News
ދިރާގް ޕްރިމިއަރ ލީގުގެ ޝެޑިއުލް ނެރެފި
6 ޖޫން 2019
ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ކުޅޭނެ ޓީމްތަކާއި އަދި މުބާރާތް ކުޅޭނެ ޝެޑިއުލް ފައިނަލް ކޮށް މިމަހުގެ 13 ވަނަދުވަހު ލީގް ފަށާގޮތަށް ހަމަޖައްސައި އެފްއޭއެމް އިން އިއުލާންކޮއްފިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބް ދިވެހި ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ނުލައި މިފަަަހަރު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާނީ ޖުމްލަ ނުވަ ޓީމަކުންނެވެ.
އެއީ، ޕްރިމިއަރ ލީގު ޗެމްޕިއަން ޓީ.ސީ ސްޕޯރޓްސް ކްލަބް، މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ،ވިކްޓަރީ ސްޕޯރޓްސް ކްލަބް، ފޯކައިދޫ ފުޓްބޯލް ކްލަބް، ނިލަންދޫ ސްޕޯޓްސް ކްލަބް އަދި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯރޓްސް ކްލަބް އެވެ.
ލީގްގެ ފުރަތަމަ މެޗްގައި 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00ގައި ބައްދަލު ކުރާނީ ނިލަންދޫ ސްޕޯޓްސް ކްލަބް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.
އިދާރީ މައްސަލަ ތަކެއްގެ ސަބަބުން ފުޓުބޯޅަ އެސޯސިއޭޝަންގައި ރަޖިސްޓްރީ ނުކުރެވި ދިއުމުގެ ސަބަބުން ނިލަންދޫ ސ.ކ މިމުބާރާތަށް ފަރިތަކުރުން ފަށާފައި ވަނީ އެހެން ޓީމް ތަކަށް ވުރެން ފަހުންނެވެ. މިއީ ނިލަންދޫ މިމުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ނިލަންދޫގެ ކޯޗެއްގެ ގޮތުގައި މިއަހަރު ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ކޯޗް އަހުމަދު މުޖުތަބަ (ފެސްކޯ) އެވެ.
ލީގްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާ ދެވަނަ ޓީމް ކަމައްވާ ދަ ގްރާންޑޭ ސ.ކ އަކީ މިމުބާރާތަށް އަލަށް ކޮލިފައިވި ޓީމްއެކެވެ. ދަ ގްރާންޑޭ ކޮލިފައިވެފައި ވަނީ އެފް.އޭ.އެމްގެ ދެވަނަ ޑިވިޜަންގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. މި ޓީމްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ކޯޗް އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.
ޕްރިމިއަރ ލީގްގައި 14 ޖޫން 2019 ވާ ހުކުރު ދުވަހު ދެމެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެދުވަހުގެ ފުރަތަމަ މެޗްގައި ހަވީރު 16:00 ގައި ޓީސީ ސ.ކ އާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލު ކުރާއިރު ރޭގަނޑު 21:00ގައި ބައްދަލު ކުރާނީ ފޯކައިދޫ އެފް.ސީ އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.
މިއަހަރުގެ ލީގުން ވިކްޓްރީ ނުފެނިދާނެކަމުގެ ވާހަކަތަކެއް ފެތުރިގެން ދިޔަ ނަމަވެސް ވިކްޓްރީ އިން ވަނީ ކްލަބުތަކުގެ ލައިސަންސް ހޯދުމަށް އެފްއޭއެމްގައި ރަޖިސްޓްރީ ކުރަން ދިން ފުރުސަތުގައި ވަގުތު ހަމަވާން، މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކްލަބު ލައިސަންސް ހޯދުމަށް ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށައަޅައި މިއަހަރުގެ ލީގުން ފެންނާނެކަން ޔަގީން ކޮށްދީފައެވެ. ވިކްޓްރީގެ ކޯޗެއްގެ ގޮތުގައި މިއަހަރު ހަރަކާތްތެރި ވާނީ އެފްއޭއެމްގަ ޓެކްނިކަލް ސައިޑުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީކަން ކޮށްފައިވާ މުހައްމަދު އާދަމް އެވެ.
ޓީސީއަށް ބަލައިލާއިރު އެޓީމަކީ ނިމިދިޔަ 2 ސީޒަނުގައި ވެސް ވަރައް ކާމިޔާބު ޓީމެކެވެ. އެޓީމުވަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ނަމަވެސް އޭރު ޓީމުގައި ތިބި ބައެއް މުހިއްމު ކުޅުންތެރިން ވަނީ އެހެންޓީމުތަކަށް ބަދަލުވެފައެވެ. މިއަހަރު ޓީސީގެ ކޯޗަކީ ތަޖްރިބާކާރު ކޯޗް މުހައްމަދު އާތިފ(އާތި ކޯޗް) އެވެ
މިނިވަން ޗެމްޕިއަންޝިޕް އިން 2017 ވަނަ އަހަރު ކޮލިފައިވެ ފޯކައިދޫ އެފްސީއިން ވަނީ މިދިޔަ އަހަރުގެ ޕްރިމިއަރ ލީގްގައި ބޮޑެތި ޓީމުތަކަށް ރަނގަޅު ފައިޓެއްދީފައެވެ. ފޯކައިދޫ ޓީމުގައި މިފަހަރު ވެސް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް އިރުޝާދު ދިން ކޯޗް އަލީ ނިސްތާރު މުހައްމަދެވެ.
ދިރާގް ޕްރީމިއަރ ލީގުގައި ދެން ވާދަކުރާ އަނެއް ތިންޓީމުގެ ފުރަތަމަ މެޗް އޮންނަ ދުވަސްތަކަށް ބަލާލާއިރު ޖޫން 19 ވާ ބުދަ ދުވަހު ހަވީރު 16:00 ގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކުލަބު ގްރީންސްޓްރީޓެވެ. ހަމަ އެދުވަހުގެ ރޭ 21:00 އީގަލްސް ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއެވެ.
މާޒިޔާއަކީ ފުރަތަމަ ޑިވިޝަނުގައި މިފަހަކަށް އައިސް އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ އެއް ކުލަބެވެ. މާޒިޔާގެޓީމުގެ ކޯޗަކީ ދޮޅު އަހަރު ކުރިން މާޒިޔާއަށް ކޯޗުކޮށްދިން، މެސަޑޯނިއޯގެ މަރުޔާން ސެކްލޮވްސްކީއެވެ. މިޔަންމާގެ ގަދަ ބާރު ޔޮންގޮން ޔުނައިޓަޑަށް ކުރިން ކޯޗު ކޮށްދިން، ސެކްލޮވްސްކީ އެންމެ ފުރަތަމަ މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އޭނާގެ ކޯޗް ކަމުން މާޒިޔާއިން ވަނީ އެ އަހަރުގެ ޗެރިޓީ ޝީލްޑާއި މާލޭ ލީގް ކާމިޔާބު ކޮއްފަ އެވެ.
ގްރީންސްޓްރީޓަކީ މި އަހަރު އެންމެ ވަރުގަދަ ސްކޮޑަކާއި އެކު އޮތް ޓީމެވެ. ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން އަސްހަދު އަލީ (އަޑުބަރޭ) މުހައްމަދު އުމައިރު، މުހައްމަދު އާރިފް (ބަކާ)، ރިލްވާން ވަހީދު (ރިލޭ) އަދި ސަމްދޫޙް ހިމެނެއެވެ. ގްރީންގެ ކޯޗަކީ ތަޖުރިބާކާރު ކޯޗެއްކަމަށްވާ އަލީ ސުޒެއިން އެވެ.
އީގަލްސް އަށް ބަލައިލާއިރު އީގަލްގައި މިފަހަރު ވެސް އޮތީ ވަރަށް ޒުވާން ޓިމެކެވެ. އެހެންނަމަވެސް ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގެ ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު ސެންޓޭ މިފަހަރު ފެނިގެންދާނީ އީގަލްސްގެ ޖާރޒީގައެވެ. އިގަލްސްގެ ކޯޗަކަށް މިއަހަރުވެސް ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަން އީގަލްސް ކޯޗްކަމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މޯހަން ވަނީ 2008 އަހަރު ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ކޯޗު ޖޯސެފް ޔަންކޭޒް އާއެކު މަސައްކަތް ކޮށްފަ އެވެ.
ދިރާގު ޕްރިމިއަރ ލީގްގެ ޝެޑިއުލް އަށް ބަލާލާއިރު ޖުލައި 8 އިން 2 އޮގަސްޓާއި ހަމައަށް ބޮޑު ބްރޭކެއް އެބަ ލިބެއެވެ. ބެލެވޭ ގޮތުގައި މި ބްރޭކަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ( އައިއޯއައިޖީ) އަށް ގައުމީޓީމް އެމުބާރާތައް ތައްޔާރު ވުމުގެ ގޮތުން ނަގާ ބްރޭކެކެވެ.