެ ފަރާތުންނެވެ. މެޗްގެ 13 ވަނަ މިނެޓްގައި ހޫދު ގޯލެއްޖަހާ އީ.ޓީ.އެފް.އޭއަށް ލީޑް ފުޅާކޮށްދިންއިރު، ފުރަތަމަ ހާފްގެ ފަހު ގޯލް، މެޗުގެ ހަތަރުވަނަ ގޯލް ޖަހާދީފައިވަނީ ލީގްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ދައްޔާން އަޙުމަދު (ޖ#10) އެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ އީ.ޓީ.އެފް.އޭއަށް 0-4 އަކާއިއެކުއެވެ.
ދެވަނަ ހާފަށް ދެޓީމްއިން ނިކުތއިރު އީގަލްސް ޓީމް އިން ކުޅުން ރަނގަޅުކޮށްފައިވާކަނަށް ފާހަގަކުރެވުނެވެ. ނަމަވެސް އީ.ޓީ.އެފް.އޭ އާއި އީގަލްސް ޓީމާއި ދެމެދު ހުރި ތަފާތު ވަރަށް ބޮޑަށް މިމެޗުގައި ފާހަގަވެގެންގެސްފައިވެއެވެ. މިމެޗުގެ ދެވަނަ ހާފްގައިވެސް އީ.ޓީ.އެފް.އޭ އިން ވަނީ 4 ގޯލް ޖަހާފައެވެ. ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި އީ.ޓީ.އެފް.އޭ ޓީމްއިން ދެވަނަ ހާފްގެ ފުރަތަމަ ގޯލް ޖެހީ މެޗެގެ 31 ވަނަ މިނެޓްގައެވެ. އާމިން އުމަރު (ޖ#11) ގެ ހިތްގައިމު ގޯލްއަކުން މެޗުގެ ސްކޯރ 0-5 އިން އީ.ޓީ.އެފް.އޭ ހޯދިއިރު އޭގެ 2 މިނެޓް ފަހުން ދައްޔާން އަޙުމަދު ވަނީ ދެވަނަ ފަހަރަށް މި މެޗެގައި ގޯލެއްޖަހާ، މެޗުގައި ޖެހި ގޯލްގެ އަދަދު 2 އަށް ހަދާފައެވެ. މެޗުގެ ފަހު ދެގޯލް ފެނިގެން ގޮސްފައިވަނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެމުން އައި ދައްޔާން އަދި އިބްރާހިމް ހުސެއިން އަތީޤް (ޖ#19) ގެ ފަރާތުންނެވެ. ތިންވަނަ ގޯލްޖަހާ ދައްޔާން ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. އީ.ޓީ.އެފް.އޭގެ ޑިފެންސްއަށް ކުޅެމުން އައި އިބްރާހިމް ހުސެއިން އަތީޤްގެ ގޯލާއި ފުރުން ޖަހާލި ރީތި ގޯލާއިއެކު މެޗު އީ.ޓީ.އެފް.އޭ އިން ކާމިޔާބު ކުރީ ތަފާތު ބޮޑު 0-8 އަކުންނެވެ.
ދެނަވަ މެޗުގައި، އެމް.އެސް. ހެލްޕިންގ ހޭންޑް އެކަޑެމީ ބަށްދަލުކުރީ މޯލްޑިވްސް ސޮކަރ މޭޓްސް (އެމް.އެސް.އެމް) އާއެވެ. މި މެޗު އެމް.އެސް.އެމް އިން ވަނީ ފަސޭހަކަމާއި އެކު 0-5 އިން ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ 6 މިނެޓް ތެރޭގައި އެމް.އެސް.އެމް ޓީމުންވަނީ 3 ގޯލް ޖަހާފައެވެ. އެމް.އެސް.އެމްގެ ފުރަތަމަ ގޯލް ޖަހައިދިނީ މުޙައްމަދު ނާއިފް (ޖ#11) އެވެ. ނާއިފް ގެ ގޯލްޖެހިތާ 2 މިނެޓް ފަހުން މުޙައްމަދު ޝައިބާން (ޖ#20) ވަނީ އިތުރު ގޯލެއް ޖަހާ ލީޑް ފުޅާކޮށްދީފައެވެ. އޭގެ 2 މިނެޓްފަހުން ޢަހުމަދު ޝިޔާހު (ޖ# 12) ވަނީ ގޯލެއްޖަހާ ހާފްޓައިމްގެ ކުރިން މެޗުގެ ނަތީޖާ 0-3 އަށް ހަދާފައެވެރ.
ދެވަނަ ހާފްގައި އެމް.އެސް.އެމް ޓީމުން މޮޅު ކުޅުމެއް ތަކުރާރުކުރިއިރު ދެވަނަ ހާފްގައިވެސް ވަނީ 2 ގޯލް ޖަހާފައެވެ. ދެވަނަ ހާފްގެ ފުރަތަމަ، މެޗުގެ 4 ވަނަ ގޯލް ޖަހައިދިނީ ޢަހުމަދު އަލާޢު (ޖ#5) އެވެ. އަދި މެޗުގެ ފަހު ގޯލް ޖަހައި ސްކޯރ ޝީޓް އިން މުޙައްމަދު ޖުލަން (ޖ#9) ވަނީ ޖާގަ ހޯދާފައެވެ. މެޗް ނިމިގެން ދިޔައީ އެމް.އެސް. ހެލްޕިންގ ހޭންޑް އެކަޑެމީ އަތުން އެމް.އެސް.އެމް އަށް 0-5 ގެ ފަސޭހަ މޮޅެއް ލިބިގެންނެވެ.
ދިރާޤް 13 އަހަރުން ދަށުގެ ޔޫތް ލީގަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ ޑިވިލޮޕްމަންޓް ޕްރޮޖެކްޓް "ޓްވާރޑްސް ފިއުޗަރ" ގެ މުޅިން އާ ބާބެކެވެ.
އީ.ޓީ.އެެފް.އޭ އީގަލްސް ފުޓްބޯޅަ އެކަޑެމީ އެމް.އެސް ހެލްޕިންގް ހޭންޑް އެކަޑެމީ އެމް.އެސް.އެމް ދިރާޤް 13 އަހަރުން ދަށުގެ ޔޫތް ލީގް