News

120 ކުދިންނާއި އެކު ބަކާ ފުޓުބޯޅަ އެކަޑަމީ އިފްތިތާހު ކޮއްފި

5 ޖޫން 2019






ރާއްޖޭގެ ގައުމީ ޓީމުގެ އަދި މިހާރު ގްރީން ސްޓްރީޓުގެ ހުނަރުވެރި މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ)ގެ އަމިއްލަ ފުޓުބޯޅަ އެކަޑަމީ 120 ކުދިންނާއި އެކު މިރޭ އިފްތިތާޙް ކޮއްފިއެވެ.

 ހއ. ދިއްދޫގައި މިފެށި ޔޫތު ޑިވެލޮޕްމަޓް ޕްރޮގްރާމުގައި ކުދިން ޓްރެއިން ކުރުމަށް "ސީ" ލައިސަންސްގެ 3 ކޯޗުން ހަރަކާތްތެރިވާނެކަމަށް ބަކާ ފުޓުބޯޅަ އެކަޑަމީގެ ފައުންޑަރ މުޙައްމަދު އާރިފް(ބަކާ) ބުންޏެވެ. ބަކާ ބުނީ ބައެއް ފަހަރު އޭނާ ވެސް އެކުދިންނަށް ސެޝަންތައް ނަގައިދޭނެކަމަށެވެ.

ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން ބަކާ ބުނީ މިފެށި މަސައްކަތަކީ ދިއްދޫއިން ކުދިންތަކެއް މުސްތަގުބަލުގައި ގައުމީ ޓީމަށް ކުޅޭތަން ދުށުމަށާއި އަދި އަޚްލާގު ރަނގަޅު މޮޅު ކުދިންތަކެއް ފުޓުބޯޅައަށް ނެރުންމަށް ކުރެވޭ މަސައްކަތެއްކަމަށެވެ. ބަކާ އިތުރަށް ބުނީ އެރަށުގައި ވަރައްހުނަރުވެރި ކުދިން އެބަތިބި ކަމަށެވެ. އެ އެކަޑަމީ އިން 5 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން ތަމްރީނު ކުރާނެކަމަށް ވެސް ބަކާބުންޏެވެ.

" މި އެކަޑަމީ އިން ކޮންމެވެސް ކުދިންތަކެއް ނެޝަނަލް ޓީމަށް ކުޅޭތަން ބަލަން ބޭނުން. އަދި ޑިސިޕްލިން ކުދިންތަކެއް ފުޓުބޯޅަ އަށް ނެރެން ވެގެން ފެށި މަސައްކަތެއްމީ. މި އެކަޑަމީގައި އެބަތިބި ވަރަށް ހުނަރުވެރި ކުދިން" ބަކާ ބުންޏެވެ.

ބަކާ އެކަޑެމީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެގޮތުގައި ބައިވެރިވީ އެފް.އޭ.އެމް ކުރީގެ ޓެކްނިކަލް ޑިރެކްޓަރ، ޤައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ކްލަބް އީގަލްސްގެ ހެޑްކޯޗް މުޙައްމަދު ޝިޔާޒު (މޯހަން) އެވެ. މޯހަން އަކީ 2008 އަހަރު ޤައުމީ ޓީމާއި އެކު ބަކާ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ޤައުމީ ޓީމްގެ އެސިސްޓަންޓއ ކޯޗްއެވެ. އަދި ނިމިދިޔަ ސީޒަންގަ ބަކާ ކްލަބް އީގަލްސްގައި ކުޅުނީވެސް މޯހަންގެ އިރުޝާދުގެ ދަށުންނެވެ.
މޯހަން ގެ އިތުރުން އެފް.އޭ.އެމްގެ ޔޫތް ޑިވޮލޮޕްމަންޓް އަދި ގްރާސްރޫޓް ހެޑް އަޙުމަދު ޝަރީފް (ޑުންގާ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމު ރަން މެޑަލް ހޯދި ދެފަހަރުވެސް ޓީމުގައި ހިމެނުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. 2004 ވަނަ އަހަރު އައިލެންޑް ފްޓްބޯލް ކްލަބް( އައިއެފްސީ) ތައާރަފްވެ ބަކާ ވަނީ ވީބީ އައްޑޫ އެފްސީ، ވެލެންސިއާ، ނިއުރޭޑިއަންޓް، މާޒިޔާ، އީގަލްސް، ވިކްޓްރީގެ އިތުރުން މިޔަންމާގެ ކެބީޒެޑަށް ވެސް ކުޅެފައެވެ. ބޭރު ލީގުތަކުގައި ކުޅުނު މަދު ދިވެހި ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ.

އެންމެ ފަހުގެ ގައުމީ ޓީމުގެ ހިމެނުނު ތަޖުރިބާކާރު މަދު ކުޅުންތެރިންގެތެރޭގައިވެސް ބަކާ ހިމެނެއެވެ.

ފަހަަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ފުޓްބޯޅަ އެކަޑެމީތައް ޤާއިމްކޮށް އެތަކެއް ހާސް ކުޅުންތެރިންނަކަށް އަންނަނީ ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދެމުންނެވެ. އެފް.އޭ.އެމް އިން ވެސް އަންނަނީ ދިވެހި ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ފާހަގަކޮށްލެވޭހާ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޅުންތެރިން ބިނާކުރުމަށް އެކި އެކި ޕްރޮގްރާމްތައް ރާވާހިންގަމުން އަންނައިރު އަނެއްކޮޅުން އެކުޅުންތެރިން ޓްރެނިންގ ކުރަން ތިބޭ ކޯޗުންވެސް އަންނަނީ އުފައްދާ ތަރައްޤީކުރަމުންނެވެ.

ބަކާގެ މި ފުޓްބޯޅައެކަޑެމީއާއި އެކު ދިވެހި ފުޓްބޯޅަައިގެ ކުރިމަގަށް މިލިބުނީ އިތުރު ހިތްވަރެއްކަން ޔަޤީނެވެ.

Club Eagles Club Green Streets Club Valencia FAM New Radiant Sports Club

Leave a Comment:

Comments will be published after moderation.