News
މީގެ އަހަރުތަކެއް ކުރިން ގަލޮޅު ދަނޑުގައި ފިޔަޖަހަމުން ދިޔަ ބޮކުރީ ކޮބާ؟
2 ޖޫން 2019
ރާއްޖޭގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައިވާ ބައެއް ކުޅުންތެރިން ކެރިއާރގެ ވަކި ހިސާބަކުން ގެއްލިފައި އެބަތިއްބެވެ. އެގޮތުން މިފަހަރު މި ލިޔުމުގައި މިބަލާލަނީ ރާއްޖޭގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ކުޅެދީފައިވާ ނަމަވެސް ކުއްލިޔަކަށް ގެއްލުނު ތަރިންގެ ތެރެއިން ތަރިއެއް ކަމަށްވާ ކުރީގެ ގައުމީޓީމުގެ މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށެވެ.
އޭރުގެ އެންމެ މައްޝޫރު އެއް ކްލަބް ކަމުގައިވާ ވިކްޓަރީން ކެރިއަރު ފެށި ބޮކުރީ ވަނީ 2012 ވަނަ އަހަރު މާޒިޔާ އަށް ކުޅެފަ އެވެ. މާޒިޔާ ދޫކޮށް 2013 ވަނަ އަހަރު ނިއު އަށް ކުޅުމަށް ފަހު، ބޮކުރީ އޭނާގެ އުފަން ރަށް އދ. މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބަށްވަނީ ކުޅެފައެވެ. އެންމެ ފަހުން ބޮކުރީ ފެނިގެންދިޔައީ މާޒިޔާ އިންނެވެ.
ރާއްޖޭގެ ގައުމީ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) 2015 ވަނަ އަހަރު އިންޖަރީވެ ކަކުލަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ފައިގެ އޮޕަރޭޝަނެއްކުރިއެވެ.
ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް އޭރު މީޑިޔާ އަށް ބުނީ މާޒިޔާގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ބޮކުރީގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބުވި ކަމަށާއި އޭނާއަށް އަލުން ކުޅެވޭނީ ހަ މަސް ދުވަސް ފަހުން ކަމަށް އޭރު ބުންޏެވެ.
"ހަ މަސް ދުވަހުގެ ފަހުން ބޮކުރީ އަށް ކުޅެން ނުކުމެވޭނެ ކަމަށް އުންމީދުކުރަން،" ޝަކީބް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.
އެފަހަރު ކުރި އޮޕަރޭޝަނުގެ ސަބަބުން މާޒިޔާގެ އިތުރުން ގައުމީ ޓީމުގެ ގިނަ މެޗްތަކެއް ބޮކުރީ އަށް ނުކުޅެވިދިޔައެވެ. އެފަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޮކުރީ ފެނިފައެއް ނުވެއެވެ.
2016 ވަނަ އަހަރު އޮސްޓްރޭލިޔާގެ ކޯޗު ޑަރެން ސްޓެވާޓް ގައުމީ ޓީމާއި ހަވާލުވެ ނެގި ޓީމުގައި އަނެއްކާވެސް ބޮކުރީ ހިމެނިގެން ދިޔައެވެ. އެފަހަރު އެކުލަވާލި ޓީމުން އިންޖަރީގައި ތިބުމަށް ފަހު ޖާގަ ހޯދި ކުޅުންތެރިންގެތެރޭ މާޒިޔާގެ މުހައްމަދު އުމޭރާއި ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިމެނެއެވެ. މިއީ އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ގައުމީ ސްކޮޑުގައި ހިމެނިފައިނުވާ ދެ މިޑްފީލްޑަރުން އަލުން ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
އެފަހަރު ގައުމީޓީމުގައި ހިމެނި ބޮކުރީ ވަނީ ވޯލްޑްކަޕް ކޮލިފައިންގައި ލާއޯސް އާއި ރާއްޖެ ކުޅުނު މެޗްގައި ލާއޯސް ކޮޅަށް ގޯލެއް ޖަހާފައެވެ. ރާއްޖެ ވަނީ އެމެޗުން 4- 0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ބޮކުރީ އެލަނޑު ކާމިޔާބު ކޮށްފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައެވެ. އެމުބާރާތަށްފަހު މާޒިޔާގެ މިޑްފީލްޑުން ފެނުމަށްފަހު ދުވަސްކޮޅެއްފަހުން ބޮކުރީ ވަނީ ދަނޑުމަތިން ގެއްލިފައެވެ.
އެހެންކަމުން ބޯޅައެމްވީ އިން ބޮކުރީގެ ޚަބަރު ހޯދުމަށް މަސައްކަތް ކޮށްލީމެވެ. ބޮކުރީ އަށް ގުޅާލުމުން " ހިނިގަނޑެއް ޖަހާލުމަށްފަހު ބުނީ މިހާރު ދިރިއުޅެނީ ރަށުގައި" ކަމަށެވެ.
ދެން ގަލޮޅު ދަނޑުން ފެނިދާނެތޯ އެހުމުން ބޮކުރީ ބުނީ " މިހާރު ރަށުގަ ޖޮބްގައި އުޅޭތީ ހިޔެއްނުވޭ ފެންނާނެހެން. އެކަމަކު މިހެން ބުންޏަސް ރަށު ޓީމު ކުޅެން ގޮސްސިއްޔާ ހަމަ ފެނުން ވަރަށް ގާތް" ކަމަށް ބޮކުރީ ބުންޏެވެ.
ބޮކުރީ ފަދަ ހުނަރުވެރި ކުޅުންތެރިން ދަނޑުމަތިން ގިނަ ދުވަހު ކުޅޭތަން ފެނުމަކީ ފުޓުބޯޅަ އަށް ލޯބި ކުރާ ގިނަފަރާތް ތަކުން އެދޭނެކަމެކެވެ. އެހެންނަމަވެސް މިފަދަ ގިނަ ކުޅުންތެރިން ގެއްލެން ދިމާވާ މައިގަނޑު ސަބަބުތަކުގެތެރޭގައި ވެރިރަށް މާލޭގައި ދިރިއުޅުމުގެ ދަތި ކަން ފާހަނގަ ކޮށްލެވެއެވެ.
ފޮޓޯ: މޯލްޑިވްސް ސޮކަރ