News

ނިލަންދޫއަށް ލީގުގައި ވާދަ ކުރުމުގެ ފުރުސަތު މިއަދުގެ 2 ޖެހުމާއި ހަމައަށް އެބައޮތް

10 ޖޫން 2019






މިއަދުގެ 2 ޖެހުމާއި ހަމައަށް ފ ނިލަންދޫ ފުޓްބޯޅަ ކްލަބުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައި މުބާރާތުން ފެނިދާނެކަމުގެ ފުރުސަތު އެބައޮތްކަމަށް އެޓީމުން ބުނެފިއެވެ.

ބައެއް ނޫސްތަކުގައި އަންނަ ހުކުރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގުން ފ.ނިލަންދޫ ފުޓްބޯޅަ ކްލަބް ފެނިދާނެ ކަމާއިމެދު ސުވާލުތަކެއް އުފައްދާފައިވާތީ ބޯޅަ އެމްވީއިން ނިލަންދޫ ޓީމުގެ ބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ ބައެއް ލިޔެކިޔުންތައް ލަސްވެގެން އުޅެނީ މުޅިން އައު ކްލަބެއް ރަޖިސްޓްރީކޮށް ލިބެންޖެހޭ ބައެއް ޑޮކިޔުމަންޓްސްތައް ނުލިބި ލަސްވާތީ ކަމަށެވެ. 

މިދިޔަ އަހަރު ނިލަންދޫ ޓީމް ވާދަކޮށްފައިވަނީ ޖަމިއްޔަތުއް ޝަބާބު ނިލަންދޫ ކިޔާ ކްލަބެއްގެ ނަމުގައެވެ. ނަމެވެސް މިއަހަރު އެފްއޭއެމް އިން އެކްލަބަށް އަންގާފައިވަނީ މުބާރާތުގެ ގަވާއިދާއި ފުށުއެރުމެއް އުޅޭތީ އެޓީމުގެ ނަން ބަދަލުކުރުމަށެވެ. އަދި ރަށަށް ނިސްބަތްވާ ޓީމެއް އެފްއޭއެމްގައި ރަޖިސްޓްރީ ކުރުމަށް އެންގިކަމަށެވެ. 

ނިލަންދޫޓީމުގެ އޮފިޝަލް ވިދާޅުވީ އެފްއޭއެމް އަށް ހުށަހަޅަން ޖެހޭ އެއްޗެހީގެ ތެރެއިން މިހާރު ހުށަނޭޅި ވަނީ ކުޅުންތެރިންގެ މެޑިކަލް ރިޕޯޓްތަކުގެ އިތުރުން މިދިޔައަހަރުގެ ކްލަބުގެ ބަޖެޓް ޚަރަދު ކުރިގޮތުގެ ރިޕޯޓެވެ. 

" އަޅުގަނޑުމެންނަށް އުނދަގޫވެގެން މިއުޅެނީ މިކްލަބުގެ މިދިޔައަހަރުގެ ބަޖެޓް ޚަރަދު ކުރި ގޮތުގެ ރިޕޯޓް ހުށައަޅަންޖެހިގެން. މިކުލަބު ރަޖިސްޓްރީ މިވީ އަދި އިހަކަށްދުވަހު. މިދިޔަ އަހަރު ލީގުގައި ކުޅުނީ ޖަމިއްޔަތުއް ޝަބާބު ނިލަންދޫ. އެއީ މުޅިން އެހެން ކުލަބެއް. އެހެންވީމަ އެކަހަލަ ދަތިތަކެއް މިއުޅެނީ" އޮފިޝަލް ވިދާޅުވިއެވެ.  

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކްލަބް ލައިސަންސް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިލަންދޫ އިން ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ.

ބޯޅައެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ކްލަބުތަކުން އެފްއޭއެމްއިން ހުށަހަޅަން އެދިފައިވާ ޑޮކިއުމަންޓްސްތައް ހުށަނާޅާ ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ނަމަވެސް މިއަހަރުގެ ދިރާގް ދިވެހި ލީގުގެ ޝެޑިއުލް އެފްއޭއެމް އިން ނެރުނު އިރު ވަނީ އެޝެޑިއުލްގައި ނިލަންދޫ ފުޓުބޯޅަ ކްލަބުވެސް ހިމަނާފައެވެ. ބޮޑެތިކްލަބުތަކުގެ ތެރެއިން ހަމަ އެކަނި ފުރުސަތު ގެއްލިގެންދިޔައީ ރާއްޖޭގެ އެންމެ ބޮޑުކުލަބު ނިއުރޭޑިއަންޓަށެވެ. މިދިޔަ އަހަރު އެޓީމުގެ ބައެއް ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވުމުގެ ސަބަބުން އެޓީމުވަނީ އެފްއޭއެމްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ.

Dhivehi Premier League DPL2019-20 F.Nilandhoo FAM

Leave a Comment:

Comments will be published after moderation.