News

އަންނަ މަހު 16 އަހަރުން ދަށުގެ ބައިނަލް އަގުވާމީ މުބާރާތެއް މާލޭގައިބާއްވަނީ

7 ޖޫން 2019






ކުރިޔަށް އޮތް ޖުލައި މަހު 16އަހަރުން ދަށުގެ ބައިނަލް އަގުވާމީ މުބާރާތެއް މާލޭގައިބާއްވަން ނިންމަވާފައިވާކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިހްސާން އަބްދުލްޣަނީ (ސާންތި) ވިދާޅުވެއްޖެއެވެ.

ސާންތި ވިދާޅުވީ މި މުބާރާތަކީ ސަޕޯޓަރުންނާއި ބެލެނިވެރިންނަށް އެކުދިން ކުރާ މަސައްކަތް ދައްކައިލުމުގެ އިތުރުން ކުރިޔަށް އޮތް އޭއެފްސީ މުބާރާތާއި ސާފް މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ. 16 އަހަރުން ދަށުގެ މުބާރާތް އޮގަސްޓްގައި އޮތްއިރު 15 އަހަރުން ދަށުގެ އޭއެފްސީ މުބާރާތް އޮތީ ސެޕްޓެމްބަރު މަހުގައެވެ. މި ދެމުބާރާތުގައިވެސް ކުޅޭނީ މިހާރު އޮތް ޓީމްކަމަށް ސާންތި ވިދާޅުވިއެވެ.

މާލޭގައި ބާއްވާ މި އިންޓޭޝަނަލް މުބާރާތަކީ ޔޫ.އީ.އެފް.އޭ އާއި ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭސިއާގެ 3 ޤައުމަކާއި ޔޫރަޕްގެ ޤައުމެްވެސް ބައިވެރިވާނެއެވެ. ބައިވެރިވާ ޓީމުތައް އަދި މުބާރާތް އޮންނާނެ ތާރީހެއް ވަރަށް އަވަހަށް ނިންމާނެއެވެ.

މިދިޔަ އަހަރުވެސް ޤައުމީ 15 އަހަރުން ދަަށުގެ ފިރިހެން ޓީމުވަނީ ތައިލޭންޑްގައި އޮތް ޔޫ.އީ އެފް.އޭ އާއި ގުޅިގެން ބޭއްވުނު މިފަދަ މުބާރާތެއްގައި ބައިވެރިވެ ތަޖުރިބާ ހޯދާފައެވެ.

އޭއެފްސީ މުބާރާތުގެ ގުރުއަތު ނަގައިފައިވާއިރު، ރާއްޖެ އޮތީ މުބާރާތް ބާއްވާ ގައުމުކަމަށްވާ އިރާން އާއި އެއްގްރޫޕެއްގައެވެ. އިރާންގެ އިތުރުން ދެން ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ އަފްގާނިސްޓާނާއި ފަލަސްތީނެވެ. ސާންތި ވިދާޅުވީ މި ތިން ގައުމަކީވެސް ރާއްޖެއާއި އަޅާ ބަލާއިރު ފިޒިކަލީ ގޮތުންވެސް ވަރުގަދަ ޓީމްތަކެވެ.

ސާންތި ވިދާޅުވީ ނަތީޖާ ނުނެރެވޭކަމަށް ބުނާއިރު " ފުޓުބޯޅަ ސަޕޯޓަރުން އަދި މި ކުދިންގެ ބެލެނިވެރިންނަށް މިމުބާރާތުން އެނގިގެންދާނެ އަޅުގަނޑުމެން މިދައްކާ ވާހަކަ، އެބޭފުޅުންނަށް ގަބޫލު ކުރެވޭނެ އެކުދިން ކުޅެންޖެހޭ ޓީމުތަކުގެ ސައިޒާއި، މިހުރިހާ އެއްޗެއް ފެނިގެން ދިޔައިމަ މި ޓީމް ގޯސް ނޫންކަން، ވަރަށް ބޮޑުތަން ގަބޫލު ކުރެވިގެންދާނެ" ކަމަށެވެ.

ސާންތި ވިދާޅުވީ ނަތީޖާ ނެރެވޭނީ ދިގު މުއްދަތަކަށް މިކުދިން ގެންގުޅެގެން ކަމަށެވެ. 16 އަހަރުގެ އުމުރުފުރާ ނިމުމުން ދެން އެކުދިން ދޫކޮށްލުމުގެ ބަދަލުގައި އެކުދިން ރެޑީ ކުރަންވީ 19 އަހަރުން ދަށުގެ ޓީމަށެވެ. މިގޮތަށް ދިގުމުއްދަތުގެ ޕްލޭނެއްގެ ދަށުންނޫނީ ސީނިޔާ ލެވަލްގައި ޒުވާންޓީމެއް ގެންގުޅެން އުނދަގޫ ވާނެކަމަށެވެ.

މި އުމުރުފުރާގެ ޓީމުތަކަށް ދިމާވާ އެންމެ ބޮޑުމައްސަލައަކީ މައްސަލައަކީ މުބާރާތްތައް ނިމުމުން ފަރިތަ ކުރުން ހުއްޓާލުމެވެ. އެހެންނަމަވެސް ނަތީޖާ ނެރެން ބޭނުންނަމަ 4 ވަރަކަށް އަހަރު މެދު ނުކެނޑި އެކުދިންނަށް ތަމްރީނު ދޭންޖެހެއެވެ. އޭގެ ނަތީޖާ ފެނި ސީނިއަރ ޓީމަށް ފައިދާ ވެގެން ދާނެކަމަށް ސާންތި ވިދާޅުވިއެވެ.

ފޮޓޯ: ގޯލްނޭޕާލް

 

 

 



Leave a Comment:

Comments will be published after moderation.