News
ފ. ނިލަންދޫ ޓީމަށް ފަހު ފުރުސަތު މިރޭ 12 ޖެހުމާއި ހަމައަށް
13 ޖޫން 2019
ލޯކަލް ކުލަބް ލައިސަންސް މިހާތަނަށް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ނިލަންދޫ ޓީމު ރަޖިސްޓްރީވުމުގެ ފަހު ފުރުސަތު މިރޭގެ 12 ޖެހުމާއި ހަމައަށް ދީފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ބުނެފިއެވެ.
ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގްގައި މިއަހަރު ވާދަކުރާ ނުވަ ޓީމުތަކުގެ ތެރެއިން އަށް ޓީމަކަށް އެފްއޭއެމުން ވަނީ ލޯކަލް ކުލަބު ލައިސެންސް ދީފައެވެ. މީގެތެރެއިން ރަޖިސްޓްރީނުވެ އޮތް ހަމައެކަނި ޓީމަކީ ނިލަންދޫއެވެ.
އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ނިލަންދޫއަށް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މިރޭ 12 ޖެހުމުގެ ނިޔަލަށް ކަމަށެވެ. އެ ފުރުސަތު ދިނީ ކުލަބުތަކަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ. އަދި އެއްވެސް ހާލަތެއް މެދުވެރިވެ މިހާރު ދީފައިވާ ގަޑިޔަށް ރަޖސްޓްރީ ނުވެވިއްޖެނަމަ ލީގުގައި ކުޅުމުގެ ފުރުސަތު ނިލަންދޫއަށް ގެއްލިގެންދާނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ.
އެފްއޭއެމުން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަށް ކުލަބް ލައިސަންސް ސިސްޓަމުގައި ރަޖިސްޓްރީވާން ޖެހެއެވެ.
ކުލަބު ލައިސެންސް ސިސްޓަމުގައި ރަޖިސްޓްރީވުމަށް އެ ކުލަބެއްގެ ކުޅުންތެރިންގެ ފުރިހަމަ މައުލޫމާތާއި މެޑިކަލް ބައިތަކުގެ އިތުރުން އެހެނިގެން ގިނަ ބައިތަކެއް ފުރިހަމަކުރަން ޖެހެއެވެ. މިއީ އޭއެފްސީން ވެސް ވަރަށް ބޮޑަށް ބާރުއަޅާ ސިސްޓަމެކެވެ. މި ސިސްޓަމުގެ ސަބަބުން ކުލަބުގެ ކަންކަން ބެލެހެއްޓުމަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދެއެވެ.
މިއަހަރުގެ އޭއެފްސީ ކަަޕުން ދިވެހި ޓީމުތަކަށް ފުރުސަތު ގެއްލުނީ ކުލަބް ލައިސެންސް ސިސްޓަމުގައި ދިވެހި ޓީމުތައް ރަޖިސްޓްރީ ނުވުމުގެ ސަބަބުންނެވެ. އަދި ހަމަ އެއާއިއެކު މިފަހަރުގެ ލީގު ފޯމެޓަށް އައި ބަލާއި އެކު އެފްއޭއެމަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.