News
އަލީ ޝާމިއު(މައިތޯ) ފޯކައިދޫ ސަޕޯޓަރުން ސިއްސުވާލައިފި
18 ޖޫން 2019
ޑިފެންސިވް މިޑްފީޑަރެއްގެ މަގާމަށް ކުޅެ 3 މެޗުގައި 2 ގޯލް ކާމިޔާބުކޮށް އެއްމެޗްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޝާމިއު(މައިތޯ) ފޯކައިދޫފުޓުބޯޅަ ކުލަބުގެ ސަޕޯޓަރުން ސިއްސުވާލައިފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ކުޅެމުންދާ ފޯކައިދޫ އެފްސީ މިފަހަރު ފެންނަނީ މިދިޔައަހަރާއި ތަފާތުކޮށް ބޮޑެތި ކްލަބުތަކާއި އެކު ކުޅެ ރަނގަޅު ކުޅުމެއް ދައްކަމުންދާ މަންޒަރެވެ. ފޯކައިދޫ އެފްސީއިން ވަނީ މިއަހަރު ޓީމު ވަރުގަދަ ކުރުމަށް ބައެއް މައްޝޫރު ކުޅުންތެރިންވެސް އެޓީމަށް ގެނެސްފައެވެ.
އަދި އެޓީމުގައި މިދިޔަ އަހަރު ޓީމުގައި ކުޅުނު ހުނަރުވެރި ވަރަށް ޒުވާން ކުޅުންތެރިން މިއަހަރުވެސް ތިބިކަން ފާހަގަ ކޮށްލެވެއެވެ. މި ހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް މިފަހަރު އަދި މިހާތަނަށް ފޯކައިދޫ އެފްސީއިން ކުޅެފައިވާ މެޗްތަކަށް ބަލާ ފޯކައިދޫގެ ސަޕޯޓަރުންގެ އިތުރުން ޓީމުގެ މެނޭޖްމަންޓް ސިއްސުވާލީ އެޓީމާއި މިއަހަރު އަލަށް ގުޅުނު މައިތޯއެވެ. މައިތޯއަކީ ވަރަށް ހަލުވި ކުޅުމެއް ކުޅޭ ކުޅުންތެރިއެކެވެ.
މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބެންޗުން ފެނިގެންދިޔަ މައިތޯ ބޯޅައެމްވީ އަށް ބުނީ އޭނާ ފޯކައިދޫ އެފްސީ އަށް ބަދަލުވުމަށް ނިންމީ މިދިޔައަހަރުވެސް ކުޅުމުގެ ފުރުސަތު ލިބިފައި ނުވުމުގެ ސަބަބުން އޭނާގެ ހުނަރު ދެއްކެން އޮތީ ކުޅެން ޗާންސް ލިބޭނެ ޓީމަކަށް ގޮސްގެންކަމަށް ވުމުންކަމަށެވެ.
މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓްގައި މޮޅެތި ކުޅުންތެރިން ތިބުމުގެ ސަބަބުން ކުޅެން ފުރުސަތު ނުލިބުނު ކަމަށް މައިތޯ ބުންޏެވެ.
"އެހެންވުމުގެ ސަބަބުން މިފަހަރު ނިއުރޭޑިއަންޓް ލީގުން ނުފެންނާނެކަން އެނގުމުން އެހެން ޓީމަކަށް ދާން ނިންމި އިރު އެންމެ ބޮޑަށް ބެލީ މިދިޔަ އަހަރުގެ ތަޖްރިބާއަށްބަލައި ކުޅުމުގެ ފުރުސަތު ލިބޭނެ ޓީމަކަށް ދާން" ކަމަށް މައިތޯ ބުންޏެވެ.
މައިތޯބުނީ ފޯކައިދޫ އެފްސީއަށް ބަދަލުވި އިރުވެސް ތަފާތު ކުޅުންތެރިއެއްކަން ސާބިތު ކޮށްދެވޭނެ ކަމުގެ ވަރަށް ބޮޑުޔަގީންކަމެއް އޮތްކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ޓީމަށް ފޯކައިދޫ އެފްސީއަށް ރަނގަޅު ކުޅުމެއް ދައްކައި އެޓީމު ޕްރިމިއަރ ލީގްގައި ރަނގަޅު ނަތީޖާ ހޯދުންކަމަށެވެ. މައިތޯބުނީ ފޯކައިދޫ އެފްސީ ޓީމާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި އަދި ޚާއްސަކޮށް ކޯޗާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
ފޮޓޯ: އެފްއޭއެމް
DPL2019-20 FAM Foakaidhoo Sports Club