News

ވީއޭއެމް އަދި ރަސްމީކޮށް އެއްވެސް ބަޔަކާއި ހަވާލެއް ނުކުރަން: ކޮމިޝަން

11 ޖޫން 2019






ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެކްސްކޯ އުވާލައި އިންޓަރިމް ކޮމެޓީއަކާ ވެސް ނޯމަލައިޒޭޝަން ކޮމެޓީއަކާއި ވެސް އަދި ހަވާލު ކުރުމަށް ރަސްމީކޮށް އަދި ހަވާލު ނުކުރައްވާކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވެއްޖެއެވެ.

ވީއޭއެމް އެކްސްކޯ އުވާލައި އިންޓަރިމް ކޮމެޓީއަކާ ހަވާލު ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމައިފި ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެކަމާއި ގުޅިގެން ބޯޅައެމްވީ އިން މައުލޫމާތު ސާފުކުރުމުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ސަލީމް(ބޮޑު ހީނާ) ވިދާޅުވީ ފާއިތުވި 3 އަހަރު ނުގަވައިދުން ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން އެކަން ކަން ރަނގަޅު ކުރަން ވީއޭއެމްއަށް ފުރުސަތު މީގެ ކުރިން ކޮމިޝަނަރުންނަށް ތިބެވި ބޭފުޅުންވެސް ދެއްވާފައިވާކަމަށެވެ.

ނަމަވެސް ދިން ތާރީޚް ފަހަނަ އަޅާ ދިޔައިރުވެސް ރަނގަޅުކޮށްފައި ނުވާތީ އެމައްސަލައިގައި ގޮތެއް ނިންމަން ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.  
ހީނާ ވިދާޅުވީ ކޮމެޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމް އާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ބަލައި ކަންކަން ރަނގަޅުކޮށް އާ އިންތިހާބަކާއި ހަމައަށް ދިޔުންކަމަށެވެ. 

ސްޕޯޓްސް ކޮމިޝަނުން އެކުލަވާލާ ކޮމިޓީގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. މިކޮމިޓީގައި ތިއްބަވާނެކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ބޭފުޅުންނަށް ބަލާއިރު، ހިމެނެނީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބް ރައީސް އަބްދުﷲ އާމިރު އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން އަދި ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްޓަރީ ހުސައިން މުޙައްމަދު އާއި އޮލިމްޕިކް ކޮމެޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑް ބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އިސްމާއީލްގެ އިތުރުން ކުޅިވަރާއި މިނިސްޓްރީގެ ދެބޭފުޅުންކަމަށް މައުލޫމާތު ލިބެއެވެ. 

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ބޯޅައެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން އިސްލާހީ އެޖެންޑާއެއް އިއުލާނުކޮށް އެމަސައްކަތް ކުރިޔަށް އެބަގެންދާކަމަށެވެ. ލަތީފް ވިދާޅުވީ އެސޯސިއޭޝަންއިން ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްތަށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލާ، ކޮމިޝަނަރ އޮފް ސްޕޯޓްސް ބޭނުންވެއްޖެ ކަމަށްވާނަމަ، އާ އިންތިޚާބަކަށް ފުރުސަތު ހުޅުވާލުމަށް އެދި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ސަލީމްއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށެވެ. 

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ވޮލީ ބޯޅައިން ރާއްޖެއަށް ހޯދާދޭ ކާމިޔާބީ އިތުރުކޮށް، ޓެކްނިކަލް ގޮތުންނާއި އިދާރީގޮތުން އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކޮށް، އިސްލާހީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާކަމަށެވެ. އަދި ވޮލީއާއި ހަވާލުވިއިރު ވޮލީ އެސޯސިއޭޝަން އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

އަދި އެސޯސިއޭޝަންއިން ފަށާފައިވާ އިސްލާހީ މަސައްކަތުގެ ވަރަށް ބޮޑުބައެއް ނިންމާލެވިފައިވާ ކަމަށާއި މިއަންނަ މަސް ނިމުމުގެ ކުރިން އިސްލާޙީ މަސައްކަތް ނިންމާލެވޭނެކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިންމާ ނުލެވެނީސް އެސޯސިއެޝަންގެ ހިންގުން ނޯމަލައިޒޭޝަން ނުވަތަ އިންޓަރިމް ކޮމެޓީއަކަށް ގޮސްފިކަމަށްވާނަމަ، މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތް ހުއްޓި، ވޮލީގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ. 

ލަތީފް އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގައި ވޮލީ އެސޯސިއޭޝަން 1982ވަނަ އަހަރު އުފެދުނީސް ސުރެން ކުރަން ބޭނުންވެފައިވާ ކަމެއްކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ކުރެވިފައިނުވާކަމެއްކަމަށެވެ. އަދި މިއީ މިހާރުގެ ހިންގާ ކޮމެޓީއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް މިއަންނަ މަހުގެ ނިޔަލަށް ނިންމާލާ، ކޮމިޝަރއަށް ފެނިވަޑައިގަންނަވާނަމަ އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީއެއް އެކުލަވާލުމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަންވެސް މުހައްމަދު ލަތީފް ވަނީ ފާހަގަކުރައްވާފައިވެއެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު މާޗުމަހު މުހައްމަދު ރިޔާޒް ތިންވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންވެފައި ވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ އޭރުގެ ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން މިހާރުގެ ރައީސް މުޙައްމަދު ލަތީފް މަގާމާއި ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. 



Leave a Comment:

Comments will be published after moderation.