News
އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް ޒުމައިލް ރަޝީދު އިންތިޚާބުކޮށްފި
5 ޖޫން 2019
އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރު އިސްމާއިލް ޒުމައިލް ރަޝީދު އިންތިހާބުކޮށްފި އެވެ.
މިއީ އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާގެ ޖުޑިޝަލް ކޮމިޓީއަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޗެއާމަނަކަށް ސިންގަޕޫރުގެ ލިމް ކިއާ ޓޮން އިންތިހާބުކުރިއިރު ވައިސް ޗެއާމަނަކީ ޗައިނާގެ ޝެން ރުއީ އެވެ.
ޒުމައިލްގެ އިތުރުން ދެން ތިބެނީ އޮސްޓްރޭލިއާ، ބަހުރޭން، ޖަޕާން، ކުވޭތު، ފިލިޕީންސް އަދި ސައުދީ އަރަބިއާގެ މެމްބަރުންނެވެ.
އޭއެފްސީގެ ހިންގާ ކޮމިޓީ ކަމަށްވާ އެގްޒެކެޓިވް ކޮމިޓީގައި ނިމިގެން ދިޔަ ދެ ދައުރުގައި ވެސް ރާއްޖެ ވަނީ ތަމްސީލްވެފަ އެވެ.
އެގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގެންފަ އެވެ.
ޒުމައިލް އެމަގާމަށް އިންތިޚާބު ވުމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ޒުމައިލްއަށް މަރުހަބާ ދަންނަވާފައެެވެ.
އެންމެ ފަހުން ބޭއްވި އިންތިހާބުގައި ކުރިމަތިލީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑި އަށެވެ.
އެކަމަކު އެފްއޭއެމުން ނަން ހުށަހެޅި މަރިޔަމް މުހައްމަދު (މާޔަން) އަށް އިންތިހާބުގައި ނާކާމިޔާބުވެފައެވެ. އޭނާ ވަނީ އިންތިހާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކުރައްވައި ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.