News

ފޯކައިދޫއިން އެޓީމުގެ ފެށުން ރަނގަޅުކޮށްފި

15 ޖޫން 2019






ދިރާގު ދިވެހި ޕްރިމިއަރ ލީގުގަ މިރޭ ފޯކައިދޫ އެފްސީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗް 2-1 ގެ ނަތީޖާ އަކުން ފޯކައިދޫ އެފްސީ މޮޅުވެ ފެށުން ރަނގަޅުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހާފުގައި ފެނިގެން ދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިގެންގޮސްފައެވެ. މެޗްގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި ފޯކައިދޫގެ ޖައިލަމަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކަރުވެފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. 

ދެވަނަ ހާފް ފަށައިގެން 50 ވަނަ މިނެޓްގައި ފޯކައިދޫގެ އަންސަރަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަމަ އޭގެ މިނެޓެއްނުވެ އެޓީމުގެ ނަޒީމް (ޗޯޓު) އަށް ވެސް ގޯލް ކާމިޔާބު ކުރަން ހުސްކޮށް ލިބުނު ބޯޅަ ދިޔައީ ގޯލްކައިރިން ބޭރަށެވެ. 

ދެވަނަ ހާފްގެ 65 ވަނަ މިނެޓުގައި ޔޫވީ ކުޅުންތެރިން ފޯކައިދޫގެ އަންސަރު އިބްރާހިމްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޖެހުމަކުން ފޯކައިދޫގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަދެ ފޯކައިދޫއިން ވަނީ އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައެވެ. 

އޭގެ ހަތަރު މިނެޓްފަހުން މެޗްގެ 69 ވަނަ މިނެޓުގައި ޔޫވީގެ ކެޕްޓަން ނާޝިދު (ނާއްޓެ) ވަނީ ގޯލެއް ޖަހާ ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.  މިލަނޑު ވަނުމުގައި ފޯކައިދޫގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. 

މެޗްގެ 74 ވަނަ މިނެޓުގައި ފޯކައިދޫއަށް ލީޑް ނަގައިދިނީ އެޓީމުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފުވާދުއެވެ. މި ގޯލު ޖެހުމުގައި އަންސަރުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. 

މުޅިމެޗަށް ބަލާއިރު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓްރީ އަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ފޯކައިދޫއިން ވަނީ އެމީހުންގެ ފުރަތަމަ މެޗް ކާމިޔާބު ކޮށްފައެވެ.

 

 

 

 



Leave a Comment:

Comments will be published after moderation.