News
އުއްމީދަކީ ސާފް ގޭމްސްގައި ރަންމެޑަލް ހޯދުން: ވޮލީ ރައީސް
8 ޖޫން 2019
ރާއްޖޭގެ ގައުމީ ފިރިހެން ވޮލީޓީމްގެ ޓާރގެޓަކީ އިންޑިއަން އޯޝަން އައިންލެންޑް ގޭމްސް(އައިއޯއައިޖީ) އިން ލޯމެޑަލް އަދި ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދުންކަމަށް ވީ.އޭ.އެމް ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޖުމްލަ 20 ކުޅުންތެރިންގެ ސްކޮޑަކާއެކު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން މިދިޔައަހަރުގެ ނޮވެމްބަރމަހުވަނީ ފަރިތަކުރުންތައް ފަށާފައެވެ.
ލަތީފް ވިދާޅުވީ މިއަހަރު ރަނގަޅު ނަތީޖާއެއް ހޯދުމަށް ފިރިހެން ޓީމް ކުރަމުންދާ މަސައްކަތުގައި ހިތްވަރަކަށް ވެގެން ދިޔައީ ރާއްޖެގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ޓީމުގައި ހިމެނިގެން ދިޔުމެވެ. ކުޑަކާއްޓޭ ވަނީ އަމިއްލަ ސަބަބުތަކާއި ހެދި ޓީމާއި ދުރުގައި ދުވަސް ކޮޅަކު ހުރުމައްފަހު އަލަށް އެކުލަވާލި ޤައުމީ ސްކޮޑްގައި ހިމެނި އަލުން އަނބުރާ ޤައުމީ ވޮލީ އައިސްފައެވެ. އިސްމާއިލް ސާޖިދް ގެ އެނބުރި އައުމަކީ ވޮލީ އާއިލާއަށް ލިބުނު ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެކެވެ.
ފިރިހެން ވޮލީޓީމް ތައްޔާރުވަމުންދާ ފުރަތަމަ މުބާރާތަކީ މިއަހަރު ޖުލައި 19 އިން 28 އަށް މޮރިޝަސްގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިންލެންޑް ގޭމްސް(އައި.އޯ.އައި.ޖީ)ގައި ވާދަކުރުމަށެވެ. އައި.އޯ.އައި.ޖީ އަކީ ކޮންމެ 4 އަހަރަކުން 1 އަހަރު އިންޑިޔާކަނޑުގެ ޖަޒީރާ ރަށްތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ.
ފިރިހެން ވޮލީޓީމް ދެވަނައަށް މިއަހަރު ބައިވެރިވާނެ މުބާރާތަކީ އޯގަސްޓް 15 އިން 25 އަށް ނޭޕާލްގައި ބާއްވާ އޭޝިއަން ސީނިއަރ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޝެމްޕިއަންޝިޕެވެ. މިމުބާރާތްވަނީ 2017 ވަނަ އަހަރު ރާއްޖޭގަވެސް ބާއްވާފައެވެ.