News
12 އަހަރާއި 14 އަހަރުން ދަށުގެ "ޔޫތް ލީގް 2019" ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
30 މެއި 2019
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން އިންތިޒާމުކޮށް 12 އަހަރާއި 14 އަހަރުން ދަށުގެ ކުދީންނަށް ބޭއްވުމަށް ހަމަޖެހިފައިވާ ' ޔޫތް ލީގް 2019 ' ގައި ބައިވެރިމުގެ ފުރުސަތު ހުޅުވާލައިފިޔެވެ.
އެފް.އޭ.އެމް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ މި ދެ އުމުރުފުރަޔަށް ކަތާ އަދި ފުޓުބޯޅަ ކުޅޭ ކުދީންނަށް ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުސަތު އެކުދީންނަށް ހޯދައިދިނުން ކަމުގައެވެ. އަދި މީގެ އިތުރުން އެކުދީންނަށް ކުޅިވަރުގެ މައިދާނުގައި ރިވެތި އަޚްލާގު ދަސްކޮށްދިނުމާއި ވާދަވެރިކަން މަތީ ކުޅިވަރު ކުޅެވިގެންދާ ހިނދު ހިފަހަށްޓަން ޖެހޭ އަދަބާއި ދޭން ޖެހޭ އިޙްތިރާމާއި ކަންކަމާއި ކުރިމަތިލާން ދަސްކޮށްދިނުމުގެ މުހިންމުކަމަށްވެސް މި ބަޔާނުގައި ވަނީ އަލިއަޅުވާލާފައެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކަށް ބަލައިލާއިރު ބައިވެރިވާން ބޭނުންވާ ކުލަބް ނުވަތަ ޖަމްޢިއްޔާ ވާން ޖެހޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީ ކުރެވިފައެވެ. އަދި މީގެ އިތުރުން އެ ކުލަބެއް ނުވަތަ ޖަމްޢިއްޔާއަކުން މެދުކެނޑުމެއްނެތި ފުޓުބޯޅަ އެކެޑެމީއެއް ހިންގާތާ މަދުވެގެން 1 އަހަރު ވެފައި ވާންޖެހެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހެވެ. އަދި ކުޅުންތެރީންނައި އޮފިޝަލުންގެ ލިސްޓު ލެވޭ އެންމެ ފަހު ތާރީޚަކީ 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހެވެ.
މިދިޔައަހަރުވެސް މިމުބާރާތް ބޭއްވުނުކަން ފާހަގަކޮށްލަމެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވިގެން ދިޔައީ 13 އަހަރުން ދަށުގެ އުމުރުފުރާއަށެވެ. އެފް.އޭ.އެމް އިން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި މާލެ އަދި ހުޅުމާލެއިން ވަނީ 8 އެކެޑެމީއަކުން ބައިވެރިވެފައެވެ. އެއީ މޯލްޑިވްސް ސޮކާރ މޭޓްސްއާއި، އީގަލްސް ފުޓްބޯލް އެކެޑެމީއާއި، މާޒިޔާ ފުޓްބޯލް އެކެޑެމީއާއި، އާރލީ ޓަޗް ފުޓްބޯލް އެކެޑެމީއާއި، އެމް އެސް ހެލްޕިންގް ހޭންޑްސްއާއި، އޭ އެމް އެސްއާއި، ހުޅުމާލެ ސްޕޯރްޓްސް ސްކޫލް އަދި ބީޖީ ސްޕޯރޓްސް އެކެޑެމީއެވެ. މި މުބާރާތުގެ ފަހުރުވެރި އެއްވަނަޔަށް ހޮވުނީ އާރލީ ޓަޗް ފުޓްބޯލް އެކެޑެމީއެވެ.
މިމުބާރާތަކީ މިދިޔަ އަހަރު އެފް.އޭ.އެމްއިން ޢިއުލާން ކުރި "ޓުވާރޑްސް ފިއުޗާރ" ޕްރޮޖެކްޓްގެ ދަށުން މުސްތަޤްބަލުގައި ފުޓުބޯޅައިގެ މައިދާނަށް ޒުވާނުން ނެރުމުގެ ތަސައްވުރާއެކީ ކުރިޔަށްދާ މުބާރާތެކެވެ. އަދި މިދިޔަ އަހަރު ބޭއްވުނު މުބާރާތުގައި މޮޅު ކުޅުން ދެއްކުވި ގިނަ ކުދިން މިހާރު މި އުމުރުފުރައިގެ ޤައުމީ ޓީމަށް ކުޅޭކަން އުފަލާއެކު ފާހަގަކޮށްލަމެވެ.
އެފް.އޭ.އެމް އެފް.އޭ.އެމް 12 އަހަޜައި 14 އަހަރުން ދަށް