News

ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ވޮލީ ނެޝަނަލް ޓީމްތަކުގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި

13 ޖޫން 2019






ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ ހިންގުމުގެ މައްސޫލިއްޔަތާއި އިއްޔެ ހަވާލުވުމަށްފަހު ނޯމަލައިޒޭޝަން ކޮމިޓީގެ ބޭފުޅުން ގައުމީ ޓީމްތަކުގެ އޮފިޝަލުންނާއި ރޭ ބައްދަލުކޮށްފިއެވެ. 

އިންޓަރނޭޝަނަލް މުބާރާތްތަކެއް ކުރިޔަށް ހުރުމާއި އެކު އެސޯސިއޭޝަނުގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލު ވުމުގެ ސަބަބުން ނެޝަނަލް ޓީމްތަކަށް ކުރިޔަށް ދާންވީ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ސީނިއަރ އަންހެން/ ފިރިހެން އަދި 23 އަހަރުން ދަށުގެ އަންހެން ގައުމީޓީމުގެ އޮފިޝަލުން ބައިވެރި ވިއެވެ. 

ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލު ކޮށްފައިވާކަމަށް ސްޕޯޓްސް ކޮމިޝަނުންވަނީ އަންގާފައެވެ. އަދި އެކޮމިޓީގެ ޗެއާމަނެއްގެ ގޮތުން ހަރަކާތްތެރިވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބުރައީސް އަބްދުއްﷲ އާމިރެވެ. 

ގައުމީ ޓީމުތަކުގެ ކޯޗުންނާއި އޮފިޝަލުންނަށް ތައާރަފް ވުމަށް ބޭއްވި މިބައްދަލުވުމުގައި އެކޮމިޓީގެ ޗެއާމަން ވިދާޅުވީ އެބޭފުޅުންގެ ޒިންމާ އަކީ ގަވާއިދާއި ޚިލާފަށް ކޮށްފައި ހުރި ކަންކަން ބަލާ އެކަންކަން ރަނގަޅު ކުރުމަށްފަހު އައު ހިންގާކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވާ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔުމެވެ. 

އަދި އެބޭފުުޅުންގެ ފަރާތުން ނެޝަނަލް ޓީމުތަކަށް ބޭނުންވާ ސަޕޯރޓް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށްވެސް ޗެއާމަން ވިދާޅުވިއެވެ. އަދި ބައްދަލު ކުރަންޖެހޭ ވަކި ވަކި ފަރާތްތަކާއި އެ ކޮމިޓީގެ ބޭފުޅުން ބައްދަލު ކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.  

ވޮލީއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަމީހުން ކުޅޭކުޅިވަރެވެ. ވޮލީގެ ތާރީޚްގައި މީ ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލު ކުރި ފުރަތަމަ ފަހަރެވެ.

ފޮޓޯ: އަވަސް

 



Leave a Comment:

Comments will be published after moderation.