News
ޔޫތަށް އަލަށް ނިކުންނަ ދަގޭންގް ޓްރަޔަލްސްތައް ބުރާސްފަތި އަދި ހުކުރު ދުވަހު
8 ޖެނުއަރީ 2019
ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރޭޝަން ސްޕޯރޓްސް ކްލަބް (ދަ ގޭންގް) އިން ހުޅުވާލައިގެން ބާއްވާ ޓްރަޔަލްސްތައް މިއަންނަ ޖަނަވަރީ 11،10 ވާ ބުރާސްފަތި އަދި ހުކުރު ދުވަހު ބާއްވާގޮތަށް އިޢުލާންކޮށްފިއެވެ. މި ޓްރަޔަލްސްތަކަކީ އަންނަ ފެބުރުއަރީ މަހު އެފް.އޭ.އެމް އިން ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕް މުބާރާތަށް ދަ ގޭންގް އިން ނިކުންނަ ޒުވާން ޓީމަސް ކުޅުންތެރިން ހޮވުމަށްޓަކައި ބާއްވާ ޓްރަޔަލްސްތަކެކެވެ. ދަ ގޭންގް ފޭސްބުކް ޕޭޖްގައި މި ޓްރަލްސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ކުޅުންތެރިންނަށް ވަނީ އެފުރުސަތުއޮތްކަމަށް ބުނެފައެވެ. ދެ ދުވަހުގެ މި ޓްރަޔަލްސްތައް އޮންނާނީ އެފް.އޭމް.އެމް ޓާރފް ދަނޑުގައެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 7940767 , 7733903 ނަންބަރަށް ގުޅުމަށްވެސް އެދިފައިވެއެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންވެގެންދާނީ ދަ ގޭންގް އިން ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގްގައި ދަ ގޭންގް އިން ވާދަކުރާނެއެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.
ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް،ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ، ފޯކައިދޫ އިންވެސް ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ދެން މުބާރާތުގައި ވާދަކުރާނެ މާޒިޔާ އިން މިހާރުވަނީ އެމީހުންގެ ޓީމް ނެގުމަށް ބާއްވާ ޓްރަޔަލް ފަރިތަކުރުންތަކަށް އިއުލާންކޮށްފައެވެ.
މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
ފޮޓޯ: ދަ ގޭންގް ފޭސްބުކް ޕޭޖް
އެފް.އޭ.އެމް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ދަ ގޭންގް ސްޕޯރޓްސް ކްލަބް