News
23 އަހަރުން ދަށުގެ އަންހެންޓީމާއި މެދު އުއްމީދު އެބައޮތް: ވޮލީގެ ރައީސް
8 ޖޫން 2019
ރާއްޖޭގެ ވޮލީ 23 އަހަރުން ދަށުގެ އަންހެންޓީމަކީ އުއްމީދީ ޓީމެއްކަމަށް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ބޯޅައެމްވީއަށް މައުލޫމާތު ދެއްވަމުން ލަތީފް ވިދާޅުވީ އަންނަ ޖުލައިމަހު ވިއެޓްނާމުގައި ބާއްވާ 23 އަހަރުންދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން 23 އަހަރުން ދަށުގެ ޓީމަކީ ޒުވާން ހުނަރުވެރި ކުދިންތަކެއް ހިމެނޭ ޓީމެއްކަމަށާއި މިޓީމަކީ ރާއްޖޭގެ ވޮލީގެ މުސްތަގުބަލަށް ވެގެން ދާނެކަމަށެވެ.
މިކަހަލަ މުބާރާތްތަކެއް މިހާކުޑައިރު ކުޅެން ޗާންސް ލިބިގެން ދިޔުމަކީ އެކުދިންނަށް ކުރިޔަށް ދިޔުމަށް ލިބޭނެ ބާރެއްކަމަށް ލަތީފް ވިދާޅުވިއެވެ.
" ވަރަށް ޔަންގް ޓީމެއް 23 އަހަރުން ދަށުގެ ޓީމުގައި މިތިބީ. ގިނަ ކުދިންގެ އެވްރެޖް އުމުރަކީ 15 އަހަރާއި 20 އަހަރު. އަދި މިކުދިންނަކީ އެހާ ޓެލެންޓެޑް ކުދިންކޮޅެއް. ގިނަ ކުދިންގެ އިސްކޮޅުވެސް ރަނގަޅު. މިކުދިން ގިނަ ދުވަހު ގެންގުޅެވިއްޖެއްޔާ މިކުދިން ވެގެންދާނީ ވޮލީގެ ތާރީޚް ބަދަލު ކޮށްލާނެ ޓީމަކަށް " ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ޒުވާން ކުޅުންތެރިން މަދުވުމުގެ އަސްލަކީ މުބާރާތްތަކަށް ދިޔުމަށްފަހު އެނބުރި އައިސް ފަރިތަކުރުން މެދުކަނޑާލާތީއެވެ. ނަމަވެސް މިފަހަރުގެ އަމާޒަކީ މުބާރާތުން އެނބުރި އައިސްވެސް މެދުކެނޑުމެއްނެތި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމެވެ.
ގިނަ ޒުވާން ކުޅުންތެރިން ތަކަކާއެކު ޖުމްލަ 20 ކުޅުންތެރިންގެ ސްކޮޑަކާއެކު ޒުވާން ކޯޗު ހަސަން އަގްލީން ގެ އިރުޝާދުގެ ދަށުން މިދިޔައަހަރުގެ ނޮވެމްބަރމަހުވަނީ ފަރިތަކުރުންތަށް ފަށާފައެވެ.
އަންހެން ވޮލީޓީމް ތައްޔާރުވަމުންދާ މުބާރާތަކީ މިއަހަރު ޖުލައި 13 އިން 21 އަށް ވިއެޓްނާމްގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ 3 ވަނަ އޭޝިއަން 23 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް 2019 ގައެވެ.