News
ފީފާއިން ނިއު ރޭޑިއަންޓްގެ މައްސަލަ ތަންފީޒު ކުރަން ނިންމުން
25 މެއި 2019
މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓްއިން ފެނިގެންދިޔަ މޮޅު ޑިފެންޑަރު ހާރޫން އަމީރީ ގެ މައްސަލައިގައި ފީފާ އިން އެކުލަބަށް ދިން މުހުލަތު ހަމަވާން ކައިރިވުމާ ގުޅިގެން ފީފާ އިން އިތުރު ސިޓީއެއް އެކުލަބަށް ފޮނުވައިފިއެވެ. މިސިޓީގައި ބުނެފައިވަނީ ދައްކަންޖެހޭ މިންވަރު ދައްކައި ޚަލާސް ނުކޮއްފިނަމަ ކުރިއަށް އޮތް ތިން ޓްރާންސްފާރ މުއްދަތު ތަކުގައި ނިއު އަށް ކުޅުންތެރިން ނުގެނެވޭނެ ކަމަށެވެ.
މިދިޔަ ފެބްރުވަރީ މަހު ފީފާ އިން ވަނީ އަމީރީ ގެ މުސާރައިގެ ގޮތުގައި ދައްކަންޖެހޭ 13،250 ޑޮލަރާއި އުސޫލުން ބޭރުން ބާތިލް ކުރެވުނު ކޮންޓްރެކްޓް ގެ ޖޫރިމަނާ ގެ ގޮތުގައި ދައްކަން އޮތް 30،130 ޑޮލަރު (ޖުމްލަ 703،707ރ.) ދެއްކުމަށް ނިއު ރޭޑިއަންޓް އަށް އަންގާފައެވެ. ދެވިފައިވާ މުހުލަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކުރިއައް އޮތް 3 ޓްރާންސްފާރގެ މުއްދަތުގައި ސަސްޕެންޑް ކުރާނެ ކަމަގެ އިނޒާރުވެސް ވަނީ ފީފާއިން ނިއުރޭޑިއަންޓަށް ދީފައެވެ. މި އަދަބަށް ދެން އެންމެ އަވަހަށް އޮތް ޓްރާންސްފާރގައި އަމަލުކުރަން ފެށޭނެ ކަމަށްވެސް ފީފާ އިން ބުންޏެވެ.
މި މޭ މަހުގެ 15 ގައި ފީފާއިންވަނީ ނީއުރޭޑިއަނޓްއިން އެއަށް އަމަލުކުރަން ފެށިތޯ ބެލުމުގެ ގޮތުން އެކަމުގެ ލިޔެކިޔުންތަކަށް އެ ކުލަބުގެ ފަރާތުން އެދިފައެވެ. ނަމަވެސް ނިއު ރޭޑިއަންޓްއިން އެއަށް ޖަވާބު ދާރީ ވެފައި ނުވާތީ ދެން އެންމެ އަވަހަށް ފެށޭ ޓްރާންސްފާރ މުއްދަތުގައި އެ އަދަބާއި އެއްގޮތްވާނެ ގޮތުގެ މަތީން އަމަލު ކުރަން ފަށާނެކަމަށް ވަނީ ފީފާއިން ބުނެފައެވެ.
މީގެ އިތުރުން މިދިޔަ މާރޗް މަހު ފީފާއިން ވަނީ ނިއުރޭޑިއަންޓްއަށް މިދިޔަ ސީޒަންގައި ކޯޗުކަން ކޮށްދިން ޕޯރޗުގަލްގެ ބެނާޑޯ ޓަވަރޭޒްއަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 4000 ޑޮލަރާއި ނިއުއިން ހަދާފައިވާ ކޮންޓްރެކްޓާއި ޚިލާފުވުމާއި ގުޅިގެން ދައްކަންޖެހޭ 20،000 ޑޮލަރާއި ފީފާއަށް ދޭންޖެހިފައިވާ 7961 ޑޮލަރުވެސް ދައްކަން އަންގާފައެވެ. ޖުމްލަ އަދަދު އިންޓްރެސްޓާއި އެއްކޮށްލީމައި 33،161 ޑޮލަރަށް އަރަޔެވެ. އެއީ 511،342.62 ރުފިޔާއެވެ.
ނިޒާމްބެއާއިއެކު ނިއުގެ ސަޕޯޓރުންނާއި ހެޔޮއެދޭފަރާތްރަކުން ނިއު އަނބުރާ ގެނޭވޭތޯ ވަނީ ވާހަކަ ދައްކަން ފަށާފައެވެ. ޗެއާރމަން މުޙައްމަދު ޒިޔާދު އިސްތިއުފާ ދިނީވެސް މިކަމަށް ފުރުސަތު ދީ ކުލަބަށް ފަސޭހަ ކޮއްދިނުމުގެ ގޮތުންނެވެ. މިހާރު އެކްޓިންގް ޗެއާރމަން އަކަށް ހޮވިފައިވާ ސައްޔިދު ޢަލީ އަންނަނީ ބޯޑުގެ މެމްބަރުންނާއި ސަޕޯރޓަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައި ކުލަބަށް މިސީޒަންގައި ކުޅެވޭނެ ފުރުސަތު ލިބޭތޯ މަސައްކަތްކުރަމުންނެވެ.
ދިވެހި ޕްރީމިއަރ ލީގު ފެށެން ވަރަށްވެސް ކުޑަތަން ވެފައި ވާއިރު ނިއު ރޭޑިއަންޓް އަށް މިއަންނަނީ ދުވަހެއްވުރެ ދުވަހެއް ދަތިވަމުންނެވެ. މިއަންނަމަހު 7 ގައި ފަށާ ލީގުގައި އެކުލަބްގެ މޫނު ދައްކަން ބޭނުމިއްޔާ މިއަދަދުތައް ދައްކާ ޚަލާސް ކުރަން ޖެހެއެވެ.
ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް ބިދޭސީ ކުޅުންތެރިން އެފް.އޭ.އެމް ފީފާ