News
"އީގަލްސްގެ ޒުވާން ޓީމަށް ކުޅެން ބޭނުން ހުރިހާ ކުޅުންތެރިންނަށް އެފުރުސަތު އެބައޮތް" - ކަކާ
6 ޖެނުއަރީ 2019
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ، ޔޫތް ޗެމްޕިއަން ޝިޕްގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްއަށް ކުޅުމުގެ ފުރުސަތު ހުރިހާ ކުޅުންތެރިންނަށްވެސް އެބައޮތްކަމަށް ޔޫތް ޓީމްގެ ހެޑް ކޯޗް، އިބްރާހީމް ސަޢީދު (ކަކާ) ބުނެފިއެވެ.
ކަކާ މިހެން ބުނެފައިވަނީ އީގަލްސް އިން ޔޫތް މުބާރާތައް ފަރިތަކުރުންތައް ފެށުމާއި ގުޅިގެން ޕީ.އެސް.އެމް ސްޕޯރޓްސްއާއި ވާހަކަދައްކަމުންނެވެ.
"އީގަލްސްގެ ޔޫތް ޓީމަށް ކުޅުމުގެ ފުރުސަތު، ކުޅެން ބޭނުންވާ ހުރިހާ ކުޅުންތެރިނަށްވެސް އެބައޮތް. އަޅުގަނޑުމެންނާ ގުޅުއްވާގެން ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ".
އީގަލްސް ފާހަގަވެގެން ގޮސްފައިވަނީ ޒުވާންކުޅުންތެރިން އުފައްދާ އެކުޅުންތެރިންނަށް ފުރުސަތުދެމުން އަންނަ ޓީމެއްގޮތުގައެވެ. ކަކާ ބުނީ ޒުވާން ކުޅުންތެރިންނަކީ އަބަދުވެސް އީގަލްސް ސީނިއަރ ޓީމްގައި މުހިއްމު ބައެއްކަމަށެވެ.
" ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި އީގަލްސް ސީނިއަރ ޓީމްގައި ޒުވާން ކުޅުންތެރިންއައީ މުހިއްމު ރޯލްތަކެއް އަދާކުރަމުން. މިއަހަރުވެސް ސީނިއަރ ޓީމަށް ޔޫތް ކުޅުންތެރިން ނެރުމަކީ އަޅުގަނޑުމެން އަބަދުވެސް ބޭނުންވާ ގޮތް" ކަކާ ޒުވާން ކުޅުންތެރިން ސީނިއަރ ޓީމުގައި ކިހާ މުހިއްމި ކަމާބެހޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ.
މީގެ އިތުރުން ކަކާ ބުނީ މިއަހަރުގެ މުބާރާތައްވެސް ނިކުންނާނީ ކާމިޔާބު މުބާރާތަކަށް ހެދުމަށްކަމަށާއި އެކަން ބިނާވެގެން ދާނީ ކުރެވޭ މަސައްކަތުގެ މައްޗަށްކަމަށެވެ.
"ނިމިދިޔަ މުބާރާތުގައި ހިތްދަތި ގޮތަކަށް ނިންމާލަން ޖެހުމުން އެކަމުން ލިބުނު އިބްރަތްތައް ހަނދާންކުރާނަން. ތައްޔާރުވެ މުބާރާތަށް ނިކުންނާނީ އަބަދުވެސް ކާމިޔާބު މުބާރާތަކަށް ހެދުމަށް. އެކަމަކު ކާމިޔާބު ބިނާވެގެންވަނީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުގެ މައްޗަށް"، އުއްމީދާއި އެކު ވާހަކަ ދައްކަމުން ކަކާ ބުންޏެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.
ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް،ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ، ފޯކައިދޫ އިންވެސް ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ދެން މުބާރާތުގައި ވާދަކުރާނެ މާޒިޔާ އިން މިހާރުވަނީ އެމީހުންގެ ޓީމް ނެގުމަށް ބާއްވާ ޓްރަޔަލް ފަރިތަކުރުންތަކަށް އިއުލާންކޮށްފައެވެ.
މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
ފޮޓޯ: އިމޭޖެސް.އެމްވީ
ކްލަބް އީގަލްސް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް