News

މިހާތަނަށް އެންމެ ޒުވާން މެނޭޖަރާއި އެކު 19އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތައް މިރޭ ފަށަނީ

17 ޖޫން 2019






 މިހާތަނަށް ގައުމީ ޓީމްގެ ހިމެނުނު އެންމެ ޒުވާން މެނޭޖަރ، އެންމެ 20 އަހަރުގެ އަހްމަދު ފަވާޒް މުހައްމަދު އާއިއެކު 19އަހަރުންދަށުގެ ގައުމީ ޓީމްގެ ފަރިތަކުރުންތައް މިރޭ ފަށާނެއެވެ.

ފަރިތަކުރުންތައް އޮންނާނީ އެފްއޭއެމްގެ ޓާރފް ދަނޑުގައި މިރޭ 20:30 އިން 22:00 އަށެވެ. ބޯޅައެމްވީއަށް މައުލޫމާތު ދެމުން ފަވާޒް ބުނީ ގައުމަށް ޚިދުމަތް ކުރުމަށް މިފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި މީ އޭނާ އަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެކަމަށެވެ. ފަވާޒްގެ އުއްމީދަކީ އޭނާގެ މެނޭޖަރު ކަމުގެ ދަށުން ގައުމަށް ރީތި ނަން ހޯދައި ދިނުންކަމަށެވެ.

ގްރީން ސްޓްރީޓްގެ އެސިސްޓެންޓް މެނޭޖަރުކަމާއި އަދި ގްރީން ސްޓްރީޓްގެ ޔޫތު ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަވާޒް އަކީ މިހާ ޅައުމުރުގައި ގައުމީޓީމެއްގެ މެނޭޖަރުކަން ކުރާ ފުރަތަމަ ފަރާތެވެ.  ގައުމީޓީމުގެ މިހާރު ރޭވިފައިވާ އިވެޓްތަކާއި މެދު ސުވާލު ކޮށްލުމުން ފަވާޒް ބުނީ މީހާރު 19 އަހަރުން ދަށުގެ ޓީމް ތައްޔާރު ވަމުންދަނީ ކުރިޔަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭއެފްސީ ކޮލިފިކޭޝަން އަށެވެ. 

ފަވާޒް ބުނީ މި ދެމުބާރާތަށް ތައްޔާރުވުމަށްޓަކައި ޓީމް ރާއްޖޭގެ ބައެއްރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ޓްރެއިނިން މެޗް ތަކެއް ކުޅުމަށް ދިޔުމަށް ހަމަޖެެހިފައިވާކަމަށެވެ. ނަމަވެސް އަދި އެތަންތަން މުޅިން އަދި ފައިނަލް ނުވާކަމަށެވެ. 

އާންމުކޮށް މިހާ ޒުވާން ކުދިން މީގެކުރިން މިފަދަ މަގާމު ތަކުން ފެނިފައެއް ނުވާކަން ފާހަގަ ވެއެެވެ. މި ލެވަލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެން ދާނަމަ މުސްތަގުބަލުގައި އޭގެ ފައިދާ ފުޓުބޯޅަ އަށް ލިބިގެންދާނެއެވެ. އަދި ޒުވާނުން ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގައި އެހީއަކަށް ވެގެން ދާނެއެވެ. 



Leave a Comment:

Comments will be published after moderation.