News
ވީއޭއެމްގެ ރައީސްކަން މުހައްމަދު ލަތީފަށް ގެއްލިއްޖެ
13 ޖޫން 2019
ވޮލީބޯޅަ އެސޯސިއޭޝަން ވީއޭއެމްގެ ހުރި މައްސަލަތައް ހައްލުކުރުމަށް އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާއި ސްޕޯޓްސް ކޮމިޝަންއިން ހަވާލުކޮށްފިއެވެ.
ވީއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރިިއިރު، ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވުމާއި ހަމަޔަށް ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ޝާފީ ދާދި ފަހުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ)ގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ވީއޭއެމްގެ ރައީސް ލަތީފާއި ސީނިއަ ނައިބު ރައީސް މުހައްމަދު ފަހުމީ މި ވަގުތު ހުންނެވީ ތައިލެންޑުގެ ބެންކޮކުގައި ކަމަށެވެެ.
ނޯމަލައިޒޭޝަން ކޮމިޓީ އަކާއި ހަވާލުކުރުމާއި އެކު އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މަގާމުތަކުގައި ތިއްބެވި މެމްބަރުންގެ މަގާމު އޮޓެމެޓިކުން ގެއްލޭނެއެވެ. އެހެންކަމުން އެ އެސޯސިއޭޝަންގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލުނީއެވެ. ނަަމަވެސް ޓެކްނިކަލް މަގާމްތަކުގައި ތިބި ސްޓާފުންގެ ވަޒީފާ އެއްނުގެއްލޭނެއެވެ.
ކުޅިވަރުގެ ގާނޫނު ބުނާގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުޅިވަރުގެ އެންމެހައި ކަންކަން ބަލަހައްޓާ ފަރާތަކީ ސްޕޯޓްސް ކޮމިޝަނެވެ. އެކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ހީނާ) ސޮއި ކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާތީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލު ކޮށްފައިވާކަމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީ އާއި ހަވާލުވުމާއި އެކު އެ ކޮމިޓީން ވަނީ އިއްޔެއިން ފެށިގެން އެސޯސިއޭޝަންގެ ހިންގުމާއި ހަވާލުވެފައެވެ. އަދި މިހާރުގެ ހާލަތު ބެއްލެވުމަށާއި އޮޅުން ފިލުވަންޖެހޭ ކަންކަން އޮޅުން ފިލުވުމަށްޓަކައި އެތަނުގެ ސްޓާފުންނާއި ގައުމީޓީމްތަކުގެ އޮފިޝަލުންނާއި ބައްދަަލުކޮށްފައެވެ. އަދި ރަނގަޅު ކުރަޖެހޭ ކަންކަން ފާހަގަ ކޮށް ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައެވެ.
އެކޮމިޓީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންގޮސް އިންތިޚާބަކާއި ހަމައަށް ދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް އެކޮމިޓީގެެ ރައީސް ވަނީ ވިދާޅުވެފައެވެެ.
ވޮލީއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަމީހުން ކުޅޭކުޅިވަރެވެ. ވޮލީގެ ތާރީޚްގައި މީ ނޯމަލައިޒޭޝަން ކޮމިޓީއަކާއި ހަވާލު ކުރި ފުރަތަމަ ފަހަރެވެ.
ފޮޓޯ: ޕީއެސްއެމް