News
ލީގުގެ އައު ސީޒަން ހުޅުވާ މެޗުގައި ޑަ ގްރާންޑޭ އަދި ނިލަންދޫ
27 މެއި 2019
މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ފަށްޓާ މެޗުގައި ކުޅޭ ޓީމްތަކުގެ ގޮތުގައި ނިލަންދޫ އަދި ޑަ ގްރާންޑޭ ހަމަޖެހިއްޖެއެވެ.
އައު ސީޒަންގެ ޝެޑިއުލް މިއަދު ނެރެފައިވާއިރު ފުރަތަމަ މެޗުގައި ޖޫން 13ވަނަ ދުވަހު ވާދަކުރާ ދެ ޓީމަކީ ކުރިންވެސް ދެންނެވި ފަދައިން ނިލަންދޫ އަދި ޑަ ގްރާންޑޭއެވެ. ޑަ ގްރާންޑޭ ވަނީ މިދިޔަ ސީޒަންގައި ކުޅުން މޮޅެތި އެތައް ކުޅުންތެރިންނެއްގެ އިތުރުން ކުރީގެ މާޒިޔާގެ ކޯޗް އިސްމާއިލް މަހްފޫޒް (އިންމަ)ވެސް އެ ޓީމަށް ގެނެސްފައެވެ. ނިލަންދޫ ޓީމް އަދި ފަރިތަކުރުންތަށް ނުފަށާއިރު އެ ޓީމް ޓްރާންސްފަރ ބާޒާރުގައިވެސް އޮތީ ވަރަށް މަޑުމައިތިރިކޮށެވެ.
އެއަށްފަހު ދެން ކުޅޭނެ މެޗަކީ ޖޫން 14ވާ ހުކުރު ދުވަހުގެ ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އަދި އެންމެ ފަހުން ފަރިތަކުރުންތަށް ފަށައިފައިވާ ވިކްޓަރީގެ ކުރިމަތިލުމެވެ. ޓީސީ ދޫކޮށް ދަގަނޑޭ ފަދަ މުހިންމު ކުޅުންތެރިން ގޮސްފައިވާއިރު ޒުވާން މުބާރާތުން ވިދާލި ކުޅުންތެރިންގެ އިތުރުން ޤައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އަދި އިސްމާއިލް އީސަ (މެސީ) ވަނީ އެ ޓީމާ ގުޅިފައެވެ. މީގެ އިތުރުން އެ ޓީމަށް ކޯޗް ކޮށްދޭނީ ކުރީގެ ޤައުމީ އަންހެން ޓީމްގެ ކޯޗް މުހައްމަދު އާތިފް (އާތީ)އެވެ. ވިކްޓަރީއަށް ބަލާއިރު ޓްރާންސްފަރ މާކެޓުގައި ޒުވާން ކުޅުންތެރިން އެ ޓީމަށްވަނީ ގިނަ އަދަދަކަށް ގެނެސްފައެވެ.
ޓީސީ އަދި ވިކްޓަރީ ވާދަކުރާ މެޗަށްފަހު އެރޭ ކުޅޭނީ ފޯކައިދޫ އަދި ޔުނައިޓެޑް ވިކްޓަރީއެވެ. ފޯކައިދޫއިން އެ ޓީމްގެ ޒުވާން ތަރިން ކަމަށްވާ ޗޯޓު އަދި އޮގީގެ ކޮންޓްރެކްޓް އިތުރު ކުރިއިރު ބޭރު ކީޕަރުވެސް ވަނީ އެ ޓީމްގައި މަޑުކުރުވާފައެވެ. ޔުނައިޓެޑް ވިކްޓަރީއިން ޓްރާންސްފަރ ބާޒާރުގައި ހަމަޖެހިލައިގެން އަދި އޮތްއިރު އެ ޓީމްއިން ވެސް ފެނިގެންދާނީ މިދިޔަ އަހަރު އެ ޓީމުން ފެނުން ކުޅުންތެރިންނެވެ.
ލީގުގެ ފުރަތަމަ ހަފްތާގެ މި މެޗުތަކަކީ ހަމަގައިމުވެސް ވަރަށް ފޯރިގަދަވާނެ މެޗުތަކެކެވެ. ލީގުގައި ދެން ވާދަކުރާ މާޒިޔާ، ގްރީން ސްޓްރީޓްސްއަށް ލީގު ފެށޭނީ ލީގުގެ ދެވަނަ ހަފްތާގައެވެ. އީގަލްސްގެ ފުރަތަމަ މެޗް އެ ޓީމުން ކުޅޭނީ ލީގުގެ ތިންވަނަ ހަފްތާގައެވެ.
މިފަހަރުގެ ސީޒަން ހުޅުވާ ޗެރިޓީ މެޗުގައި ވާދަ ކުރާނީ ޓީސީ އަދި ފޯކައިދޫއެވެ. ދެ ލެގަކަށް ކުޅެވޭ މިއަހަރުގެ ޗެރިޓީ މެޗުގެ ފުރަތަމަ ލެގު ކުޅޭނީ ޖޫން 7ވަނަ ދުވަހު ފޯކައިދޫ ދަނޑުގައެވެ. އެއަށްފަހު ގަލޮޅު ރަސްމީ ދަނޑުގައި ޖޫން މަހުގެ 10ވަނަ ދުވަހު ޗެރިޓީ މެޗުގެ ދެވަނަ ލެގު ކުޅެވޭނެއެވެ.
ނުވަ ޓީމެއް މުޅިއަކު ލީގުގައި ވާދަކުރާއިރު ނިލަންދޫ ފިޔަވާ އެހެން ހުރިހާ ޓީމެއްވަނީ މިހާރު ފަރިތަކުރުންތަށް ފަށާފައެވެ. މިއީ އައު ލީގު ފޯމެޓަކަށް ދިވެހި ލީގު ފަށާ ފުރަތަމަ ފަހަރެވެ.
DPL2019-20