News
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިއާ އަދިވެސް ދާނެ ޓީމެއް ނެތިފަ
25 މެއި 2019
މިހާރުގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ނަން އަޑު އިވޭއިރައްވެސް އަހަރެންގެ ހަނދާނަށް އަންނަނީ ދުރު ނޫން މާޒީއެއްގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ބައްދަލު ކުރި މެޗެއްގައި ނިއުރޭޑިއަންޓްގެ ކީޕަރ އަދި އޭރުގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) ނިއުރޭޑިއަންޓްގެ ގޯލުގައި ހުރެ ފޮނުވާލި ބޯޅަ ވިކްޓްރިގެ ގޯލަށް ވަން ދުވަހު ވިކްޓްރީގެ އޭރުގެ ކޯޗް އަލީ ސުޒެއިން އެދުވަހުގެ ޕްރެސް ކޮންފަރެންސްގައި ހިތްހަމަ ނުޖެހިގެން ބުނި އެއްޗެކެވެ. "އެތާނގަ ނެޕީ ޖަހާފަ ކުއްޖަކު ބެހެއްޓިޔަސް އެބޯޅަ ގޯލަކަށް ނުވަންނާނެ" މިހެންނެވެ. އޭގެން ފަހުން ވަރަށް ގިނަ މީހުން ފައިސަލް އަށް މަލާމާތް ކުރިއެވެ. އެދުވަސްވަރު ބައެއް މީހުން ސޯޝަލް މީޑިޔާގައި ފައިސަލް އަށް މުޚާތަބު ކުރަމުން ދިޔައީ ނެޕީ ކީޕަރުގެ ނަމުންނެވެ.
ނަމަވެސް ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި މުޅި ދިވެހި ގައުމު ހެއްވާލި އެކަކަށް ވެގެންދާނީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ ކޮޑުއަޅައި އެމުބާރާތުގެ ފަޚުރުވެރި އެއްވަނަ ރާއްޖެއަށް ހޯދައި ދިނުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލި ރާއްޖޭގެ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރ މުހައްމަދު ފައިސަލްއެވެ. މިއަދު އެންމެން ވެސް ކުރަނީ ތައުރީފެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނިމިދިޔަ ސީޒަނުގައި ފެނިގެންދިޔަ ފައިސަލަށް މިއަހަރު އެއްވެސް ޓީމަކުން ޖާގަ ނުލިބި ހުރިވާހަކަ ބައެއް މީދިޔާތަކުގެ ފަލަ ސުރުޚީތަކަށް އަރާފައިވާތީ ބޯޅަ.އެމްވީ އިން ފައިސަލްގެ ވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސް ދިނުމުގެ ގޮތުން ފައިސަލްއާއި ބައްދަލުކުރީމެވެ.
ފައިސަލް ބުނި ގޮތުގައި ބައެއް ކްލަބްތަކާއި ވާހަކަ ދެކެވެއެވެ. ނަމަވެސް އެއްވެސް ރަސްމީ ހައްސިއްޔަތަކުން އަދި އެއްވެސް ޓީމަކާއި އެކު ވާހަކަ ނުދެކެވޭ ކަމަށް ފައިސަލް ބުންޏެވެ.
ރާއްޖޭގެ ނިސްބަތުން ބަލާނަމަ މޮޅު ގޯލް ކީޕަރުން ވަރަށް މަދެވެ. ގޯލް ކީޕަރުންނަށް ލިބޭ ފުރުސަތުތައްވެސް މަދެވެ. ރާއްޖޭގެ ގިނަ ޓީމުތަކުން ރާއްޖެއިން ބޭރުން ގޯލްކީޕަރުން ގެންނަނީ ޓީމު މޮޅުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އެފްއޭއެމް އިން މިހާރުވަނީ އެ އެސޯސިއޭޝަންގެ ގަވާއިދަށް އަންނަ އަހަރު ބަދަލުތަކެއްގެނެސް އަންނަ އަހަރުން ފެށިގެން ބިދޭސީ ގޯލްކީޕަރުން ނުގެނެވޭ ގޮތަށް ހަދާނެކަމަށް ބުނެފައެވެ. އެގޮތަށް ނިންމީ ދިވެހި ކީޕަރުން އުފެދޭލެއް މަދުވުމުގެ ސަބަބުންނާއި ދިވެހި ކީޕަރުންނަށް ޓީމްތަކުން ފުރުސަތު ލިބޭލެއް މަދުވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މިއަހަރު ވެސް ބައެއް ޓީމްތަކުގެ ގޯލްތައް ބަލަހައްޓާނީ ބިދޭސީ ގޯލްކީޕަރުންނެވެ.
ނިމިގެން ދިޔަ ސާފް ޗެމޕިއަންޝިޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ފައިސަލް ބުނި ގޮތުގައި އެއްވެސް ކަހަލަ ފަރިތަކުރުމެއްގައި ބައިވެރި ނުވެ ހުސްކޮށް ހުރުމީ އޭނައަށް ވަރަށް ދަތި ކަމެކެވެ. ވޮލީ ކުޅެން ވެސް މޮޅު ފައިސަލް ބުނީ ފުޓުބޯޅަ ގިނަ ދުވަހު ކުޅެން ބޭނުންވާތީ އަބަދުވެސް ފޯރމުގައި ހުރެވޭތޯ ވަރަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ނިއުރޭޑިއަންޓުން މިދިޔަ އަހަރު މުސާރަ ނުދޭތީ ފަރިތަ ކުރުންތަކުގައި ބައިވެރި ނުވެ ހުރި ދުވަސް ކޮޅު ފައިސަލް ވަނީ ވޮލީ ބޯލް އެސޯސިއޭޝަންގެ މުބާރާތެއްގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓްސް ކްލަބް(އާއި ސްޕޯޓްސް) ކްލަބަށް ކުޅެފައެވެ.
ފައިސަލް މިހާރު ދާން ބޭނުންވާ ކުލަބަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ ފުރުސަތެއް ލިބިއްޖެ ނަމަ އެންމެ ޝައުޤުވެރިވަނީ މާޒިޔާއަށް ކުޅެން ކަމަށެވެ. ފައިސަލް ބުނީ މާޒިޔާއަށް ކުޅެން ބޭނުންވާ ސަބަބަކީ ރަނގަޅު މެނޭޖުމެންޓަކާއި ރަނގަޅު ސްކޮޑެއް އޮތީ މާޒިޔާގައި ކަމަށެވެ. ރާއްޖޭގައި ކުޅުންތެރިންނަށް ބަރާބަރަށް މުސާރަދޭ ހަމައެކަނި ކްލަބަކީ މާޒިޔާއެވެ. މިވަގުތު ހުސްކޮށް ހުރި ކަމުގައިވިޔަސް އުއްމީދު ކަނޑާ ނުލާ ކަމަށް ފައިސަލް ބުންޏެވެ. ފައިސަލް ބުނީ ދިވެހި ގޯލް ކީޕަރުންނަށް ވަރަށް ގިނަ ގޮންޖެހުން ތަކެއް އެބަހުރި ކަމަށެވެ.
" ދިވެހި ކީޕަރުން މަދުވުމުގެ މައިގަނޑު ސަބަބަކީ ލިބޭ ފުރުސަތުތައް މަދުވީމަ. އަނެއްކާ ފުރުސަތެއް ލިބިއްޖެއްޔާ ހަމަޔަށް މުސާރައެއް ނުދޭނެ ގިނަ ކްލަބުތަކުން. ހަގީގަތުގަ ވަރަށް ކަންބޮޑުވާކަމެއް އެއީ ޓީމުތަކުން ބޭރު ގޯލް ކީޕަރުން ގެނައުމަކީ. ދިވެހި ގޯލް ކީޕަރުން ތިބެނީ ބާކީވެފަ" ފައިސަލް ބުންޏެވެ.
ފައިސަލް ބުނީ ދިވެހި ކީޕަރުނަށް ވުރެ ހުރިހާ ގޮތަކުންވެސް ބޭރު ކީޕަރުން ގެނައުމުން ޓީމަށްވެސް ޚަރަދު ބޮޑުވާނެކަމަށެވެ. ކްލަބްތަކުން ދިވެހި ކީޕަރުންނަށް ކުރާ އިތުބާރު ކުޑަ ކަމަށް ފައިސަލް ބުންޏެވެ. ފައިސަލް ބުނީ މިއީ ގަބޫލުކުރަން ދަތި ނަމަވެސް ހަގީގަތް ކަމަށެވެ. ދިވެހި ކީޕަރުންނަށް މިއަހަރުން ފެށިގެން ވެސް ފުރުސަތު ދޭންޖެހެއެވެ. ސަބަބަކީ އަންނަ އަހަރު ބިދޭސީ ގޯލްކީޕަރުން ނުގެނެވުމަކީ އެކަށިގެންވާކަމެކެވެ. އޭރުން ދިވެހި ކީޕަރުން ހޯދަން އުނދަގޫތަކެއް ކުރިމަތިވާނެތީއެވެ.
ފައިސަލް ބުނީ އޭނާގެ ކެރިއަރގައި މި ހޭދަ ކުރި 10 އަހަރަކީ ދަތި އަދި އުނދަގޫ ދުވަސް ތަކެއްކަމުގައެވެ. އެހެން ނަމަވެސް ހުރި ގޮންޖެހުންތަކާއި އެކު އަދިވެސް އުއްމީދަކީ ގައުމީޓީމަށް ކުޅެ ގައުމަށް ރީތިނަން ހޯދައި ދިނުންކަމަށެވެ. މީހުންކުރި މަލާމާތަށް ބެލުމެއް ނެތި ކުރި މަސައްކަތުން ފައިސަލް މިވަނީ ގައުމަށް ރީތި ނަން ހޯދައި ދީފައެވެ.
އަރަމުން އަންނަ ޒުވާނުންނަށް ބުނެލަން އޮތީ ކީކޭތޯ އަހާލުމުން ފައިސަލް ބުނީ ކުޅިވަރަކީ ވެސް އަޚްލާޤް ހިފަހައްޓަން ޖެހޭ އެއްޗެއް ކަމުގައެވެ. ކޮންމެ ކުޅިވަރަކީ ވެސް ރަނގަޅު އަޚްލާގެއް ހުރެގެން ކުރިޔަށް ދެވިދާނެ ދާއިރާއެކެވެ. ކުޅިވަރުގަ ކޯޗުންގެ ބަސް އަހަންޖެހޭނެ ކަމުގައެވެ.
" ކޮންމެ ކަމެއްގައި ވެސް ކުރިޔަށް ދިޔުމަށް ޑިސިޕްލިން އަކީ ވަރަށް މުހިއްމު އެއްޗެއް. ކޯޗުންގެ ބަސް އަހަން ޖެހޭނެ، އެހެން މީހުންނަށް އިހްތިރާމު ކުރަން ޖެހޭނެ. އޭރުން ބޭނުންވާ އެންމެ ދުރަށް ދާން ފަސޭހަވާނެ" ކަމަށް ފައިސަލް ބުންޏެވެ.
ނިންމާލަމުން ފައިސަލް ބުނީ "މިހެން ނުކުޅެ ހުންނަ އިރު ޓީމްތަކުން ފަރިތަކުރާތަން ފެނުނީމަ ދެރަވޭ. އެހެން ވިޔަސް އަދި މި ސީޒަނުގައި ނުފެންނާނެ އޭވެސް ނުބުނާނަން. ރަނގަޅު އޮފަރ އެއް ލިބިއްޖެއްޔާ ފެންނާނެ" ކަމަށެވެ.
ފައިސަލް ބުނީ މިހާރު ފުޓުބޯޅައިގެ ހާލަތު ވަރަށް ދައްކަމަށާއި ފުޓުބޯޅަ ކުރި އަރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުރިއަރައިގެން ދިއުމެވެ.
DPL2019-20