News
ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ ހަތަރު ވަނަ ސީޑުގައި ހިމެނިއްޖެ
16 ޖޫން 2019
2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިޔާގެ ޓީމުތައް ފަސް ސީޑިން ގްރޫޕަށް ބަހާލިއިރު ރާއްޖެ ހަތަރުވަނަ ސީޑުގައި ހިމެނިއްޖެއެވެ.
ސީޑުކުރުމުގައި ބަލާފައިވަނީ ފީފާ ރޭންކިންގެ އިތުރުން މީގެ ކުރީގެ ނަތީޖާތަކަށް ބަލައިގެންނެވެ. ރާއްޖެއާއެކު ހަތަރުވަނަ ސީޑުގައި ހިމެނެނީ ތުރުކުމެނިސްތާނާއި މިޔަންމާ އާއި ހޮންކޮން އަދި ޔަމަނާއި އަފްގާނިސްތާނާއި ކުވޭތާއި މެލޭޝިޔާ އެވެ.
ފުރަތަމަ ސީޑުގައި ހިމެނެނީ އިރާނާއި ޖަޕާނާއި ދެކުނު ކޮރެޔާ އާއި އޮސްޓްރޭލިޔާ އާއި ގަތަރާއި ޔޫއޭއީ އަދި ސައޫދީ އަރަބިއާ އާއި ޗައިނާ އެވެ. ދެ ވަނަ ސީޑުގައި ހިމެނެނީ އިރާގާއި އުޒުބަކިސްތާނާއި ސީރިއާ އަދި އޮމާނާއި ލުބުނާނުގެ އިތުރުން ކަޒަކިސްތާނާއި ވިއެޓްނާމާއި ޖޯޑަން އެވެ. ތިން ވަނަ ސީޑުގައި ހިމެނެނީ ފަލަސްތީނާއި އިންޑިޔާ އާއި ބަހުރޭން އަދި ތައިލެންޑާއި ތަޖިކިސްތާނާއި އުތުރު ކޮރެޔާގެ އިތުރުން ޗައިނީސް ޓައިޕޭ އާއި ފިލިޕީންސެވެ. ފަސް ވަނަ ސީޑުގައި ހިމެނީ އިންޑޮނީޝިޔާ އާއި ސިންގަޕޫރު އަދި ނޭޕާލާއި ކެމްބޯޑިއާ އާއި ބަނގްލަދޭޝް އާއި މޮންގޯލިއާ އާއި ގުއާމެވެ.
ކޮންމެ ގްރޫޕަކަށް ވެސް ދާނީ ކޮންމެ ސީޑަކުން އެއް ޓީމެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށްފަހު ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ޓީމާއި ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތަރު ޓީމެވެ. ވޯލްޑް ކަޕުން އޭޝިޔާ އަށް ލިބިފައިވަނީ ހަތަރު ޖާގަ އެވެ. އެހެންކަމުން ދެ ވަނަ ބުރުން ފަސް ވަނަ ހޯދާ ޓީމު ކުޅޭނީ ޕްލޭއޯފް މެޗެކެވެ.
އޭޝިޔާގެ ވޯލްޑް ކަޕް ކޮލިފައިން ކުރިއަށް ގެންދާނީ އޭޝިއަން ކަޕް ކޮލިފައިންއާއެކުއެވެ. އެހެންކަމުން ގްރޫޕްތަކުގެ ޗެމްޕިއަން ޓީމާއި ދެ ވަނަ އަށް އެންމެ ގަދަ ހަތަރު ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާ އެވެ. އެހެން ޓީމުތައް އޭޝިއަން ކަޕުގެ ޕްލޭއޯފް ކުޅެން ޖެހޭނެ އެވެ.