News
ވެޓްރަންސް މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފި
1 ޖޫން 2019
ވެޓްރަންސް މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފިއެވެ.
އެފްއޭއެމްގެ 1 ނަންބަރު ޓާފް ދަނޑުގަ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗް ޕެނަލްޓީ ޖަހައިގެން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބްގެ މައްޗަށް 5-4 އިން ކުރިހޯދައި ދިވެހި ސިފައިންގެ ކްލަބުން ވަނީ ވެޓްރަންސް މުބާރާތުގެ އިނަލްގެ ފަހުޖާގަ ކަށަވަރު ކޮށްފައެވެ.
އަންނަ ހޯމަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ސިފައިން ނުކުންނާނީ މެޗަކުން ބަލިނުވެ ފައިނަލުން ފުރުސަތު ހޯދި މާޒިޔާއާ ދެކޮޅަށެވެ. ލީގު ބުރުގައި މާޒިޔާ އިން ވަނީ 1-0 އިން ސިފައިންގެ މައްޗަށް ކުރިހޯދައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެން ރަނގަޅު ދެ ފުރުސަތު ސިފައިންގެ ޓީމަށް ލިބުނެވެ. ފުރަތަމަ ހާފުގައި ސިފައިންގެ ޓީމަށް ލިބުނު ޕެނަލްޓީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އަށް ކާމިޔާބު ނުކުރެވުނެވެ. އަދި ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަލީ ޝަމީމް (ކޮޔަރު އައްޔަ) ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ޖެހި ޕެނަލްޓީގައި ސިފައިންގެ ޓީމުން ވަނީ ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ މިދިޔަ އަހަރު މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނު ކޮޔަރު އައްޔަ، ހަމްދާން ޖައުފަރު، އައްސަދު، އަހުމަދު ފަޒާލްގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ އަށް ކުރިން ކުޅުނު ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އެވެ.
އޭދަފުށްޓައް ނާކާމިޔާބުވީ އެންމެ ފުރަތަމަ މުހައްމަދު އިބްރާހިމް (ދޮންބެ) ޖެހި ޕެނަލްޓީ އެވެ. އޭގެ ފަހުން އެ ޓީމުގެ އަހުމަދު އިރުފާން، އިސްމާއިލް މުހައްމަދު (ބަނޑާ)، މުހައްމަދު ޒިޔާދު އަދި މުހައްމަދު ނިޒާމް (ނިޒާމްބެ) ފޮނުވާލި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފަ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި އައްޔަ އެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ އޭދަފުށީ ޓީމުގެ އިރުފާން އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ނިއު އާއި ވެލެންސިއާ މި ފަހަރު ނުކުޅެ އެވެ. ވެލެންސިއާ އިން ވަނީ މި މުބާރާތުގެ ތަށި ފަސް ފަހަރު އުފުލާލައިފަ އެވެ. ނިއު ވަނީ މި މުބާރާތުގެ ތިން ފަަހަރު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ އިން ވަނީ ނިއުގެ މައްޗަށް 4-0 އިން ކުރިހޯދައިފަ އެވެ.
ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފަހުން ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.
ފޮޓޯ ކްރެޑިޓްސް: މިހާރު
ވެޓެރަންސް ކަޕް