News
ވޮލީބޯލް އެސޯސިއޭޝަންގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ދެވަނަ ފުރުސަތުވެސް ހަމަވެއްޖެ
30 މެއި 2019
ވޮލީބޯލް އެސޯސިއޭޝަންގެ މެމްބަރު ކުލަބު ޖައްމިޔާ ޖަމާއަތްތައް ރަޖިސްރީކުރުމަށް ހުޅުވާލި ދެވަނަ ފުރުސަތު މިއަދު މެންދުރު ފަހު 2 ގަޑި ސުންމިނެޓަށް ހަމަ ވެއްޖެއެވެ.
14 މެއި 2019 ގައި ވޮލީބޯލް އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކްލަބު ޖަމްއިއްޔާތަކުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، އެ އެސޯސިއޭޝަނުގައި ރީ-ރަޖިސްޓްރީ ކުރުމަށް މީގެ ކުރިންވެސް އިއުލާނު ކުރެވިފައިވާތީ، މިއީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމަށްފަހު ވޮލީބޯލް އެސޯސިއޭޝަނުގައި ރަޖިސްޓްރީ ކުރުމަށް ދެވޭ ފަހު ފުރުސަތުކަމަށެވެ. އެންމެ ފުރަތަމަ ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ 3 ޑިސެމްބަރ 2018 އިން 31 ޑިސެމްބަރ 2018 އަށެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ އިއުލާނުގައިވާ ގޮތުން 30 މެއި 2019 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަޖިސްޓްރީވެފައި ނުވާ ކްލަބް ޖަމިއްޔާތަކުގެ މެމްބަރޝިޕް އެ އެސޯސިއޭޝަނުގެ ދަފްތަރުން އުނި ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ދާދި ފަހުން ސަރުކާރުން ކުޅިވަރު ރެގިއުލޭޓް ކުރާނެ ކޮމިޝަނެއް އުފައްދައި ކުޅިވަރުގެ ގާނޫނަށް ގެނައި ބަދަލާއިއެކު، އެ ގާނޫނުގައި ބުނެފައިވާގޮތުން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގާ މުބާރާތްތަކުގައި ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް ބައިވެރި ވެވޭނީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވުމަށްފަހުގައި ކަމަށެވެ.
ވޮލީބޯލް އެ އެސޯސިއޭޝަނުން ބުނީ ދެވަނަ ފަހަރަށް ރަޖިސްޓްރީ ވުމަށް އިއުލާން ކުރީ އާއްމުކޮށް މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތައް ފުރަތަމަ އިއުލާން ކުރެވުނު ތާރީޚް ފަހަނައަޅާދިޔައިރުވެސް ރަޖިސްޓްރީ ވެފައި ނުވާތީ އެ ކްލަބްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންކަމުގައެވެ. އަދި އެފަދަ ކްލަބްތަކަށް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ފޯނުކޮށް ވެސް ރަޖިސްޓްރީ ވުމަށް ހަނދާން ކޮށްދެވިފައިވާނެކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.