News

ޓީސީ ސްޕޯޓްސް ކްލަބުން ޗެރިޓީޝީލްޑް ކާމިޔާބުކޮށްފި

12 ޖޫން 2019






މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ފޯކައިދޫ އެފްސީ އާއި ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި އެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ދެވަނަލެގްގެ މެޗް 3-1 މެޗްކާމިޔާބުކޮށް ޓީސީއިން ވަނީ މިއަހަރުގެ ޝީލްޑް އުފުލާލާފައެވެ. މި ދެޓީމު ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިފަހަރު މުޅިން އަލަށް ހޯމް އެންޑް އަވޭ އުސޫލުން ޗެރިޓީ ޝީލްޑް މެޗު ކުޅުނުއިރު، ޓީސީއަށް ކުރިލިބުނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޓީސީންނެވެ. މި ގޯލް މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އާސިމް އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފޯކައިދުއަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޓީސީގެ އައްޒާމް ކުރި ފައުލަކާއި ގުޅިގެން ފޯކައިދޫއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމުގެ އަންޞާރު އިބްރާހީމް ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ފޯކައިދޫގެ އަލީ ޝާމިއު ވަނީ ހިލޭޖެހުމަކުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގައި ޓީސީން ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ  71 ވަނަ މިނެޓުގައި، މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ނޭޕާލްގެ އެންމެ އުއްމީދީ ފުޓުބޯޅަ ކުޅުންތެރިޔާ ބިމާލް ގާތީ މަގަރެވެ. އަދި އޭނާ ވަނީ މެޗުގެ ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޓީސީއަށް ލީޑު ފުޅާކޮށްދީފައެވެ.

މިފަހަރުގެ ޗެރީޓީ ޝީލްޑުގެ އެއް މެޗު މާލޭން ބޭރުގައި ކުޅޭ ގޮތަށް ރޭވިއިރު، މިއީ ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަން ފެންވަރުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.

ފޮޓޯ: އަވަސް

Dhivehi Premier League DPL2019-20 Foakaidhoo Sports Club TC Sports Club

Leave a Comment:

Comments will be published after moderation.